Friday, April 23, 2010

ރާބޯ މީހުނަށް ބަނގުރާ ބަހައްޓަންޖެހެންޏާ ޖުވަކުޅޭ މީހުނަށް ކެސިނޯވެސް ހުނަންވާނެތާއެވެ. ހަށިވިއްކާ މީހުނަށް ނާސިގެތައްވެސް ބަހައްޓަން ޖެހޭނެތާއެވެ.

އަބްދުﷲ މުއާޛް - ހާމަ ޑައިލީ
ދިވެހިރާއްޖެއަކީ އިސްލާމީ އުސޫލުގެ މަތީގައި ބިނާވެފައިވާ ދައުލަތެއްކަމުގައި ޤާނޫނު އަސާސީގެ ދެވަނަ މާއްދާގައިބުނެފައި އެބައޮތެވެ. ޤާނޫނު އަސާސީގެ މައިގަޑު މަސްދަރަކީ އިސްލާމް ދީންކަމަށް ޤާނޫނު އަސާސީގައިވެއެވެ. އިސްލާމްދީނާއި ޚިލާފު ޤާނޫނެއް ނުހެދޭނެކަމަށްވެސް ޤާނޫނު އަސާސީގައި އޮވެއެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުން މަނާކުރުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ވެއްދުމާގުޅިގެން އެބިލު ވަންދޮރުން ވަނީ ސައްޕުޖަހާ ބޭރުކޮށްލާފައެވެ. ހުއްޖަތަކަށް ދެއްކީ ރާއްޖޭގެ ވަކިތަނެއްގައި ރާވިއްކުން މަނާކުރުމަކީ އެހެންތަންތާ ރާވިއްކުން ހުއްދަކުރުން ކަމުގައި ވާނެކަމަށްޓަކައި ވަކިތާކު ރާވިއްކުން މަނާކުރާ ޤާނޫނެއް ހެދުމަކީ ޤާނުނު އަސާސީއާއި ޚިލާފުކަމަކަށްވުމެވެ. ވެރިކަން ކުރާ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނާއި، އެނޫން ބައެއް މެންބަރުންވެސް އެރޫޙުގައި މަޖިލީހުގެ ތަޅުމުގައި ހަރުއަޑުން ބުނަމުން ދިޔައީ މަނާކުރަންޏާ މަނާކުރަންވާނީ މުޅިރާއްޖޭގައި ރާވިއްކުން ކަމަށެވެ. އެބަހަނާގައި މީހުން ދިރިއުޅޭރަށް ރަށުގައި ބަނގުރަލާއި އޫރުމަސް ވިއްކުން މަނާ ކުރާ ޤާނޫނެއް ފާސްވިޔަނުދީ މަޖިލިހަށް ބަލައިވެސް ނުގަނެ އެބިލްވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ. މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން ޤާނޫނު އަސާސީއަށް އިޙުތިރާމްކޮށް އެވަރުގެ ނިންމުމެއް ނިންމެވުވުމުން ރާއްޖޭގައި ބަނގުރާ މަނާކުރުން ދެން މާލަހެއް ނުވާނެކަމަށް ބަޔަކަށް ހީކުރެވުނެވެ. ރާއްޖެއަށް އެތެރެކުރުން މަނާ އެއްޗެއްގެ ގޮތުގައި ބަނގުރަލާއި އޫރުމަސް ހިމެނިގެންދާތަން ދެކޭހިތުން ބަޔަކުތިއްބެވެ.


އޭގެފަހުން، ރާއްޖޭއަށް އެތެރެކުރުން މަނާތަކެތީގެ ޤާނޫނަށް އިސްލާޙެއް ހުށަހެޅުނުތަން މަޖިލީހުން ފެނިގެން ދިޔައެވެ. ރާއްޖެއަށް ބަނގުރަލާއި އޫރުމަސް އެތެރެ ކުރުން މަނާކުރުމުގެ ބޭނުމުގައެވެ. ސައްތައިން ސައްތަ އިސްލާމީ ޤައުމުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކިބައިގާއި ދީނަށް ނަޞްރުދިނުމުގެ ރޫހު ހުރިމިންވަރު ވަޒަންކޮށްލުމަށް ލިބުނު ފުރުޞަތަކަށް އެކަންވެގެން ދިޔައެވެ. ރާއްޖޭގެ ބައެއްގައި ބަނގުރާ ވިއްކާފާ އަނެއްބައިގާ ބަނގުރާ ނުވިއްކާ ގޮތަށް ހަދާ ޤާނޫނަކަށް ވޯޓުދޭން ބިރުން، މީހުންއުޅޭ ރަށްރަށުގައި ބަނގުރަލާއި އޫރުމަސް ވިއްކުން މަނާކުރާ ބިލަށް ވޯޓުނުދީ މުޅިރާްޖޭގައި ބަނގުރަލާއި އޫރުމަސް މަނާ ކުރަން ގޮވާލި އެެއްކަލަ މެންބަރުންތައް މިއިސްލާޙު ހުށަހެޅިއިރު ކޮބައި ހެއްޔެވެ. އިސްލާމް ދީނަށްޓަކައި އެއިސްލާޙު ފާސްކޮށްލާކަށް ނުކެރުނެވެ. ކުރިންވެސް އެކަން އެގެއެވެ. ނުކުރާނެއެވެ. ނުވެސް ކުރެވޭނެއެވެ. އެއަށްވުރެ ބޮޑަށް މާއްދިއްޔަތަށް މިތިބެވެނީ އަޅުވެތިވެވިފައެވެ.


އިސްލާމް ދީނާއި ރާއްޖޭގެ ޤާނޫނު އަސާސީއަށް ޙުރުމަތްތެރިކޮށް ހިތުމަށް ހުވާކޮށްގެން ތިބެ ދީނަށް ނަޞްރުދޭން ކެރޭ ބަޔަކަށް މަޖިލީހުގެ ގިނަ މެންބަރުންނުވިއެވެ. އާއެކެވެ. އިސްލާމްދީނުގައި ބަނގުރާ ޙަރާމެވެ. އޭގެ ވިޔާފާރިވެސް ޙަރާމެވެ. އެއީ ވަކި ޙާލަތެއްގައި ހުއްދަވެފައި ހަރާމްވާ އެއްޗެއް ނޫނެވެ. ފުރާނަ ސަލާމަތްކުރުމަށް އެހެން އެއްވެސް ގޮތަކަށް ފުރުޞަތެއްނެތް ހިނދު ބަނގުރާ ހުއްދަވާކަމަށް ހުއްޖަތްދައްކަމުން، އިޤްތިޞާދީ މަންފާއަށްޓަކައި ރާވިއްކުމަކީ މައްސަލައެއްނޫނޭ ބުނެ އެއިސްލާޙު ބަލައިނުގަނެ އެއްލާލީއެވެ.


އަޖައިބެއް ނުވާނެހެއްޔެވެ. ދޭތެރެ ދޭތެރެއިން މަލޭންނާއި ރަށްރަށުން ބަނގުރާ އުފައްދާ މީހުން ފެނިގެން އަތުލައިގަނެ އެމީހުނަށް އެބަ އަދަބުދެއެވެ. ރިސޯޓުތަކުގެ ބަރތަކާއި ގުދަންތަކުގައި ރާއަތުރައިގެންނާއި ފައްލަވަ ކޮށްގެން އޫރުމަހާއި ރާވިއްކާ ނަގާއިރު އެއީ މައްސަލައަކަށްނުވެއެވެ. އިސްލާމުންނޭ ކިޔައިގެން ﷲގަންދީ ހުވާކޮށްގެން ތިބެ ﷲގެ ވަޙީބަސް ފުޅުތަކާ ޗެލެންޖުކުރަން ހެޔޮވާނެ ހެއްޔެވެ. ބިރުނުގަންނަނީ ހެއްޔެވެ. ތިޔަކަހަލަ މަޖިލީހަކަށްވުރެ ﷲ މާބޮޑެވެ. މާމަތިވެރިއެވެ.


ރާއްޖެއަށް ބަނގުރަލާއި އޫރުމަސް އެތެރެކުރުން މަނާކުރަން ބިރުން ތިޔައުޅެނީ އިޤްތިޞާދޭ ކިޔައިގެން ހެއްޔެވެ. ބަނގުރަލާއި އޫރުމަހާ ނުލާ ޓޫރިޒަމް ނުހިންގޭނެކަމަށް ހީވަނީ ހެއްޔެވެ. ﷲގެ ކުޅަދުންވަންތަކަމާ މެދު ޝައްކުވަނީހެއްޔެވެ. ﷲ އަމުރުފުޅަކާ އެއްގޮތަށް ޢަމަލުކޮށް ދީނަށް ނަޞްރު ދިނުމުން ނިކަމެތިވާނޭކަމަށް ހީވަނީ ހެއްޔެވެ.


ބަނގުރާ ނުވިއްކަންޏާ ޓޫރިޒަމް ހަލާކުވެ އިޤްތިޞާދު ފުޑުފުޑުވާނެ ކަމަށް ބުނެ މަޖިލީހުގައި ގަޔަށް ބާރުލާފައި ވާހަކަ ދައްކާއިރު، ސްނާމީ އައިސް އެތައް ރިސޯޓެއް ފުޑުފުޑުވެ އިޤްތިޞާދު ހަލާކުވީ ރާފުޅިތަކާއި އޫރުމަސްތައް އަތުރައިގެން ނަށަނަށާ ތިއްބާކަން ހަނދާން އެބަހުރިބާއެވެ. ޤުދުރަތީ ކާރިސާއަކުން ނުވަތަ ދުނިޔޭގައި ހިނގާ ނޭއްގާނިކަމަކުން ޓޫރިޒަމަށް ނުބައި އަސަރުތައް ކޮށްފައި ހުރީ ރާފުޅިތައް އެތެރެކޮށްގެން ވިއްކާންތިއްބައެވެ. މިހާރުވެސް އައިސްލޭންޑްގެ އަލިފާން ބަރުބަދައެއްގެ ދުމާހުރެ ޔޫރަޕްގައި ދަތުރު ފަތުރު މެދުކެނޑުމުން ރާފުޅިތައް އަތުރައިގެން ތިއްބަސް އެތިބީ އެމީހުނަށް އެތިބީ ރާއްޖޭގައި ރާބޯން ނާދެވިފައެވެ. ހީނުކުރާހާ ބޮޑުގެއްލުމެއް އެކަމުންވެސް އެދަނީ ޓޫރިޒަމަށް ކުރަމުންނެވެ. މިހުރީ އިބްރަތް ޙާޞިލުކުރާންވީ ކަންކަމެވެ.


އަނެއްކޮޅު ޓޫރިޒަމް އިންޑަސްޓްރީގައި، ރާބޯ މީހުނަށް ބަނގުރާ ބަހައްޓަންޖެހެންޏާ ޖުވަކުޅޭ މީހުނަށް ކެސިނޯވެސް ހުނަންވާނެތާއެވެ. ހަށިވިއްކާ މީހުނަށް ނާސިގެތައްވެސް ބަހައްޓަން ޖެހޭނެތާއެވެ. ޑްރަގަކީވެސް މަނާއެއްޗަކަށް ހަދާނޭކަމެއް ނެއްތާއެވެ. އެއީވެސް ފައިދާބޮޑު ވިޔަފާރިއެއް ވިއްޔާއެވެ. އޭރުން ޓޫރިޒަމްގެ އައު މާރކޭޓްތައް ހުޅުވި ގިނަ ފައިސާ ލިބޭނެ ނޫންހެއްޔެވެ. ރާވިއްކަން ބަހައްޓަންޏާ ކެސިނޯތަކާ ނާސިގެތައްވެސް ނުބަހާއްޓާންވީ ކަމެއްވެސް ނެތްތާއެވެ. ނަޢޫޛުބިﷲ...............! raajjeislam

No comments:

Post a Comment