Friday, April 23, 2010

ހައްގޭ ކިޔައިފައި ކޮންމެފަދަ ކަމެއްކުރިޔަސް މިތިބެވެނީ ހަމަ ރުހެވިގެންނެވެ.



އަންހެނުންގެ ހައްޤުތަކަށް އަރައިގަންނަނީ ތިބޭފުޅުންނެވެ!
މިހާރަކަށް އައިސް ކޮންމެވެސް ބައެއްގެ ހައްގެއް ގެއްލިގެން އެ ހޯދަން މުޒާހަރާ ކުރުމާއި، ތަން ތަނަށް ސިޓީ ފޮނުވުމާއި، މީޑިޔާތަކުގައި އެވާހަކަތަށް ދެއްކުމަކީ ވަރަށް އާންމުވެފައިވާ ކަމެކެވެ. އެއްބަޔަކު މުސްކުޅިންގެ ހައްގުތައް ނުލިބިގެން ދައުވާ ކުރާއިރު އަނެއްބަޔަކު ގޮވަނީ ކުޑަކުދީންގެ ހައްގުތައް ހޯދައިދިނުމަށެވެ. ބައެއްމީހުން އަންހެނުންގެ ހައްގުތައް ނުލިބިގެން އުޅޭއިރު އެހެންތަނަކުން ގޮވަނީ ކުއްވެރިންގެ ހައްގުތައް ހޯދައިދިނުމަށެވެ. ކޮންމެއަކަސް ކޮންމެ ބަޔަކީވެސް އަދި އެއްޗަކީވެސް ކޮންމެވެސް ހައްގެއް ލިބިގެންވާ ބައެއްކަމާއި އެއްޗެއްކަން ކޮންމެ މީހަކުވެސް ގަބޫލުކުރެއެވެ. އަޅުގަނޑު ކުރިން މި އިޝާރާތްކުރި ހައްގުތަކުގެ ތެރެއިންވެސް އަންހެނުންގެ ހައްޤުތައް ނުލިބިގެން އުޅޭމީހުންގެ އަޑުތަކަކީ މީޑިޔާގައި ވަރަށް ބާރަށް ފެތުރޭ އަޑުތަކެކެވެ. އެންމެ ގިނަ ބަޔަކު ކަންބޮޑުވަނީވެސް އަންހެނުންނަށް އެބައި މީހުންގެ ހައްގު ނުލިބޭތީއެވެ. ހައިރާންވާންޖެހޭ ކަމަކީ ބައެއް ފިރެހެން ބޭފުޅުންވެސް ތިމާމެންގެ ހައްގުގެ ވާހަކަ ނުދަށްކާ މި ކަނބަލުންގެ ހައްގުގައި ވަކާލާތު ކުރާކަމެވެ. ފަހަރުގައި މިއީ އެބޭފުޅުންގެ ދީލަތިކަމާއި ހިތް ތިރި ކަމަށް ވުމީވެސް ހަމަ ވެދާނެކަމެކެވެ.


އަންހެނުންނަށް އެކަނބަލުންގެ ހައްގުތައް ހޯދައިދިނުމުގެ ނަމުގައި އަދުގެ ސަރުކާރުންވެސް ގެންދަނީ ވަރަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސިޔާސީ ދާއިރާއަށް އަންހެން ބެފުޅުން ވެއްދުމަށްޓަކައި ގާނޫނު އަސާސީގެ ދަށުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާ އަތޮޅު ކައުންސިލް ތަކާއި، ރަށު ކައުންސިލް ތަކުގެ މެންބަރުންގެ ވަކި އިންސައްތައެއް އަންހެން ބޭފުޅުންނަށް ހާއްޞަ ކުރަށްވާނެކަމަށް ރައީސް ނަޝީދުގެ ރޭޑިޔޯ ހިޠާބެއްގައި ވިދާޅުވި ވާހަކަ އަޅުގަނޑު ހަނދާން އެބަހުއްޓެވެ. އަދި މިއެއްވެސް ނޫނެވެ. ރައްޔެތުންގެ މަޖިލީހުގެ އިންތިހާބުގެ ކުރިންވެސް އެބޭފުޅާ ، ވަކި ޕާޓީއަކަށް ބެލުމެއްނެތި 10 އަންހެން ކަނބަލުންނަށް ކެމްޕޭން ކޮށްދެއްވާނެކަމަށް ވެސް ވަނީ ވައުދުވެފައެވެ. އެކަން ކޮށްދެވުނުތޯ ނުވަތަ ނޫންތޯ، އެއީ އެހެން ބަހުސެކެވެ. މިހުރިހާ ކަމަކީވެސް އަންހެނުންނަށް ނުލިބިގެން އުޅޭ ހައްގުތައް ހޯދައިދިނުމުގެ ނަމުގައި އަދުގެ ސަރުކާރުން ކުރަށްވަން ވައުދު ވެފައިވާ ކަންކަމެވެ.

ސަރުކާރުން މިފަދައިން އަމަލު ކުރަން ފެށުމުން އެއްކަލަ ހައްގުތައް ނުލިބިގެން ކިރުބޯކުއްޖަކު "ރޯފަދައިން" ރޮމުން ދިޔަ ކަނބަލުންތައް ތިބީ ވަރަށް ހެދިފައެވެ. ގަބޫލު ކުރެވުނީ އެކަނބަލުންގެ ހައްގުތައް ފުރިހަމަވަނީކަމަށެވެ. ނަމަވެސް ހަޤީ ގަތަކީ އެއީ ސަރުކާރުން އަންހެން ބެފުޅުންގެ އަތުން ނިގުޅައިގެން ހައްގުތަކެއްކަމެވެ. އެކަނބަލުންގެ ހައްގުގައި މަސައްކަތް ކުރާ ފަރާތްތަކުގެ މޫނުމަތީގައި ޖެއްސެވި ތަފާލެއް ކަމެވެ. އާދެ ކުޑަ ކުޑަ މިސާލެކެވެ. ސަރުކާރުން އެވިދާޅުވަނީ ކައުންސިލް ތަކުގެ 10 އިންސައްތަ އަންހެން ކަނބަލުންނަށް ހާއްޞަ ކުރަށްވާނެ ކަމަށެވެ. މިހެން ހެދުމުން އެކަނބަލުންނަށް ކައުންސިލްގެ 100 އިނސައްތަ ހޯދުމަށް އޮތް މަގު ބަންދުވީއެވެ. އެ މިންގަނޑު ކަނޑަނާޅާނަމަ އަންހެން ބޭފުޅުން ކުރިމަތި ލަށްވައިގެން މުޅިކައުންސިލް އަންހެން ކަނބަލުންގެ އަތްދަށަށް ގެނައުމުގެ ފުރުޞަތުވެސް އެބައޮތެވެ. އެހެންނަމަވެސް އެ ހައްގު އެއޮތީ ސަރުކާރުން ، ހައްގު ހޯދައިދިނުމުގެ ނަމުގައި ނިގުޅައިނެފައެވެ. ސަރުކާރުން އެކުރީ މީހަކު ލޯބިން ފިރުމާލުމުގެ ނަމުގައި ކަންކަށިމަތީ ވިއްލާލުން ފަދަކަމެކެވެ. ހައްގުތައް ނުލިބިގެން ދައުވާ ކުރާމީހުންނަށް އެމީހުންގެ ހައްގުތައް އެނގޭ ވަރަކީ މިހުރީއެވެ. ހައްގޭ ކިޔައިފައި ކޮންމެފަދަ ކަމެއްކުރިޔަސް މިތިބެވެނީ ހަމަ ރުހެވިގެންނެވެ.

ހައްގުތައް ގެއްލިގެން ހަޅޭއް ފަޅޭއް މިޖާހާ އަންހެނެއް ކުރެން ތިޔައިގެ ތެރެއިން ބޭފުޅަކު ނުލިބިގެން އުޅެނީ ކޮން ހައްގެއް ތޯ އަޅެސުވާލު ކޮށްލަބަލާށެވެ. އެކަނބަލުންނަށްވެސް ގެއްލިގެން އުޅޭ ހައަގަކީ ކޮބައިކަމެއް ބަޔާންކޮށްދޭން އެނގޭނެކަމާމެދު އަޅުގަނޑަށް ޝަށްކެވެ. ފިރެހެނުން ސޯޓުބުރި ލައިގެން ފުޓުބޯޅަކުޅޭތީވެ (މިދަންނަވަނީ އައުރަ ނާވާ ނުވާވަރުގެ ސޯޓު ބުރި ލައިގެން ކުޅޭ ވާހަކައެއް ނޫން) އެކަނބަލުންނަށްވެސް އެފަދައިން އުޅެވެން ޖެހޭނެކަމަށް ދައުވާކުރާނަމަ އެދައުއުވާކުރެވެނީ އަމިއްލަ ހައްގު ނިގުޅައިގަތުމަށް އެދިއެވެ. އެކަނބަލުންގެ ދައުވާއަކީ ފިރެހެނުން ވަރިކުރާ ފަދައި ވަރިކުރުމުގެ ހައްގު ލިބުމަށް ކަމުގައިވާނަމަ އެ ވަކާލާތުކުރެވެނީވެސް އަމިއްލަ ހައްގު ނިގުޅައިގަތުމަށެވެ. ނުވަތަ އެކަނބަލުންގެ ދައުވާއަކީ ފިރެހެނުން ކޯޓުތަކުގެ ގާޟީކަން ކުރާ ފަދައިން އެކަނބަލުންވެސް ކުރުމުގެ ހައްގު ހޯދުމަށްކަމުގައިވާނަމަ އެ މަސައްކަތް ކުރެވެނީވެސް ހަމަ އެކަނބަލުންގެ ހައްގު އަމިއްލަޔަށް ނިގުޅައިގަތުމަށެވެ. މިދެންނެވި އެއްޗެއްގެ ތަފްސީލަށް ޖެހިލަމާ ހިންގަވާށެވެ. އިސްލާމް ދީނުގައި ގަސްތަކާ ނުލާ މަރާ މީހެއް ހުކުމަކީ މެރުންކަން ތިބޭފުޅުންވެސް ގަބޫލުކުރަށްވާނެއެވެ. މެރުމަކީ އޭގެ ޒާތުގި ގޯސްކަމެއް ކަމުގައި ސިފަ ކުރެވުނަސް ގާތިލް މެރުމަކީ އޭނަގެ ހައްގެއް ނޫންތޯއެވެ؟ އަދި އެމީހަކު ނުމަރައި ދޫކޮށްލުމަކީ އެބޭފުޅެއްގެ ހައްގު ނިގުޅައިގަތުން ކަމަކަށް ނުވާނެ ތޯއެވެ؟ ހަމަ މި ބީދައިން އަންހެން ކަނބަލުންގެ ވަނާތަށް ފޮރުވާ ހިލޭ މީހުންގެ ލޯތަކުން ސަލާމަތް ވުމަކީ އެކަނބަލުންނަށް އަނގަވާފައި ވާ ގޮތަށް ވީހިނދު އެއީ އެމީހުންގެ ހައްގަކައް ނުވާނެތޯއެ؟ އަދި އެ ކަނބަލުން އޮރިޔާންކޮށް ބޯޅަ ދަނޑަށް އެރުވުމަކީ އެ ހައްގު ނިގުޅައި ގަތުމަކަށްވެސް ނުވާނެތޯއެވެ؟

އަންހެނުންގެ ހައްގުތައް ނުލިބިގެން ގޮވާލާ ޖަމާއްތަކަށް ހަގީގަތުގައި މި ގޮވާލެވެނީ އެ ކަނބަލުންގެ ހައްގުތައް ނިގުޅައިގަތުމަށް ކަމާމެދަކު ޝަށްކެއް ނެތެވެ. ނަމަވެސް ބަޔަކު ތިމާމެންގެ ހައްގުތައް ނިގުޅައިގަންނަ އިރު އެ ގެއްލިގެން ދަނީ ހައްގެއްކަން ރޭކާލާނީވެސް، އެންމެ ކުޑަމިނުން ތިމާގެ ހައްގު ތިމާޔަށް އެނގިގެން ނޫންތޯއެވެ. އަންހެނުންގެ ހައްގުތަކައް އަރައިގަންނަނީ އެބޭފުޅުންކަމުގައި އަޅުގަނޑު މިދަންނަވަނީ މިހެންވެގެންނެވެ. މުރާސިލް

No comments:

Post a Comment