Saturday, June 19, 2010

މުސްތަފާ ބުރުވާލެވޭނަކަމުގެ ޔަޤިންކަން އެބައޮތްކަމުގައި މުއްޠަލިބު ވިދާޅުވެއްޖެ

ޚަބަރު - މިނިވަން ނޫސް
އެއްވެސް ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މިނިވަން މެންބަރު އިބްރާހިމް މުއްތަލިބު ހުށަހެޅުއްވި އެޑިއުކޭޝަން މިނިސްޓަރ ޑރ މުސްތަފާ ލުތުފީގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމުގެ ޤަރާރު މިމަހުގެ 03 ވަނަ ދުވަހުގެ މަޖިލިހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މުއްތަލިބު ވިދާޅުވެފައިވަނީ މާތް ރަސްކަލާންގެ ޢަމުރާއި އިރާދައިން، މިޤަރާރަށް ވޯޓަށް އަހައިފިނަމަ، ކާމިޔާބުވާނެކަމުގެ 001 ޕަސަންޓު ގެރެންޓީ އޮތްކަމަށާއި، މިޤަރާރު އެބޭފުޅުން (އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ޕެޓިޝަންގައި ސޮއެކުރެއްވި މަޖިލިސް މެންބަރުން) ހުށަހަޅުއްވާފައިވަނީ ވަރަށް ގިނަ ކަންބޮޑުވުންތަކެއް ހުރުމާއިއެކުގައިކަމަށެވެ. އަދި މިކަމުގައި އަދި އިތުރު ވާހަކައެއް ދައްކަވަން ބޭނުންފުޅުވެނުލައްވާކަމަށްވެސް މުއްތަލިބު އިތުރަށް ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ކަރިކިއުލަމް ސްޓިއަރިންގ ކޮމިޓީއިން ދިވެހި އަދި އިސްލާމް އިޚްތިޔާރީ މާއްދާތަކެއްގެގޮތުގައި އޭލަވަލްގައި ހަމަޖެއްސުމަށް ހުށަހަޅާފައިވާކަމަށްޓަކައި ޑރ މުސްތަފާ ލުތުފީއަށްވަނީ ނުހަނުގިނަ ފާޑުކިޔުންތައް އަމާޒުވެފައެވެ. އަދި މިކަމާމެދު ނުރުހުން ފައުޅުކުރުމުގެގޮތުން ޑރ މުސްތަފާ ލުތުފީގެ ގެކޮޅުގެ ކުރިމަތީގައި ބަޔަކުވަނީ އަޑުއުފުއްލާފައެވެ.

މުއްތަލިބް އިތުރަށް ވިދާޅުވަނީ ސީޓުވެއްޓުމާއިގުޅިގެން އެހެން ޢިމާރާތަކަށް ބަދަލުކުރެވުނު ޢަރަބިއްޔާ ސްކޫލްގެ ކުދިން އެހެން ސްކޫލްތަކަށް ބަހާލާނެކަމަށް ޑރ މުސްތަފާ ލުތުފީ މުއްތަލިބް އަރިހު ވިދާޅުވެފައިވާކަމަށެވެ. އެހެންނަމަވެސް ޑރ މުސްތަފާ ލުތުފީ މިނިވަން ނިއުސްގައި ވިދާޅުވެފައިވަނީ ޢަރަބިއްޔާ ސްކޫލްގެ ޢިމާރާތް އަލުން ބިނާކުރުމަށްޓަކައި މިއަދު ތަޅަން ފެށޭނެކަމުގައެވެ.

މިނިސްޓަރ ޑރ މުސްތަފާ ލުތުފީގެ އެދިވަޑައިގަތުމަކަށް ބުރާސްފަތިދުވަހުގެ ވަގުތަކަށް މުއްތަލިބް މިނިސްޓަރާ ބައްދަލުކުރައްވަން ހަމަޖެހިފައިވާކަމަށާއި، އެޑިއުކޭޝަން މިނިސްޓްރީގެ ވިސްނުމާއި، ރޫޙް ހުރިގޮތުން ޤައުމީ ތަޢުލީމުގެ ކަންކަން ހެޔޮ ފާލަކުން ދާނޭކަމަށް މިހާރު ޤަބޫލުނުކުރެއްވޭކަން ހާމަކުރައްވަމުން މުއްތަލިބުވަނީ ކަންމިހެން ހުރިކަމަށްޓަކައި ޑރ މުސްތަފާ ލުތުފީއަށް އޮތީ އިސްތިޢުފާ ދެއްވުން ނުވަތަ އިސްލާޙްކުރެއްވުންކަމަށް ވިދާޅުވެފައެވެ.

ކަންމިހެން ހުރިއިރު ޑރ މުސްތަފާ ލުތުފީ ވިދާޅުވީ ހަމަޔާއި އިންސާފުން މިކަންކުރިއަށްގެންދާނަމަ، އިތުބާރު ނެތްކަމުގެ ވޯޓަކާ ހިސާބަށްދާވަރުގެ މައްސަލައެއް މިކަމުގައި ނޯންނާނެކަމަށާއި، މިނިސްޓަރެއްގެ އިތުބާރު ނެތްކަމުގެ ޤަރާރެއް ހުށަހެޅޭނެކަމަށް ޤާނޫނު އަސާސީގައި ބަޔާންވެގެންވަނީ އެމިނިސްޓަރެއް ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމަށް ނުކުޅެދުމުންނާއި ނުވަތަ އެމިނިސްޓަރެއްގެ ވާޖިބު އަދާކުރުމުގައި ޒިންމާދާރުކަން ނެތުމުންކަމަށް ކަމަށެވެ.

އެބޭފުޅާގެ ޒިންމާއަކީ ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުންކަމަށާއި، އެބޭފުޅާ ކުރައްވާ ކޮންމެ ކަމެއްގެ ކުރައްވަނީ އެމަޤްސަދުގައިކަން ފާހަގަކުރައްވަމުން ޑރ މުސްތަފާ ލުތުފީ ވިދާޅުވީ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ޤަރާރުގައި ހުރި ހުރިހާ ނުކުތާތަކަކީ ދީނީ ކަންތައްތަކެއްކަމަށެވެ.

ޖޫންމަހުގެ 8 ވަނަ ދުވަހުގެ ފަރެސް މާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބްވަނީ، ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ 5 މެންބަރުންނާއި، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)އަށް ނިސްބަތްވެވަޑައިގަންނަވާ 3 މެންބަރުންނާއި، ޕީޕަލްސް އެލަޔަންސް (ޕީއޭ)އަށް ނިސްބަތްވެވަޑައިންނަވާ 2 މެންބަރުންގެ ސޮޔާއިއެކު އެޑިއުކޭޝަން މިނިސްޓަރާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓެއްގެ ޤަރާރު ހުށަހަޅުއްވާފައެވެ.

މިދަނޑިވަޅުގައި ސަރުކާރުންދަނީ ނުހަނު ޖޯޝުގައި އެޑިއުކޭޝަން މިނިސްޓަރުގެ ދިފާޢުގައި އަޑުއުފުލަމުންނެވެ.

ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުޙައްމަދު ޒުހައިރު ވިދާޅުވީ މިއީ މިނިސްޓްރީއަކަށްފަހު މިނިސްޓްރީއަކަށް ޙަމަލާދިނުމަށް ޑީއާރްޕީއިން ރާވައިގެން ހިންގާ ޕްލޭންގެ ބައެއްކަމަށާއި، އެންމެ ފުރަތަމަ އެޕާޓީއިން ރާވަނީ އެޑިއުކޭޝަން މިނިސްޓަރު އެއްފަރާތްކުރުމަށްކަމަށެވެ. އަދި އެކަން ކާމިޔާބު ކުރެވިއްޖެނަމަ ދެން ތިބި މިނިސްޓަރުންނާ ދެކޮޅަށް ތެދުވަން ރާވާފައިވާކަމަށާއި، މި އިތުބާރު ނެތްކަމުގެ ވޯޓަކީ ޤައުމާއި ސަރުކާރު ގަޑުބަޑުކުރުމަށް ރާވާފައިވާ ވަނދު ރޭވުމެއްކަމަށެވެ.


މިޚަބަރަކީ މިނިވަން ނޫހުން ނަކަލުކޮށްފައިވާ ޚަބަރެއް

No comments:

Post a Comment