Tuesday, May 18, 2010

ޢިލްމާނިއްޔަތާއި އިސްލާމްދީން ފުށޫއަރާ ކަންތައްތައް


އުއްމު ފާޠިމާ

އެއްވެސް ޝައްކެތްނެތް ގޮތުގައި މިއީ މުސްލިމުން އެބައިމީހުންގެ ދީނާއި ދުރުކުރުމަށްޓަކައި ރެއާއި ދުވާލު ޢަދާވާތްތެރިން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެވެ. އެބައިމީހުން ކުރަމުންދާ ފިކުރީ ހަނގުރާމައިގެ ކާމިޔާބުކަމެވެ. މުސްލިމުން އެބައިމިހުންގެ ދީނާއި ދުރުކުރުމަށްޓަކައި ކާފިރުން ކުރަމުންދާ މިފަދަ މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިއްމު އެއްކަމަކީ ދީނާއި ދައުލަތް ވަކިކުރުމެވެ. ދީނާއި ދައުލަތު ވަކިކުރުމުގެ ސިޔާސަތު ނުވަތަ ޢިލްމާނިއްޔަތު މުސްލިމުންގެ ތެރެއަށް ގެނައުމަށްޓަކައި އެބައިމީހުން ކޮށްފައިވާ މަސައްކަތްތަކަށް ކާމިޔާބުތައް ލިބެމުންދާކަން މިފުރުޞަތުގައި ހާމަ މި ކުރަނީ ނުހަނު ބޮޑަށް ހިތާމަ ކުރާ ޙާލުގައެވެ.

ހަމަކަށަވަރުން އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމު ގެ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ. "بدأ الإسلام غريباً وسيعود غريباً كما بدأ فطوبى للغرباء" މާނައީ" އިސްލާމް ދީން ފެށިގެން އައީ ބީރައްޓެހިގޮތެއްގައެވެ. އަދި އެ ދީން ފެށުނު އިރު ވީ ފަދަ ބިރައްޓެހިކެމެއް ދީނަށް އެނބުރި އަންނާނެއެވެ. ބީރައްޓެހިންނަށް ކާމިޔާބު ލިބިގެންވެއެވެ."( ޞަޙީޙު މުސްލިމު). މި ބަސްފުޅުގެ ތެދުކަން އަޅުގަނޑުމެންގެ މުޖުތަމަޢުތަކުން ފެނިގެން އެބަދެއެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުތައް ވަނީ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެެ ޠާހިރު ސުންނަތަށް ބީރައްޓެހި ވެފައެވެ. ތިމަންމެންނަކީ މުސްލިމުންނޭ ބުނެލުމަކީ "ކަޓު" ކަމެއް ކަމުގައި އަޅުގަނޑުމެންގެ ޒުވާނުން ބަލައިގަންނަން ފަށައިފިއެވެ. އިސްލާމް ދީނުގެ ޝިޢާރުތައް ޢަމަލާއި ބަހުން ދައްކާ މީހަކީ ނާތަހުޛީބު މީހެއްކަމަށް ބައެއް މުސްލިމުންގެ ސިކުނޑިތަކަށް ވަނީ ޤަބޫލުކުރެވެން ފަށައިފައެވެ.(لماذا نرفض العلمانية,ص:5/ محمد محمد بدري)
އެއްވެސް ޝައްކެތްނެތް ގޮތުގައި މިއީ މުސްލިމުން އެބައިމީހުންގެ ދީނާއި ދުރުކުރުމަށްޓަކައި ރެއާއި ދުވާލު ޢަދާވާތްތެރިން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެވެ. އެބައިމީހުން ކުރަމުންދާ ފިކުރީ ހަނގުރާމައިގެ ކާމިޔާބުކަމެވެ. މުސްލިމުން އެބައިމިހުންގެ ދީނާއި ދުރުކުރުމަށްޓަކައި ކާފިރުން ކުރަމުންދާ މިފަދަ މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިއްމު އެއްކަމަކީ ދީނާއި ދައުލަތް ވަކިކުރުމެވެ. ދީނާއި ދައުލަތު ވަކިކުރުމުގެ ސިޔާސަތު ނުވަތަ ޢިލްމާނިއްޔަތު މުސްލިމުންގެ ތެރެއަށް ގެނައުމަށްޓަކައި އެބައިމީހުން ކޮށްފައިވާ މަސައްކަތްތަކަށް ކާމިޔާބުތައް ލިބެމުންދާކަން މިފުރުޞަތުގައި ހާމަ މި ކުރަނީ ނުހަނު ބޮޑަށް ހިތާމަ ކުރާ ޙާލުގައެވެ.ވުމާއެކު،ޢިލްމާނިއްޔަތު މުސްލިމު ޤައުމުތަކުގައި ފެތުރުމަށްޓަކައ ކާފިރުން ކުރަމުންދާ މަސައްކަތަށް ހުރަސްއަޅައި އެކަން ކާމިޔާބު ވިޔަނުދިނުމަކީ އަޅުގަނޑުމެންގެ ހުރިހާ އެންމެގެ ބޮލުގައި އެޅިފައިވާ މަސްއޫލިއްޔަތެކެވެ. ކަންމިހެން އޮތުމާއެކު އަޅުގަނޑު މި އެސައިންމަންޓުގައި ބަލާލާނީ އިސްލާމް ދީނާއި ޢިލްމާނިއްޔަތު ފުށޫ އަރާ ސަބަބަތަކުގެ މައްޗަށެވެ.އެގޮތުން އެންމެ ފުރުތަމަ ޢިލްމާނިއްޔަތަކީ ކޮބައިކަމުގެ މައްޗަށް އަލިއަޅުވައިލާނަމެވެ.
ޢިލްމާނިއްޔަތަކީ ކޮބާ؟
ޢިލްމާނިއްޔަތަކީ ޢަރަބި ބަހުގައި "العلمانية" މިލަފްޡުގެ ޞައްޙަ މުރާދަކީ ލާދީނިއްޔަތެވެ. ނުވަތަ ދުނިޔަވިއްޔަތެވެ. ބައެއް މީހުން މިލަފްޡު ކިޔާއިރު ޢައިނުގައި އިބިފިލި ޖަހައިގެން ކިޔާ އުޅެއެވެ. އެއީ "العِلْم" އަށް ނިސްބަތްކޮށެވެ. ނަމަވެސް މިއީ ޞައްޙަގޮތެއް ނޫނެވެ. އެހެނީ "العلمانية" މިލަފުޡަކީ "العِلْم" އާއި "العِلْم" ން އުފެދިފައިވާ އެހެން ލަފްޡުތަކާއި ގުޅުމެއްނުވާ ލަފުޡެކެވެ. މިކަލިމައަކީ މަކަރުވެރިކާއި އޮޅުވާލުމުގެ މަޤުޞަދުގައި އަދި މީސްތަކުން އާޚިރަތަށްދޭ އަހައްމިއްޔަތުކަން ކުޑަކުރުވުމަށްޓަކައި ހުޅަނގުގެ ކާފިރުން އަމިއްލައަށް ގެނެސްގެން އުޅޭ ޢިލްމާއި އެއްވެސް ގުޅުމެއް ނެތް ކަލިމައެކެވެ. ނަމަވެސް މީސްތަކުންގެ މެދުގައި މަޝްހޫރުވެފައިވަނީ މިގޮތަށް ޢައިނުގައި އިބިފިލި ޖަހައިގެން ކިޔުމަށެވެ.އަނެއްބަޔަކު މިލަފުޡު ކިޔައި އުޅެނީ ޢައިނުގައި އަބަފިލި ޖަހައިގެންނެވެ. އެއީ "العَلْم" އަށް ނިސްބަތްކޮށެވެ. އެބަހީ "العَالَم" އެވެ.(الإسلام والعلمانية وجها لوجه. ص: 48/ د. يوسف القرضاوي)
ހަމައެފަދައިން ދުނިޔޭގައި އެންމެ މަޝްހޫރު ބަސްކަމަށްވާ އިނގިރޭސިބަހުގެ އަހުލުވެރިން ޢިލްމާނިއްޔަތު މާނަކުރަނީ ކޮންގޮތަކަށްކަން ބަލައިލުމަކީ މުހިއްމުކަމެކެވެ. މިގޮތުން އިނގިރޭސިބަހުގައި ޢިލްމާނިއްޔަތަށް ކިޔަނީ "ސެކިއުލެރިޒަމް" އެވެ. އެބައިމީހުން މާނަކުރާގޮތުގައި އެއީ އިޖުތިމާޢީ ޙަރަކާތެކެވެ. އެޙަރަކާތުގެ ލަނޑުދަނޑިޔަކީ މީސްތަކުން ތަހުޛީބުކުރުމެވެ. އަދި އުޚުރަވީ ޙަޔާތުގެ މުހިއްމުކަން މީސްތަކުންގެ ހިތްތަކުން ދުރުކޮށް ދުނިޔަވީ ޙަޔާތަށް މީސްތަކުންގެ ހިތްތައް ލެންބުމެވެ. ހަމައެހެންމެ އެބައިމީހުން ބުނާގޮތުގައި މިކަމަކީ ދީނާއި އެބައިމީހުން އަޅުކަންކުރާ ކަނީސާތަކުގެ އެންމެހާ ކަންތައްތައް، ދައުލަތުގެ ކަންތައްތަކުގެ ތެރެއަށް ނުވަންނާނެކަމަށް ކަށަވަރުކުރުމެވެ.
ވުމާއެކު، "ސެކިއުލެރިޒަމް"ގެ މާނައަކަށް "ޢިލްމާނިއްޔަތު" މި ބަސް އެންމެ އެކަށީގެންވާ ބަހަކަށް ނުވާކަން ކަށަވަރެވެ. އަދި ޢިލްމާނިއްޔަތާއި ޢިލްމާއި އެއްވެސް ގުޅުމެއްމެއް ނުވި ނަމަވެސް މިކަމާއި ދީނާ އޮތް ގުޅުމަކީ އިންސާނީ ޙަޔާތުގެ ހުރިހާ މައިދާންތަކުން ދީން އެއްކިބާ ކުރަން މަސައްކަތް ކުރުންކަންވެސް ކަށަވަރުވެއެވެ. މިގޮތުން ސިޔާސަތާއި އިޤްތިސާދާއި، އިޖުތިމާޢީ އެންމެހާ ކަންތައްތަކާއި ފިކުރީ ކަންތައްތަކުން ދީން އެއްކިބާ ކުރުމީ ޢިލްމާނިއްޔަތުގެ މައި ލަނޑުދަޑިއެވެ.(العلمانية. ص: .18 / د.بندر بن محمد الرباح)
އެހެންކަމުން،ޖުމްލަގޮތެއްގައި ބަލާއިރު ޢިލްމާނިއްޔަތު މާނަކުރެވެނީ، އުޚުރަވީ ޙަޔާތާއި އެޙަޔާތް ލިބިގަތުމަށްޓަކައި ދީނަށް އުޅުމަކީ މުހިއްމުކަމެއް ކަމުގައި ނުދެކި، މުހިއްމު ތަނަކީ ދުނިޔަވީ ޙަޔާތްކަމުގައި ދެކުމަށެވެ.
ޢިލްމާނިއްޔަތު ފާޅުވާން މެދުވެރިވި ސަބަބުތައް
މިބައިގައި އަޅުގަނޑު އަލި އަޅުވާލަން ބޭނުންވަނީ ޢިލްމާނިއްޔަތު ޔޫރަޕު ޤައުމުތަކުގައި އުފެދެން މެދުވެރި މައިގަނޑު ސަބަބުތަކަށެވެ.
1. ކަނިސާ ނުވަތަ ޗާރޗުގެ ފާދިރީންގެެ ޙައްދު ފަހަނަޅާފައިވާ ޢަމަލުތަކުގެ ސަބަބުން.
2. ކަނީސާތަކުގެ ފާދިރީން ޢިލްމާއި ޢިލްމު އުގެނުމާއި ދެކޮޅުވެރި ވުމުގެ ސަބަބުން.
3 ދައުލަތުގެ އެންމެހާ ކަންތައްތަކުން ދީން ވަކިކުރަމަށް ޔަހޫދީން ރޭވި މަކަރުވެރި ރޭވުންތަކުގެ ސަބަބުން. ( العلمانية.ص: 25. / د.بندر بن محمد الرباح)

ޢިލްމާނިއްޔަތު އިސްލާމީ ޤަވްމުތަކަށް ފެތުރުން
ދީނާއި ދައުލަތް ވަކިކުރުމުގެ މި ފިކުރު އިސްލާމީ ޤައުމުތަކާއި ދިމާލަށް މިސްރާބުޖެހިތާ އެތައް ޒަމާނެއް ފަހުން މީލާދީން ވިހި ވަނަ ޤަރުނުގެ ކުރީކޮޅު އުޘްމާނީ ދައުލަތުން މި ފިކުރު ޤަބޫލުކުމާއި ގުޅިގެން އިސްލާމީ ދުނިޔެއަށް މި ނުބައި "ވައިރަސް" ފެތުރެންފެށިއެވެ.ދެން އެއަށް ފަހު އިސްލާމީ ގިނަ ޤައުމުތައް މި ވަބާގެ ޝިކާރަތަކަށް ވާންފެށިއެވެ. އެކި ދައުލަތްތަކަށް އަޘަރު ކޮށްފައިވަނީ އެކި މިންވަރަށެވެ.
އަޅުގަނޑު މިބައިގައި ކުރުގޮތަކަށް، ޢިލްމާނިއްޔަތު އިސްލާމް ޤައުމުތަކަށް ފެތުރެން ދިމާވި ބައެއް މުހިއްމު ސަބަބުތައް ބަޔާންކޮށްލާނަމެވެ. އޭގެތެރޭގައި:-
1. އިސްލާމް ދީނުގެ ޞައްޙަ އަޤީދާއާއި މުސްލިމުން ދުރުވެ ޚުރާފީ ކަންތައްތައް އެބައިމީހުންގެތެރޭގައި ފެތުރުމުގެ ސަބަބުން
2. އިސްލާމީ ޤައުމުތައް އިސްތިޢުމާރީ ބާރުތަކުގެ ދަށަށްދިއުމުގެ ސަބަބުން
3. ފިކުރީ ހަނގުރާމައިގައި މުސްލިމުންޖެހިގެން ދިއުމުގެ ސަބަބުން ( العلمانية.ص:17 / د.بندر بن محمد الرباح)

ޢިލްމާނިއްޔަތާއި އިސްލާމް ދީން ފުށު އަރާ ސަބަބުތައް
ހަމަކަށަވަރުން ޢިލްމާނިއްޔަތާއި އިސްލާމް ދީނަކީ ތަފާތު ދެ ތަބީޢަތެއްގެ ދެ އެއްޗެކެވެ. އެހެންކަމުން ޢިލްމާނިއްޔަތު އިސްލާމް ދީނުގެ މަފްހޫމުތަކާއި ސުލޫކާއި އަދި ތާރީޚާއިވެސް ފުށުއަރައެވެ.މިގޮތުން ޢިލްމާނިއްޔަތާއި އިސްލާމް ދީން ފުށުއަރާ ސަބަބުތަކުގެތެރޭގައި:-
1. ދީނާއި ދައުލަތް ވަކިކުރުން
އެއްވެސް ޝައްކެތްނެތްގޮތުގައި، އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަވަހާރަވެވަޑައިގަތީ ދީނީ އަދި ދުނިޔެވީ ޙަޔާތުގެ އެންމެހާ އުޞޫލުތައް ބަޔާންކޮށް ދެއްވާފައެވެ. މިގޮތުން އެކަލޭގެފާނު މަދީނާއަށް ހިޖުރަ ކުރެއްވުމާ ވިދިގެން އިސްލާމީ ދައުލަތެއް އުފެއްދެވުމަށްޓަކައި މަސައްކަތްޕުޅު ކުރައްވާފައިވެއެވެ. އަދި އެކަލޭގެފާނު އަވާހަރަވެ ވަޑައިގެންނެވި އިރު އެކަލޭގެފާނުގެ މިތުރު ޞަޙާބީންނަކީ ދައުލަތެއް ހިންގުމުގެ ފުރިހަމަ ތަމްރީން ލިބިވަޑައިގެން ތިއްބެވި ބޭކަލުން ކަމުގައި ހެއްދެވިއެވެ. ކަންމިހެން އޮތުމާއެކު، ދީނާއި ދައުލަތް ވަކިކުރަން ކުރާ މަސައްކަތްތަކަކީ އިސްލާމް ދީނުގެ ތަރަހައިން ބޭރު، އެ ދީނާއި އެއްވެސް ގުޅުމެއް ނެތް ޢަދާވާތްތެރިންގެ ރޭވުންތަކެކެވެ. އަދި އިސްލާމް ދީނުގައި ދީނާއި ދައުލަތް ވަކިކުރުމުގެ މި ފިކުރަށް ކުޑަވެސް ފުރުޞަތެއް ނެތްއިރު، އިސްލާމް ދީނުގައި ދުނިޔެވީ ޙަޔާތާއި އުޚުރަވީ ޙަޔާތް ބާއްޖަވެރި ކުރުމަށް މަސައްކަތްކުރުމަށް އަންގަވާފައިވެއެވެ.(الإسلام والعلمانية وجها لوجه. ص:59/ د. يوسف القرضاوي) މާތްﷲގެ ވަޙީ ބަސްފުޅުގައި ވަނީ މިފަދއިންނެވެ.(ومنهم من يقول ربنا آتنا في الدنيا حسنة و في الآخرة حسنة وقنا عذاب النار. أولئك لهم نصيب مما كسبوا والله سريع الحساب) މާނައީ" އަދި، އަޅަމެންގެ ވެރި އިލާހޭވެ! ދުނިޔޭގައިވެސް ހެޔޮކަން އަދި އާޚިރަތުގައިވެސް ހެޔޮކަން ދެއްވައި ނަރަކައިގެ އަޛާބުން އަޅަމެން ދިންނަވާނދޭ ކިޔައި ދުޢާ ކުރާ ބަޔަކު އެބައިމީހުންގެތެރޭގައި ވެއެވެ. ފަހެ އބައިމީހުން ހޯދި ހެޔޮކަމުގެ ނަޞީބު އެބައިމީހުންނަށް ހުއްޓެވެ. ހަމަކަށަވަރުން ﷲއީ ޙިސާބު ބެއްލެވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ. (ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ: ސޫރަތުލް ބަޤަރާގެ 201-202 )
2. ޢިލްމާނިއްޔަތުގައި އިސްލާމީ ޝަރުޢު ޙަރާމްކުރާ ކަންތައްތައް ހުއްދަވެފައިވުން
އިސްލާމީ ޝަރީޢަތަކީ ޖުމްލަ ގޮތެއްގައި ބަދަލުވުމެއް ނެތް ޝަރީއަތަކަށް ވީ ނަމަވެސް، މި ޝަރީޢަތުގެ ތެރޭގައި ބަދަލު އަންނަ ކަންތައްތަކަކާއި އެއްވެސް ބަދަލެއް ނައިސް ދެމި އޮންނަނިވި ކަންތައްތަކެއް ހިމެނެއެވެ. އަޅުކަމުގެ އެންމެހާ ކަންތައްތަކާއި، ޙައްދުތަކާއި އަދި ދެ ޖިންސުގެ ގުޅުމަކީވެސް ބަދަލުވުމެއްނެތި ދެމި އޮންނަނެވި ޙުކްމްތަކެއްވާ ކަންތައްތަކެކެވެ. ނަމަވެސް ޢިލްމާނިއްޔަތު މިފަދަ ޘާބިތު އަދި ބަދަލެއް ނައިސް ދެމި އޮންނަ ޙުކުމްތަކަށްވެސް ބަދަލުގެނެއެވެ. މިގޮތުން ދެ ފަރާތް ރުހިގެން ކުރާ ޒިނޭ އެއީ ކުށެއް ކަމަކަށް ނުބެލުމާއި ލިވާޠު އަދި ސިޙާޤުފަދަ ފާޙިޝް ކަންތައްތައް ހުއްދަކުރުން ހިމެނެއެވެ. މީގެ ދިރިހުރި މިޘާލެއްގެ ގޮތުން، މިޞްރުގެ ޤާނޫނުލް އުޤޫބާތުގައި އަށާރަ އަހަރު ނުފުރޭ ދެކުދިން ރުހުމުގައި ޒިނޭކޮށްފިނަމަ އެ ދެކުދިންގެ މައްޗަށް އެއްވެސް ކުށެއްނެތްކަމަށް ބަޔާންވެފައިވުން ހިމެނެއެވެ.( لمذا نرفض العلمانية.ص: 38 / محمد محمد بدري) ނަވަމެސް އަޅުގަނޑުމެންގެ ދުސްތޫރަ ކަމުގައިވާ ކިރިތި ޤުރުއާނުގައި މާތްﷲ ވަނީ ޒިނޭ ޙަރާމްކުރައްވާފައެވެ. އެ އިލާހު ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ،(ولا تقربوا الزنى إنه كان فاحشة و ساء سبيلا) މާނައީ" ތިޔަބައިމީހުން ޒިނޭއާއި ކައިރި ނުވާށެވެ. ހަމަކަށަވަރުން އެއީ ފާޙިޝު ޢަމަލެކެވެ. އަދި މަގެއްގެ ގޮތުން އެއީ ހާދަހާ ނުބައިކަންބޮޑު މަގެކެވެ."( ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ: ސޫރަތުލް އިސްރާގެ 32)
ހަމަކަށަވަރުން ކަމައް ނުކުރާށޭ ބުނުމަށްވުރެ އެކަމާއި ކައިރިނުވާށޭ ބުނުމުން، އެކަމުގެ ހުރި ނުރައްކާތެރިކަން ދޭހަވެއެވެ.
މިފަދަ ގޮތަކަށް ޢިލްމާނިއްޔަތުގައި ރިބާއާއި އަދިވެސް އިސްލާމީ ޝަރީޢަތުގައި ޙަރާމްކުރެވިފައިވާ ބޮޑެތިކަންތައްތައް ހުއްދަކުރުމާއި އަދި މާތްﷲ ހުއްދަ ކުރެއްވި ކަންތައްތައް ޙަރާމްކުރެއެވެ. ކަންމިހެން އޮތުމާއެކު ޢިލްމާނިއްޔަތާއި އިސްލާމް ދީން ފުށު އަރައި، އަދި މުސްލިމުން ޢިލްމާނިއްޔަތާއި ދެކޮޅުވެރިވެއެވެ.
3. ޢިލްމާނިއްޔަތުގައި ކުފުރުވެރިވުމަށް ގޮވާލުން
ޢިލްމާނިއްޔަތުގެ ޙަޤީޤަތަކީ ދައުލަތުގެ އެންމެހާ ކަންތައްތަކުން ދީން އެއްކިބާ ކުރުމެވެ. މީގައި ފޮރުވިފައިވާ މާނައަކީ ﷲގެ ޝަރީޢަތްވެފިޔަވައި އެހެން ޝަރީޢަތަކަށް އެދުމެވެ. މާތް ﷲ އެ އިލާހުގެ ފޮތުގައި އަންގަވާފައިވާ ޙުކުމްތަކަށް އިންކާރުކޮށް އެއާއި ދެކޮޅު ހެދުމެވެ. މާތްﷲ ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ.( أفحكم الجاهلية يبغون ومن أحسن من الله حكماً لقوم يوقنون) މާނައީ " ފަހެ ތިޔަބައި މީހުން އެދެނީ ޖާހިލީ ޒަމާނުގެ ޙުކުމަށް ހެއްޔެވެ. ޔަޤީން ކުރާ ބަޔަކަށް ﷲ އަށް ވުރެ ޙުކުމް ކުރެއްވުމަށް މޮޅީ ފަހެ ކާކު ހެއްޔެވެ"(ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ: ސޫރަތުލް މާއިދާގެ 50 ) ކަންމިހެންއޮތްއިރު، ޢިލްމާނިއްޔަތަށް ތަބާވުމަކީ ﷲ ގެ ފޮތާއި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައި ވަޞައްލަމުގެ ސުންނަތް ދޫކޮށްލުމެވެ. އެހެންކަމުން،ޢިލްމާނިއްޔަތުގެ އަޘަރު މުސްލިމު ޤައުމުތަކަށް ފޯރުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ އެ ޤައުމުތަކުގެ ޤާނޫނުތައް ވަޟުއީ ޤާނޫނުތަކަށް ވެގެންދިއުމެވެ. ( العلمانية, نشأتها و تطورها. ص: 198 / د.سفر بن عبد الرحمن الحوالي) މިސަބަބަށްޓަކައި އިސްލާމް ދީނާއި ޢިލްމާނިއްޔަތު ފުށު އަރައެވެ.
4. ޢިލްމާނިއްޔަތުގައި ޤާނޫނުތަކުގެ މަޞްދަރަކީ ރައްޔިތުން ކަމުގައިވުން
އެއްވެސް ޝައްކެތްނެތް ގޮތުގައި އިސްލާމް ދީނުގެ މަޞްދަރަކީ ގަދަ ކީރިތި ވަންތަ އަރަހުށި މާތްﷲ އެވެ. އެ އިލާހަކީ އެންމެހާ ޚަލްޤުތައް އުފެއްދެވި އިލާހު ކަމަށް ވުމުން އެންމެންނަށް އެންމެ އެކަށޭނެ ޤާނޫނެއް ދެނެވޮޑިގަންނަވާނީ އެ ފަރާތްކަމާއި މެދު އެއްވެސް ޝައްކެތްނެތެވެ. ނަމަވެސް ދީނާއި ދައުލަތް ވަކި ކުރުމުގެ މި ޖާހިލީ ނިޒާމުގައި އެންމެހާ ޤާނޫނުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އެހެންކަމުން މި ޤާނޫނުތަކުގައި އަބަދުވެސް މައްސަލަ އުޅޭކަން އެއީ ދުނިޔެ ދައްކަމުންދާ ޙަޤިޤަތެކެވެ.( الإسلام والعلمانية وجها لوجه. ص:61/ د. يوسف القرضاوي)
5. މުސްލިމުންގެ މަންހަޖާއި ޢިލްމާނިއްޔަތު ތަޢާރުޟުވުން
ދީނާއި ދައުލަތް ވަކިކުރުމުގެ މި ނިޡާމު ގޮވާލަނީ ދީނަށް އުޅެން ބޭނުންވާ މީހުން މިސްކިތްތަކުގެ ހަތަރުފާރުން ބޭރަށް ނުނިކުތުމަށެވެ. ނަމަވެސް އިސްލާމީ މަންހަޖު މި ފިކުރާއި މުޅިން ތަޢާރުޟުވެއެވެ. އެހެނީ ﷲ ތަޢާލާ އިންސާނުން އުފެއްދެވުމަށް ފަހު ދުނިޔޭގައި ލެއްވީ އެ އިލާހަށް އަޅުކަންކޮށް ދުނިޔޭގައި އުޅޭ ޚަލީފާއެއްގެ ގޮތުގައެވެ. އިންސާނުން ޚަލްޤުކުރެއްވުމުގެ މަޤްޞަދަކީ ހަމައެކަނި ﷲއަށް އަޅުކަންކުރުން ކަމަށް ވާފަދައިން، އެބައިމީހުން ދުނިޔޭގައި ޚަލްޤުކުރެއްވުމުގެ މަޤްސަދަކީ ދުނިޔެ އާރާސްތުކުރުމެވެ. މާތްﷲ ޤުރުޢާނުގައި ވަޙީ ކުރައްވާފައިވެއެވެ.(وإذ قال ربك للملائكة إنى جاعل في الأرض خليفة....) މާނައީ" ހަމަކަށަވަރުން ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ބިމުގައި ޚަލީފާއަކު ލައްވާ ހުށީމޭ މަލާއިކަތުންނަށް ވަޙީކުރެއްވި ހިނދު ހަނދުމަކުރާށެވެ....."(ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ: ސޫރަތުލް ބަޤަރާގެ 30 )
6. ޢިލްމާނިއްތަޔުގައި އަޚުލާޤީ އަދި ސުލޫކީ މިންގަޑުތަކަށް އަހައްމިއްޔަތުކަމެއް ދެވިފައި ނުވުން.
އިސްލާމް ދީން އިންސާނުންނަށް ގެނެސްދިން އެންމެ މަތިވެރި އެކައްޗަކީ ރިވެތި އަޚުލާޤެވެ. ﷲތަޢާލާގެ ވަޙީ ބަސްފުޅުތަކުގައާއި އެ އިލާހުގެ މާތް ނަބިއްޔާގެ ޠާހިރު ސުންނަތުގައި މަކާރިމުލް އަޚުލާޤަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާފައިވާކަން އެއީ އެ ނުޞޫޞުތަކަށް ބަލާލި ކޮންމެ މީހަކަށް ކަށަވަރުވާނެ ޙަޤީޤަތެކެވެ. އިސްލާމް ދީން މީސްތަކުންނަށްޓަކައި ގެނެސްދިން ރީތި ސުލޫކުގެތެރޭގައި މީހުންނާއި ހެޔޮކޮށް މުޢާމަލާތްކުރުމާއި، ޢަދުލުވެރިވުމާއި އަމާނާތްތެރިވުންފަދަ މަތިވެރި ސިފަތައް ހިމެނެއެވެ. މާތްﷲ ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ.( إن الله يأمركم أن تؤدوا الأمانات إلى أهلها وإذا حكمتم بين الناس أن تحكموا بالعدل) މާނައީ" ހަމަކަށަވަރުން، އަމާނާތްތައް އޭގެ އަހުލުވެރިންނަށް ރައްދުކުރުމަށް ﷲ ތިޔަބައިމީހުންނަށް އަމުރުކުރައްވައެވެ. އަދި ބަޔަކު މެދުގައި ޙުކުމްކުރާނަމަ ޢަދުލުވެރިކަމާއެކު ޙުކުމްކުރުމަށްވެސް ﷲ ތިޔަބައިމީހުންނަށް އަމުރު ކުރައްވައެވެ" ( ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ: ނިސާ 58 ) ހަމައެފަދައިން މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ." إنما بعثت لأتمم مكارم الأخلاق" މާނައީ" ތިމަން ނަބިއްޔާ ފުނޮއްވުނީ މަކާރިމުލް އަޚުލާޤު ފުރިހަމަ ކުރެއްވުމަށެވެ."(ޞަޙީޙުލް ބުޚާރީ 6/665 ) ހަމައެފަދައިން މާތް ނަބިއްޔާ މުޙޢްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ " ޤިޔާމަތް ދުވަހުން އަޅާގެ ތިލަފަތް އެންމެ ބަރުވެގެންދަނީ ރިވެތި އަޚުލާޤުގެ ސަބަބުންނެވެ."
ނަމަވެސް ދީނާއި ދައުލަތް ވަކި ކުރުމުގެ މި ނިޡާމުގައި މި ފަދަ އަޚުލާޤީ މިންގަނޑުތަކަށް އަހައްމިއްތުކަމެއް ނެތުން ހިމެނެނީ އިސްލާމް ދީނާއި ޢިލްމާނިއްޔަތު ފުށު އަރާ ސަބަބަކަށެވެ.


7. މި ޖާހިލީ ނިޡާމުގެ ފަހަތުގައި އިސްލާމް ދީން ބޭއްވުން
ޢިލްމާނީންގެ އެދުމަކީ އަބަދުވެސް އިސްލާމް ދީން އެބައިމީހުންގެ ފަހަތުގައިވުމެވެ. އަދި ޙަޔާތުގައި ކޮންމެހެންބޭނުންވާ ކަމަކަށް އިސްލާމް ދީން ނުހެދުމެވެ. މުނާސަބަތުތަކާއި ރަސްމިއްޔާތުތަކުގައި ހަމައެކަނި ތަމްޘީލުވާ ނިޡާމަކަށް ހެދުމެވެ. އެހެންނަމަވެސް އިސްލާމް ދީން މި ފަދަ އެއްވެސް ކަމަކަށް ފުރުޞަތު ނުދެއެވެ. އަދި ކީއްތޯއެވެ؟ އިސްލާމް ދީން އެދެނީ ޙަޔާތުގެ އެންމެ މުހިއްމު ބައި ކަމުގައި ވުމަށެވެ. އަދި އެހެން ނިޡާމުތަކުގެ ފަހަތުގައި ވުމަކަށް އެއްވެސް ވަރަކަށް ނޭދެއެވެ. އިސްލާމް ދީނަކީ މާތްﷲގެ ޙަޟްރަތުގައި ޤަބޫލުކުރެވޭ ހަމައެކަނި ދީންކަމަށް ވުމާއެކު އެ ދީނަށް ތަބާވާ މުސްލިމުންނަކީ ޢިއްޒަތާއި ޤަދަރު ލިބިގެންވާ ބައެއްކަން ކަށަވަރެވެ. މާތް ﷲ ޤުރުޢާނުގައި ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. (ولله العزة ولرسوله و للمؤمنين) މާނައީ" ހަމަކަށަވަރުން ޢިއްޒަތް ލިބިގެންވަނީ މާތްﷲ އަށާއި، އެ އިލާހުގެ ރަސޫލާ މުޙައްމަދު ޞައްލަﷲޢަލައިހި ވަސައްލަމަށާއި އަދި މުއުމިނުންނަށެވެ."( ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ: މުނާފިޤޫންގެ 8 ) އެހެނީ ކުރީގައިވެސް ބަޔާންކުރެވުނު ފަދައިން ﷲ ތަޢާލާގެ ޙަޟްރަތުގައި ޤަބޫލުކުރެވިގެންވާ ނިޡާމަކީ ހަމައެކަނި އިސްލާމް ދީނެވެ. މާއިދާ ސޫރަތުގައި ﷲ ވަޙީކުރައްވާފައިވާ ފަދައިންނެވެ.( إن الدين عند الله الإسلام) މާނައީ" ހަމަކަށަވަރުން ﷲ ގެ ޙަޟްރަތުގައި ޤަބޫލުކުރެވިގެންވަނީ ހަމައެކަނި އިސްލާމްދީނެވެ"(ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ: އާލް ޢިމްރާން ސޫރަތުގެ 19 )
އެހެންކަމުން ޢިލްމާނިއްޔަތާއި އިސްލާމް ދީން މި ބަޔާން ކުރެވުނު ކަނަތައްތަކުގައި ވެސް ފުށުއަރައެވެ.

8. ޢަދުލު އިންޞާފު ޤާއިމުނުވުމުގެ ސަބަބުން
ޢިލްމާނިއްޔަތަށް ތަބާވާ ޤައުމުތަކުގައި ޤާނޫނުތައް އެކަށައެޅި ނިމެނީ އަޣްލަބިއްޔަތުން ފާސްކުރާ ގޮތެއްގެ މާތީންނެވެ. ގިނަފަހަރަށް މި ފަދަ ޤާނޫނުތައް ނިންމާއިރު ދީނީ ކުލަވަރެއް އެ ޤާނޫނުތަކުން ފެނިގެން ނުދެއެވެ. އަދި ކީއްތޯއެވެ؟ އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވާ ގޮތާއި މުޅިން އިދިކީލަ ގޮތަކަށް މި ޤާނޫނުތައް ފާސްވެއެވެ. މިހެންވުމުގެ ސަބަބުން ޝަރުޢީ ނިޡާމުގެ ހިންގުން މިފަދަ ޤައުމުތަކުގައި ވަރަށް ބޮޑަށް ދޯދިޔާވެގެންދެއެވެ.އަދި ޢަދުލު އިންޞާފު ޤާއިމް ނުވެއެވެ.
ނަމަވެސް އިސްލާމް ދީނުގައި ޝަރުޢީ ނިޡާމް އެކުލެވިފައިވަނީ ޢަދުލު އިންޞާފުގެ މަތީގައެވެ. އަނިޔާ ލިބޭމީހުންނާއި އަނިޔާވެރިންނަށް ވެސް އެބައިމީހުންނަށް ލިބިދޭންޖެހޭ ޙައްޤުތައް ލިބޭނެގޮތަށެވެ. ވެރިންނާއި ރައްޔިތުން ޝަރީޢަތުގެ ކުރިމަތީގައި ހަމަހަމަ ވެގެންދަނީ މި މަތިވެރި ޝަރުޢީ ނިޡާމުގައެވެ. ކާފިރުންނާއިމެދު ވެސް އިންޞާފުގެ މަގުން ކަންތައްތައް ކުރުމަށް އިސްލާމީ ޝަރީޢަތުގައި އަންގަވާފައިވުމުން އެނގިގެންދަނީ މި ދީނުގެ މަތިވެރި ކަމެވެ.މާތް ﷲ ވަޙީކުރައްވާފައިވެއެވެ.( إن الله يأمركم أن تؤدوا الأمانات إلى أهلها وإذا حكمتم بين الناس أن تحكموا بالعدل) މާނައީ" ހަމަކަށަވަރުން، އަމާނާތްތައް އޭގެ އަހުލުވެރިންނަށް ރައްދުކުރުމަށް ﷲ ތިޔަބައިމީހުންނަށް އަމުރުކުރައްވައެވެ. އަދި ބަޔަކު މެދުގައި ޙުކުމްކުރާނަމަ ޢަދުލުވެރިކަމާއެކު ޙުކުމްކުރުމަށްވެސް ﷲ ތިޔަބައިމީހުންނަށް އަމުރު ކުރައްވައެވެ"( ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ؛ ނިސާ 58 )

9. އިސްލާމް ދީނުގެ ތަޞައްވުރު ހަޑިކުރުމަށް މަސައްކަތްކުރުން
އެއްވެސް ޝައްކެތް ނެތްގޮތުގައި އިސްލާމް ދީނާއިމެދު ފެށުނީއްސުރެންވެސް ޢަދާވާތްތެރީންވަނީ ޙަސަދަވެރިވެފައެވެ. ޣައިރު މުސްލިމުން އިސްލާމް ދީނާއި ދޭތެރޭ ޢަދާވާތްތެރި ވުމުގެ ސަބަބުން، އިސްލާމް ދީނުގެ ތަޞައްވުރު ހަޑިކުރުމަށްޓަކައިޓަކައި އަބަދުވެސް މަސައްކަތްކުރެއެވެ. މިބައިމީހުންގެ މިފަދަ މަސައްކަތްތަކުގެތެރޭގައި އިސްލާމް ދީނަކީ ޓެރަރިޒަމްގެ ދީނެއްކަމަށް ބުނުމާއި، އިސްލާމް ދީނުގައި އަންހެނުންގެ ޙައްޤު ނުދޭކަމަށް ދަޢުވާކުރުންފަދަ އެތައް ޝުބުހަތަކެއް އުފެއްދުން ހިމެނެއެވެ.( العلمانية. ص.3 / د. عبد الوهاب المسيري)
ނަމަވެސް، ޙަޤީޤަތަކީ އަންހެނުންނާއި އަންހެން ކުދީންގެ ޙައްޤުތައް އެންމެ ފުރުތަމަ ފަހަރަށްވެސް ދިނީ އިސްލާމްދީންކަމެވެ. އެހެނީ ޖާހިއްލިއްޔަ ޒަމާނުގައި އަންހެން ކުދިން ދިރިބިއްތާ ވަޅުލަމުންދަނިކޮށް އިސްލާމް ދީނާއިގެން މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައި ވަސައްލަމް ވަޑައިގެން އެކަން މަނާ ކުރެއްވެވިއެވެ. މިއީ އަންހެނުންނަށް އިސްލާމް ދީން ދިން ޙައްޤެއް ނޫންތޯއެވެ؟ ހަމައެފަދއިން ޓެރަރިޒަމް އިސްލާމް ދީނަށް ނިސްބަތްކުރާއިރު އެބައިމީހުން ކުރަމުންދާ ޓެރަރިސްޓު ޢަމަލުތައް އެބައިމީހުންނަކަށް ނުފެނެއެވެ.

10. ދީނާއި ޢިލްމާއި އެއްވެސް ގުޅުމެއް ނުވާކަމަށް ބުނުން
ޢަލްމާނީން ދަޢުވާކުރަނީ އެބައިމީހުންގެ ކުރިއެރުމަކީ ޢިލްމުކަމުގައެވެ. އަދި އެބައިމީހުންގެ ހޭލުންތެރިކަމުގައި އެނޫން އެހެން ސަބަބެއް ވާކާމާއި މެދު އިންކާރުކުރެއެވެ.
ނަމަވެސް ޙަޤީޤަތަކީ އެބައިމީހުންގެ ކުރިއެރުމަކީ ހަމައެކަނި ޢިލްމު ނޫންކަމެވެ.އަދި ދީނާއި ޢިލްމާއި ދެމެދުގައި އެއްވެސް ފުށުއެރުމެއް ނެތުމެވެ. އިސްލާމް ދީނުގައި މިކަން އޮތީވެސް ހަމަ މިގޮތަށެވެ.
ޢިލްމަކީ ސިކުނޑީގެ އުފެއްދުމެކެވެ. ފަހެ،ﷲސުބުޙާނަހޫ ވަތަޢާލާ އިންސާއަށް ބުއްދި ދެއްވައި އެއިން ބޭނުން ކޮށް އުޅުމުގެ ކުޅަދާނަކަން ދެއްވީ އެ ވިސްނުން ކޮށިކޮށްނުލައި ކުރިއެރުވުމަށެވެ. އެހެންވީމާ ލޮޖިކުގެ އުސޫލުން ބަލާއިރު ވިސްނުމުގެ ބޭނުން ހިފުމަށް ދެކޮޅު ހަދާފަދަ ދީނެއް އެކަލާނގެ މިދުނިޔެ މަތީގައި ނުލައްވާނެތެވެ. މުސްލިމު ފިޤުހު ޢިލްމުވެރިން މިކަން ދެނަގަނެ އެބައިމީހުންގެ ފޮތްތްތަކުގައި ބުއްދިއާއި ވިސްނުމާއި ދީނާއި ހުރި ގުޅުން ވަރަށް ރަގަނޅަށް ހާމަކޮށްދީ އޮޅުންފިލުވައިދީފައިވެއެވެ. އަޅުގަނޑުމެން ރަގަނޅަށް ބަލައި ވިސްނައިފިނަމަ ފެނިގެންދާނީ އިސްލާމް ދީނުގައި ބަޔާންވެފައިވާ ވަރަށް ފުރިހަމަ މަތިވެރި ދަރަޖައާއި ޤަދަރު، ޢިލްމާއި ބުއްދިއަށް ދީފައިވާ އެހެން ދީނެއް ނެތްކަމެވެ.( الإسلام والعلمانية وجها لوجه. ص69/ د. يوسف القرضاوي)
އެހެންކަމުން އިސްލާމީ ރިސާލަތު ފެށިފައިވަނީވެސް ޢިލްމު އުނގެނުމަށް ބާރުދީ އެކަމަށް ގޮވާލަމުންނެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. (اقرأ باسم ربك الذي خلق. خلق الإنسان من علق.اقرأ وربك الأكرم. الذى علم بالقلم.علم الإنسان ما لم يعلم ) މާނައީ"ކަލޭގެފާނުގެ ވެރި ރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ. އެ ކަލާނގެއީ ހުރިހާ ތަކެއްޗެއް ހެއްދެވި ރަސްކަލާނގެއެވެ. ގަނޑު ލޭކޮޅަކުން އެ ކަލާނގެ އިންސާނާ ހެއްދެވިއެވެ.ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ. އަދި ކަލޭގެފާނުގެ ވެރި ރަސްކަލާނގެއީ އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއީ ޤަލަމުން(ލިޔަން) އުނގައްނަވައި ދެއްވި ރަސްކަލާނގެއެވެ. އިންސާނާއަށް އޭނާ ނުދައްނަ ކަންތައް އެކަލާނގެ އުނގައްނައިދެއްވިއެވެ."(ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ: ސޫރަތުލް ޢަލަޤްގެ 1-5) މިފަދަ އެތައް ދަލީލުތަކެއް ޢިލްމުގެ އުގެނުމާއި ޢިލްމުގެ މަތިވެރިކަމާއި ބެހޭގޮތުން ވާރިދު ވެފައިވެއެވެ. މިއިން އެނގި ހާމަވެގެންދަނީ ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ޢިލްމުބޭނުނެފައިވާ މިންވަރާއި އިސްލާމް ދީނުގައި ޢިލްމަށް ދެއްވާފައިވާ އަހައްމިއްޔަތެވެ. އެހެންކަމުން ޢިލްމާނީން ކުރާ މި ދޮގު ދަޢުވާއާއި އިސްލާމް ދީން ފުށު އަރައެވެ.
މިހިރަ ހުރިހާ ދަޢުވާތަކަކީވެސް މިއަދު ދީން ޤަބޫލުނުކުރާ މީހުންކުރާ ދަޢުވާތަކެވެ.މާތްﷲ އަޅަމެންނަށް އަދަށްވުރެ ފަހި މާދާމާއެއް ދެއްވާށި.އާމީން! murasil

No comments:

Post a Comment