Wednesday, May 12, 2010

އެންމެފަހުން ބުޅާ ގޯނިންބޭރަށް !

ދިވެހިރާއްޖެއަކީ ސުލްހަވެރި އަމާން ތަނެއްގެ ގޮތުގައި ދެމިއޮތީ ދިވެހިންނަކީ އިސްލާމްދީނަށް ލޯބިކުރާ ދީނުގެ ހަމަތަކާއި އުސޫލުތަކުގައި ހިފަހައްޓައިގެން ތިބިބައެއްގެ ގޮތުގައި ދެމިތިބުމުގެ ސަބަބުންނެވެ. ދިވެހިން ދިނާއި ދުރުވާ ވަރަކަށް ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި އަމާންކަން މިދަނީ ނެތެމުންނެވެ. މީހުން މެރުމާއި ކަޓަރުއެޅުން މިފަދަ ދަރަޖައަކަށް އާއްމުވެގެން މިދިޔައީ ދިވެހިން އިސްލާމްދިނާއި ދުރުވުމުގެ ސަބަބުންނެވެ. އަޅުގަޑުމެންގެ ޤައުމަކީ އަމާން ސުލްހަވެރި ތަނެއްގެ ގޮތުގައި ދެމިއޮނާނީ އިސްލާމީ އުސޫލުތަކުގެ މަތީގައި އަޅުގަޑުމެންގެ ޅަދަރިން ތަރުބިއްޔަތު ކުރެވިގެންނެވެ.

ދިވެހިރާއްޖޭގެ ތަޢްލީމީ މަންހަޖު އަލުން މުރާޖަޢާކޮށް އިސްލާހުކުރުމުގެ މަސައްކަތް މިހާރުގެ ސަރުކާރުން ދަނީ ކުރަމުންނެވެ. ނަމަވެސް ހިތާމަކުރަންޖެހޭ ކަމަކީ މިހާރު ގެންނަން މިއުޅޭ އިސްލާހަކީ އަޅުގަޑުމެންގެ މުޖުތަމަޢްގައި މިހާރުއޮތް މައިގަޑު މަސްއަލަ ހައްލުކުރުމުގެ ބަދަލުގައި އިތުރަށް ގޯސްވެގެންދާނެ އިސްލާހެކެވެ. ބަލި ރަގަޅުވުމުގެ ބަދަލުގައި އިތުރަށް ބަލިބޮޑުވެގެންދާނެ ނުރައްކާތެރި އިސްލާހެކެވެ. އިސްލާމްދީނާއި ދަރިވަރުން ދުރުކުރުވާނެ ލާދީނީ އިސްލާހެކެވެ.

މަތީޡާނަވީ އަކީ ދަރިވަރުންގެ ހިތްތަކުގައި އިސްލާމްދީނަށާއި އަޅުގަޑުމެންގެ މާދަރީ ބަހަށް އެންމެބޮޑަށް އަހުލުވެރި ކުރުވަންޖެހޭ މަރުހަލާއެވެ. ސަބަބަކީ މަތީޡާނަވީ ނިންމާފައި ދަރިވަރުން ދެންކުރިމަތިލަނީ ޔުނިވަރސިޓީ ތަޢްލީމަށެވެ. ނުވަތަ މަތީތަޢްލީމަށެވެ. ގިނަކުދިން ދަނީ ޤައުމުންބޭރަށެވެ. މިމަރުހަލާއަށް ދާއިރު ދަރިވަރުންގެ ހިތްތަކުގައި އިސްލާމްދީނުގެ އަޤީދާ ރަގަޅަށް އަށަގެންނެވިފައި ނެތިއްޖެއްޔާ އެދަރިވަރުން ލާދީނީ ގޯޅިއެޅުން އޮންނާނީ ވަރަށްގާތުގައެވެ. މިކަމަކީ މިހާރުވެސް މިޤައުމުން ފެންނަންއޮތް ޙަޤީޤަތެކެވެ. ނަމަވެސް އަލަށް އެކުލަވާލަން މަސައްކަތްކުރާ މަންހަޖުގައި މިކަމަށް އޮތީ އިހުމާލުވެފައެވެ. ގްރޭޑް އެގާރަ، ބާރައިގެ ދަރިވަރުންނަށް ދިވެހި، އިސްލާމް މިދެމާއްދާއޮތީ އިޚްތިޔާރީ މާއްދާތަކެއްގެ ގޮތުގައެވެ. އަޅުގަޑުގެ ހިތުގައި އުފެދޭ ސުއާލަކީ މި ދެގްރޭޑްގައި ކިޔަވައި މިދެނީ ކީއްކުރަންބާވައެވެ. ދިވެއްސަކަށްވީތީވެ، އަދި މުސްލިމަކަށްވީތީވެ ހާސިލުކުރަންޖެހޭ އެއްވެސް ލަނޑުދަޑިއެއް ނެތެވެ. ކުއްޖާ މަތީތަޢްލީމަށް ދާންވާއިރަށް އަޤީދާ ފާސިދުކުރުންފިޔަވައި މި މަންހަޖުން ހާސިލުވާ އެއްވެސް އެއްޗެއްނެތެވެ. މިއީ ކޮންކަހަލަ ވިސްނުމެއްގައި ހިންގަންއުޅޭ ޖަރީމާއެއްބާވައެވެ. މިމަންހަޖަކީ މުޞްޠޮފާ ކަމާލުޕާޝާ ތުރުކީގައި އޮތް އިސްލާމީ ޙަޟާރަތު ނެތިކޮށްލިފަދައިން މުޞްޠޮފާ ލުޠުފީ ދިވެހިރާއްޖެއިން އިސްލާމްދީން ފޮހެލުމަށް ޖަހާ ދަންތޫރައެކެވެ.

ކުރީގައި އަޅުގަޑުމެން އަޑުއަހަމުން އައީ މިބައިމީހުންނަކީ ލާދީނީ ފިކުރު މިޤައުމުގައި ފަތުރަން އުޅޭބައެއްކަމުގައި ކުރެވެމުން އައި ތުހުމަތުތަކުގެ އަޑެވެ. ނަމަވެސް މިހާރު އެއީ ޙަޤީޤަތެއްކަން ޔަޤީންވެއްޖެއެވެ. މިއޮތީ ބުޅާގޯނިން ބޭރުވަފައެވެ. ހުރިހާ މުސްލިމު ދިވެހިރައްޔިތުން މިކަމާއިމެދު ވިސްނާލުން ހުއްޓެވެ. އަލުން ވޯޓެއްލުމުގެ ކުރިންނެވެ.
ނާޝިދު: ތަޢުލީމީ މަންހަޖުގެ ހުރިހާ ހިސާބެއްގައިވެސް ދީނާއި ދިވެހި ބަސް އޮންނަންޖެހޭނެ. އެއީ އަޅުގަނޑުމެންގެ އެންމެ ބޮޑު ފަޚުރާއި ޝަރަފަކީ. މުރާސިލް


No comments:

Post a Comment