Wednesday, April 21, 2010

ދިވެހިރާއްޖޭގެ އެންމެހާ މީޑިޔާތަކަށް


ހ.ކޮޔާ
އަބަދަށްއުފާ މަގު

ދިވެހިރާއްޖޭގެ އެންމެހާ މީޑިޔާތަކަށް
ވެދުން ސަލާމަށްފަހު ދަންނަވަމެވެ.
ދުސްތޫރީ މައްސަލައެއްގެ ގޮތުގައި 7 މާރޗް 2010 ގައި " ބަނގުރަލާއި ، އޫރުމަހާއި އޫރުމަހުން އުފައްދާތަކެތި ދިވެހިރާއްޖެއަށް ގެނައުމާއި، ދިވެހިރާއްޖޭގައި ގެންގުޅުމުގެ ޤަވާޢިދު" ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ފުރަތަ ބާބުގެ 10 ގެ ހ އަދި ށ އާއި ތަޢާރުޞުވާތީ އެ ޤަވާޢިދު ބާތިލްކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ހުށައެޅީމެވެ. 21 މާރޗްގައި ސްޕްރީމް ކޯޓުން ޖަވާބުދެއްވާފައިވަނީ މިފަދަ ދުސްތުރީ މައްސަލައެއް ފުރަތަ މަރްޙަލާގައި ބަލަންޖެހޭނީ ހައިކޯޓުން ކަމަށެވެ. ވުމާއިއެކު މި މައްސަލަ އަލުން 11 އެފްރީލް 2010 ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ވަނީ ލެވިފައެވެ. އަދި ހައިކޯޓުން ވަނީ މިމައްސަލަ ރަސްމީކޮށް ބަލައިގަނެފައެވެ.

ދަންނަވަމެވެ. ބަނގުރަލަކީ މަަސްތުވާއެއްޗަކަށް ވީހިނދު އަދި މަސްތުވާތަކެތި ހުއްޓުވުމަކީ މިއަދުގެ ސަރުކާރުން ވެފައިވާ ރިޔާސީ ވަޢްދުތަކުގައި ހިމެނިފައިވާ ކަމެއްކަމަށްވުމާއި ، ދިވެހި ޖުމްހޫރިއްޔާގެ ރައީސް އަލްފާޞިލް މުޙަމްމަދު ނަޝީދު 26 ފެބްރުއަރީ 2010 ވަނަ ދުވަހު ދިވެހި ރާޢްޖޭގެ އެންމެހާ ރައްޔިތުންނާއި މުޚާތަބް ކުރައްވާ ދެއްވި ރޭޑިޔޯ ޚިތާބުގައި މާލެއާއި އަދި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ހިންގައިފައިވާ ހުރިހާ މާރާމާރީ އަކީ ބަނގުރާ ބޮއިގެން މަސްތުވެގެން ހިންގާފައިވާ ކަމެއްކަން ސާފު ޢިބާރާތުން ދޭހަވާގޮތަށް ރައީސުލް ޖުމްހޫރިއްޔާ ފާހަގަކޮށް އެކަން ޢާއްމު ކޮށް ޢިޢްލާން ކޮށްފައިވާތީއާއި ، ބަނގުރަލުގެ މައްސަލައަކީ ޤައުމުގައި މިއަދު ވަރަށް ނާޒުކު ކަމަކަށްވެފައިވާ ދަނޑިވަޅެއްގައި ، ހަނދާން ހުންނާނޭފަދައިން ބަނގުރާވިއްކުމަކީ ދެކޮޅުހަދާ ނުރުހޭ ކަމެެއްކަން ދިވެހި އެންމެހާ ރައްޔިތުން ނިކުމެ މުޒާހިރާކޮށްގެން ދައްކާފައިވާއިރު މިފަދަ ހައްސާސް މައްސަލައެއްގައި ތިޔަ އެންމެހާ މީޑިޔާ ތަކުން މި މައްސަލަ އިތުރަށް ތަޙްޤީޤްކޮށް މިކަމުގައި ފުރިހަމަ އެއްބާރުލުން ދެއްވާ މިކަން ހިނގަމުންދާގޮތް ދިވެހި އެންމެހާ ރައްޔިތުންނަށް އެންގުމަކީ ތިޔަ މީޑިޔާ ތަކުގެ ޤައުމީ ޒިންމާއެއް ކަމުގައި ދެކެމެވެ.
ދަންނަވަމެވެ. މިފަދަ ދީނީ އަދި ޤައުމީ މައްސަލައެއްގައި އެހީތެރިކަން ހީދުމުގެ ގޮތުން އަޅުގަނޑު ބަނގުރަލުގެ ޝަރުޢީ ހުކުމް ހޯދުމަށް ފަސްފަރާތަކަށް ސިޓީ ހުށައެޅީމެވެ. އެއީ އިސްލާމިކް މިނިސްޓްރީއާއި ދިވެހިރާއްޖޭގެ ފިޤްހް އެކަޑަމީއާއި އަދާލަތު ޕާޓީ އާއި އިސްލާމިކް ފައުންޑޭޝަން އޮފްދަ މޯލްޑިވްސް އާއި ޖަމްޢިއްޔަތުއްސަލަފް އެވެ. އިސްލާމިކް މިނިސްޓްރީންނާއި ޖަމްޢިއްޔަތުއްސަލަފުން ތަފްސީލީ ޖަވާބު ދެއްވައިފާ ވާކަން ފާހަގަ ކުރަމެވެ. މިކަމުގައި އަދާލަތު ޕާޓީން ޕާޓީގެ ރައީސް އައްޝައިޚް ހުސެންރަޝީދު އަހްމަދު ފޯނުން ވިދާޅުވެފައިވަނީ މިނިސްޓްރީންވެސް ޖަވާބުދެއްވަން ތިއްބަވާނީ އެއްބަޔެއްކަމާއި އަދާލަތު ޕާޓީން މިކަމުގައި ޖަވާބު ދެވޭނީ އަނގަބަހުން ކަމުގައެވެ.
ހަމަ މިއާއި އެކު އިސްލާމިކް ފައުންޑޭޝަން އޮފްދަމޯލްޑިވްސްއިން ވަނީ މިކަމުގައި ތަކުރާރުކޮށް މަސައްކަަތް ކުރުމުންވެސް އެއްވެސް އެއްބާރުލުމެއް ނުދީފައެވެ. އަޅުގަނޑު މި މައްސަލައިގާ އިސްލާމިކް ފައުންޑޭޝަނަށް އެދުނީ ކީރިތި ޤްރުއާނާއި ރަސޫލާގެ ޙަދީޡުން ބަނގުރަލާއި ބެހޭގޮތުން އައިސްފައިވާ ހުރިހާ ހުކުމްތައް ލިޔުމަކުންނާއި ދިވެހި ތަރުޖަމާ ދިނުމަށެވެ. ނަމަވެސް އައްޝައިޙް ފަރީދު އަހްމަދު ކައިރީގައި ބައިންދަވައިގެން އެހެންމީހަކު ފޯނުން ގުޅާ ވިދާޅުވެފައިވަނީ ތި މައްސަލައިގާ އިސްލާމިކް ފައުންޑޭޝަނުން އެއްވެސް ލިޔެކިޔުމެއް ނުދޭނެކަމާއި ތިކަމުގައި ޖަވާބެއް ދެވޭނީ ހަމައެކަނި އަނގަބަހުން ކަމަށެވެ. މިއީ އަޅުގަނޑު ނުހަނު ހިތާމަ ކުރިކަމެއްކަމުގައި ދަންނަވަމެވެ.
މިސިޓީއާއިއެކު ބަނގުރާވިއްކުން ހުއްޓުވައި މި ޤަވާޢިދު ބާތިލް ކުރުމަށް އަޅުގަނޑު ލިޔެފައިވާ ޑޮކިއުމެންޓްތަކުގެ ކޮޕީ ތިޔަފަރާތުގެ މަޢްލޫމާތައްޓަކައި ފޮނުވީމެވެ.

އިޙްތިރާމް ޤަބޫލްކުރެއްވުން އެދެމެވެ.
19 އެޕްރިލް 2010

ޚާދިމްކުމް

އިބްރާހިމް ޝަމީމް/ ހ.ކޮޔާ
7776475

1 comment:

  1. this is the talk that HE JIBUE told about to all of us abt IFM. well, i have no doubt in it. the news has been in media today and yesterday. but how you pople get this letter. thank

    ReplyDelete