Friday, April 23, 2010

ޙަޤީޤަތަކީ ފޮރުވޭނެ އެއްޗެއް ނޫނެވެ.



ޒަމާން ބަދަލު ވެއްޖެއެވެ. ވަގުތާއި ޙާލަތުވެސް ބަދަލުވެއްޖެއެވެ. ބުނެއުޅެއެވެ. އިންސާނުންގެ ފަހަތުން ޒަމާނެއް ނުދުވާނެއެވެ. ޒަމާނުގެ ފަހަތުން ދުވަން ޖެހެނީ އިންސާނުންނެވެ.
މި ދެންނެވި ބަދަލު އިންސާނަކަށް އަންނަނީ އެމީހެއްގެ ވިސްނުން ބަދަލު ވެގެންނެވެ. ބަދަލު ކޮށްގެން ނޫނީ ބަދަލެއް ނުގެނެވޭނެއެވެ.

ބުނެފާނެއެވެ. ޙާލަތު ބަދަލުވީއެވެ. ވަގުތު ދައުރުވަނީއެވެ. ތެދެކެވެ. ވަގުތު އެކަކަށްވެސް ނުހުއްޓުވޭނެއެވެ. އެހެނަސް ޙާލަތު އެއީ، ބަދަލުވާ އެއްޗެއް ނޫނެވެ. ބަދަލު ކުރެވޭ އެއްޗެކެވެ. ޚުދު ތިބާގެ މަސައްކަތުންނެވެ. ތަޤްދީރު ގިނަ ފަހަރު ބަދަލުވެގެންދަނީ ކުރެވޭ ތަދުބީރާ އެއްގޮތަށެވެ. އެހެން ނޫންނަމަ، މިދުނިޔޭގައި ވަކިކަމަކަށް ބޭނުންވެގެން އެއްވެސް އިންސާނަކު އެއްވެސްމަސައްކަތެއް ނުކުރާނެއެވެ. އެއްވެސް ކަމަކަށް އުންމީދެއްވެސް ނުކުރާނެއެވެ.
ތިބާގެ އިހްމާލުން ކަމެއް ނުކުރެވިގެން އަނެކާ ކުށްވެރި ކުރެވޭތަން އަންނަނީ މަދެއްކޮށެއް ނޫނެވެ. ހީވަނީއެވެ. ޝަކުވާކުރާނެއެވެ. މައްސަލަ އުފައްދާނެއެވެ. އެއަށްވުރެ ކުރީން ތިބާއާމެދު ވިސްނާލުން ކީއްހެއްޔެވެ؟ އެފަދަ ޙާލަތުގައި ތިބާއަށް ކިޔޭ އެއްޗެއް ދެނެގަތުން މުހިންމެވެ. ކަން ކުރެވޭގޮތާމެދު ފިކުރުކޮށްލުން މާ ބޭނުންތެރިއެވެ.
ތެދެކެވެ. މީހަކާމެދު ވަކި ގޮތަކަށް ނިންމައިގެން ހުންނަ މީހާއަށް އެހެން ނަޒަރަކުން ވިސްނަން އުނަދަގޫވާނެއެވެ. ފައިސާ ގެންގުޅޭ ހުރިހާ މީހުންވެސް ޚިޔާނާތްތެރި ވާނޭ ކަމަށް ޢާންމު ފަލްސަފާގައި އޮވެއެވެ. އެކަމަކު އެހެން ނުވާ ފަހަރުވެސް އާދެއެވެ. އެހެނަސް ފަލްސަފާ އއެގޮތަށް ބިނާ ކުރެވުނީ ކީއްވެބާއޭ ހިތަށް އަރައެވެ. އެއްފުޅަށް މަތިން ފުންމާލި ބަކަރި އަނެއް ފުޅަށްމަތީން ފުންމާލުން ވާޖިބެއް ނޫނެވެ. އެހެނަސް އެއީ ނުވާނެ ކަމެއް ނޫނެވެ. ވުން ކައިރި ކަމެކެވެ.
ތެދެކެވެ. ދުނބުރިއެއް އަނބަކަށް ނުވާނެއެވެ. ބަޅެއްގެ ނިގޫ ތެދެއްވެސް ނުކުރެވޭނެއެވެ. އަލަގަހަކުން ކެޔޮ ނިރެއް ނުފަޅާނެއެވެ. ކިރު ކަންވާރަކުން މާމުއި ނެރެވިދާނެކަމަށް ދުވަހަކުވެސް އުންމީދެއް ނުކުރެވޭނެއެވެ.
އެހެނަސް، އިންސާނުން ބަދަލުވެއެވެ. ބަދަލު ކުރެއެވެ. ކުޅަދުންވަންތަ ކަލާނގެ އިންސާނާ އުފައްދަވާފައި ވަނީ މި ދެންނެވި ޤާބިލް ކަމާއެކުގައެވެ. އިޚްތިޔާރު ދެއްވާފައެވެ.
މިއީ ޖަނަވާރާއި ގަސްގަހާ ގެއްސާއި ހިފާ ގެންގުޅޭ ތަކެތީގައި ކަން ވާ ގޮތޭ ބުނެ އުޅެއެވެ. އެއީ އިންސާނުންނަށް ނިސްބަތް ކުރެވޭ ވާހަކަތަކެއް ނޫނޭވެސް ބުނެއެވެ.
އެކަމަކު އެހެން ވާނީ ކިހިނެއް ހެއްޔެވެ؟ މި ދުނިޔޭގައި ލެއްވިހާ އެއްޗެއް ވަނީ އިންސާނުންނަށްޓަކައެވެ. އެހެންކަމުން އެ ތަކެތިވަނީ އިންސާނުންނާ ގުޅި ލާ މެހިފައެވެ. ވީއިރު މި ބުނުންތައް އިންސާނުންނަށް ނިސްބަތް ނުކުރެވެންވީ ސަބަބެއް ނެތެވެ. މި ފަދަ ކޮންމެ ބުނުމަކީ ތިބާ އެއިން ފައިދާ ލިބިގަންނަންވީ ބުނުމެކެވެ. އެހެނަސް ޙަޤީޤަތާ ދެކޮޅު ހަދާ މީހުން އެހެން އެހެން ބުނެފާނެއެވެ. އެކަމަކު ލޯތްބާއި ގޮމަކަސްތޫރި ފޮރުވިފާ އެބައޮތްތޯއެވެ. މުރާސިލް

No comments:

Post a Comment