Tuesday, April 20, 2010

އޭ ޢުމަރެވެ! ކަލޭގެފާނު ވެރިކަން ކުރަށްވައިފީމުއެވެ

އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދު
"ނުރުހޭ ބަޔަކު ނުރުހުނަސް މިޤައުމުގެ ދީނަކީ އިސްލާމް ދީނެވެ. ޤާނޫނު އަސާސީއިން ސެކިއުލަރިޒަމަކަށް ޖާގައެއް ނުދެއެވެ." މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމްއެފެއާރޒް
މިއަދުގެ މަޖިލީހުުގެ ބައެއް މެންބަރުންގެ ވާހަކަފުޅުން އެބޭފުޅުންގެ ހިތްޕުޅުތަކުގައި ފޮރުވިފައި އޮތް، އިސްލާމް ދީނަށް ކުރަށްވާ ނަފްރަތު ފާޅުވެގެން ދިޔައެވެ. އެބޭފުޅުންނާ އިސްލާމް ދީނާ އޮތް ދުރުކަން ހާމަވެގެން ދިޔައެވެ. އެބޭފުޅުންގެ ކިބައިގައި ހުރި އިސްލާމީ

މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅަމުގައި ބަޙުޘު ކުރެވެމުންދިޔަ މައްސަލައަކީ ސިޔާސީ ޕާޓީތަކާ ބެހޭ ބިލުގެ މައްސަލައެވެ. ތެދެކެވެ. ކޮންމެ ބިލަކީ ވެސް އޭގެ އެންމެ ރަނގަޅު ގޮތުގައި ދިވެހި މުޖްތަމަޢަށް އެންމެ ފައިދާ ބޮޑު ގޮތަކަށް ފާސްކޮށް، ނެރެންޖެހޭ ބިލަކަށް ވާންވާނެއެވެ. އެފަދަ ބިލަކާމެދު ބަޙުޘު ކުރާއިރު ވާހަކަދައްކާ މީހާއަކީ ވެސް އެފެންވަރަށް ތިމާގެ ލިޔާޤަތާއި ހުނަރުވެރިކަން ހުރި މީހަކަށް ވާންވާނެއެވެ. ތިމާމެން ޤަބޫލުކުރާ ވަކި ގޮތެއް، މިސުރާބުވާންޖެހޭ ވަކި އަމާޒެއް، ޤަބޫލުކުރަންޖެހޭ ވަކި އުޞޫލެއް، ކަށަވަރުކުރަންޖެހޭ ވަކި ޢަޤީދާއެއް، ނެތި ވާހަކަ ދައްކާ މީހަކަށް އެމީހާ ވެގެނެއް ނުވާނެއެވެ.

އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ވަކި ޢަޤީދާއެއް ޤަބޫލުކޮށްގެން ތިބެ، އެޢަޤީދާގެ ނަމުގައި އެދީނަކަށް ޙުރުމަތްތެރިކޮށް ހިތާނެ ކަމަށާއި އެދީނެއް ޙިމާޔަތްކުރާނެ ކަމަށް ވަޢުދުވެ ﷲ ގަންދީ ހުވައި ކުރަށްވައިގެން ތިއްބެވި ބޭފުޅުންނެވެ. އެހެންކަމުން މަޖިލީހުގެ މެންބަރުން ވާހަކަދައްކަވާއިރު، މައްސަލަތަކާއި ބިލުތަކަށް ބަޙުޘު ކުރަށްވާއިރު، މެންބަރެއްގެ ޙައިޘިއްޔަތުން މިބުނެވުނު ނުގުތާއަށް ސަމާލުކަން ދެއްވަން ޖެހޭނެކަމީ ޝައްކެއްއޮތް ކަމެއްނޫނެވެ. އެހެންނުވެއްޖެނަމަ އެފަދަ މީހަކަށް ތިމާއަކީ ކާކުކަންވެސް ނޭގެނީއެވެ.

މިއަދުގެ ޖަލްސާގައި ބަޙުޘުކުރެވެމުން ދިޔައީ ވަރަށް މުހިއްމު ބިލަކަށެވެ. ސިޔާސީ ޕާޓީތަކުގެ ބިލެވެ. މަންމައަށް ވުރެން ކުރިން ދަރިފުޅު އުފަންވާވާހަކަ ޤަބޫލު ނުކުރެވުނު ކަމުގައި ވިއަސް، މިއޮތީ އެފަދަ މިސާލެއް ފެންނާށެވެ! ބަޔާންވެގެންވާ ޤާނޫނެއް ނެތި، ސިޔާސީ މައިގަނޑުތަކެއް ކަނޑަނޭޅި، ސިޔާސީ ގިނަ ޕާޓީތަކެއް ރާއްޖޭގައި އުފަންވީއެވެ. އެހެންކަމުން ޕާޓީތަކަށް ހިނގަންވާގޮތެއް، އަޅަންވާ ފިޔަވަޅެއް ރަނގަޅަށް އެނގޭކަމަކަށް ނުވެއެވެ. ކޮންމެ ޕާޓީއެއްގެވެސް ލީޑަރުންނާއި ސަޕޯޓަރުން ދަޢުވާ ކުރަނީ ތިމަންމެންގެ ޕާޓީނޫން އެހެން ޕާޓީއެއްގައި ރަނގަޅު ސިޔާސަތެއް ނެތް ކަމަށާއި، ޑިމޮކްރަސީއެއް ނޯންނަ ކަމަށެވެ.

އެއީވެސް ސިޔާސަތެއްކަމަށް ވެދާނެއެވެ. ޙައިރާންވާންޖެހޭ ކަމަކީ، އެޢަޤީދާއެއް ޤަބޫލުކޮށް، އެދީނެއްގައި ތިމާމެން ތިބެ، އެއާޚިލާފަށް ދަޢުވާކުރަމުންދާ ދިއުމެވެ. އަރާއިން ގޮފި އަމިއްލައަތުން ކަނޑައި ވައްޓާލާ މީހަކީ ޖުހާގެ ވާހަކައިގައި އަންނަ މީހާއޭ ބުނެވުނަސް މިހިރީވެސް އެކަހަލަ މިސާލުތަކެކެވެ.

މިއަދުގެ މަޖިލީހުގެ ބައެއް މެންބަރުންގެ ވާހަކަފުޅުން އެބޭފުޅުންގެ ހިތްޕުޅުތަކުގައި ފޮރުވިފައި އޮތް، އިސްލާމް ދީނަށް ކުރަށްވާ ނަފްރަތު ފާޅުވެގެން ދިޔައެވެ. އެބޭފުޅުންނާ އިސްލާމް ދީނާ އޮތް ދުރުކަން ހާމަވެގެން ދިޔައެވެ. އެބޭފުޅުންގެ ކިބައިގައި ހުރި އިސްލާމީ ޘަޤާފަތުގެ ނިކަމެތިކަން އެނގިގެން ދިޔައެވެ. އެއާއެކު އެބޭފުޅުންނަށް ދުނިޔޭގެ ޘަޤާފަތުން ލިބިވަޑައިގެންފައިވާ އެއްޗެއްގެ މަދުކަން ވެސް ސާބިތުވެގެން ދިޔައެވެ. ހަމަ އެހެންމެ މަޖިލީހުގައި އެންމެ ފުރަތަމަ އަމާޒަކަށް ބެލެވެމުންދާ ދިވެހި ދައުލަތުގެ ޤާނޫނު އަސާސީއިން މާބޮޑު ޢިލްމެއް ލިބިވަޑައިގެންފައި ނުވާ ކަމުގެ ހެކިތައް އެބޭފުޅުންގެ ދޫފުޅުން ހާމަކުރަށްވައި، ރައްޔިތުންނަށް އެކަން ފާޅުކުރަށްވަމުން ގެންދެވިކަން ވެސް އެނގިގެން ދިޔައެވެ.

ވިސްނާލުން ކީއްތޯއެވެ؟ މިއަދު ދުނިޔޭގައި އޮތް އެންމެ ފުރިހަމަ ޑިމޮކްރަސީއެއް އޮތްކަމަށް ބުނެވޭ ޤައުމަކީ އަވައްޓެރި އިންޑިޔާއެވެ. އިންޑިޔާގައި ދީނީ ޕާޓީ ނެތްތޯއެވެ؟ ސީދާ ހަރުކަށި ހިންދީ ދީން ހިމާޔަތްކުރަން މަސައްކަތްކުރާ ޕާޓީއެކެވެ. ހަމަ އެއާއެކު ކޮމިއުނިސްޓް ޕާޓީވެސް އިންޑިޔާގައި ވަރަށް ފުޅާކޮށް ތަމްސީލު ވަމުން އެބަދެއެވެ.

ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ހުޅަނގުގެ ޤައުމުތަކުގައި ދީނީ ޕާޓީތައް މަދީތޯއެވެ؟ ސީދާ ކްރިސްޓިޔަން ޕާޓީތައް އުފެދިފައި ހުރިއިރު، އެނޫން ނަންނަމުގައި އެބައިމީހުންގެ ދީން ޙިމާޔަތްކުރުމުގެ މަޤްޞަދުގައި އުފެދިފައިހުރި ޕާޓީތައް މަދީތޯއެވެ؟ އިނގިރޭސި ވިލާތުގައި ދީނީ ޕާޓީ ނެތީތޯއެވެ؟ ތެދެކެވެ. ރާއްޖޭގައި އިސްލާމީ ޕާޓީއެއް އޮންނާކަށް ނުޖެހެއެވެ. އެއީ ދުނިޔޭގެ އެހެން ޤައުމުތަކާ ޚިލާފަށް ރާއްޖޭގައި އުޅެނީ ހުސް އިސްލާމުން ކަމުގައިވީތީއެވެ. އެބައިމީހުންގެ ތެރޭން ކޮންމެ ބަޔަކު ޕާޓީއެއް އުފެއްދި ކަމުގައި ވިއަސް އިސްލާމް ދީން ޙިމާޔަތް ކުރުމީ އެޕާޓީއެއްގެ ވާޖިބަކަށް ވާނެތީއެވެ.

އެކަމަކު ދެން އުފެދޭ ސުވާލަކީ އިސްލާމް ދީނާއި ސިޔާސަތް ވައްކޭ ކިޔާ މީހުން، ރާއްޖޭގައި މިއޮތް ޤާނޫނު އަސާސީއަށް ދޭނީ ކޮން ޖަވާބެއް ބާއެވެ! އެއަސާސްގެ ބަހުރުވައިން ބުނާނަަމަ، ރާއްޖޭގެ ދީނަކީ އިސްލާމް ދީނެވެ. އިސްލާމީ ޝަރީޢަތާ ޚިލާފު އެއްވެސް ޤާނޫނެއް ނެހެދޭނެއެވެ. އެފަދަ ޤާނޫނެއް ހެދިކަމުގައި ވިއަސް އެއީ ވެސް ބާޠިލް އެއްޗެކެވެ. ރާއްޖޭގެ ރައްޔިތަކަށް ވެވޭނީ މުސްލިމަކަށް ވެގެންނެވެ. މިހިރީ ޤާނޫނު އަސާސީއިން ކަނޑައެޅި ބަޔާންވެގެންވާ ހަމަތަކެވެ. އެހެންކަމުން މިއާ ޚިލާފަކަށް އެކަކަށްވެސް ވާހަކަ ދެއްކުމުގެ ޖާގައެއް ނެތެވެ.

ދީނާއި ސިޔާސަތަކީ ދޭއްޗެއް ކަމަށް ހަދައި، އެދޭތި އެއްނުކުރެވޭނެއޭ ބުނާ ބަޔަކުނަމަ، ދަންނާށެވެ! އެއީ އިސްލާމް ދީނުގައި ހުރި އުނިކަމެއް ނޫނެވެ. ފަހަރެއްގައި އެމީހަކަށް އެނގިފައި ހުރި ދީނެއްގެ އުނިކަމަކަށް ވެދާނެއެވެ. ހަމަ އެއާއެކު އެމީހެއްގެ ސިކުނޑީގައި ހުރި ނުކުޅެދުންތެރި ކަމެކޭވެސް ބުނެވިދާނެއެވެ. މިއިން އެނގެނީ އެމީހެއްގެ ކިބައިގައި ހުރި ޢިލްމީ ނާޤާބިލް ކަމެއްގެ ބޮޑުކަމެވެ. މިވެނި މީހަކީ "ކަނޑުކޮހެކޭ" ބުނެވެނީ އޭނާ ކަނޑަށް ވައްޓާލައިގެން ދެފެން ދޭތެރެއަށް ވަނީމައެއް ނޫނެވެ. އެއީ ތިމާގެ ސިކުނޑީގައި ހުރި ނުކުޅެދުންތެރިކަން ފެންމަތިވުމުން ކިޔައިއުޅޭ ބަހެކެވެ.

ދަންނަވަންތޯއެވެ؟ އިސްލާމް ދީނަކީ ވެރިކަން ކުރަން ދުނިޔެއަށް ފޮނުއްވުނު ދީނެކެވެ. އެދީން ދުނިޔޭގައި ކޮށްފައިއޮތީވެސް ވެރިކަމެވެ. މިދީނަކީ ދުނިޔޭގައި އިސްލާމީ ވެރިކަން ހިންގައިފައި، ކާމިޔާބީ ހޯދައި އެކަން ދުނިޔެއަށް ދައްކުވައިދީފައިވާ ދީނެވެ. ދުނިޔޭގައި އަމަންއަމާންކަން ޤާއިމުކޮށްފައިއޮތް ދީނެވެ. އިންސާނުންގެ ތެރޭގައި ހަމަހަމަ ކަމާއި، އިންޞާފާއި ޢަދުލަކީ ކޮަބައިކަން އެންމެފުރަތަމަ ދައްކައިދިން ވެރިކަމަކީ އިސްލާމީ ވެރިކަމެވެ. ޣައިރުމުސްލިމް ވެރިކަމެއްގެ ކިއްލާއެއްގެ ތެރެއަށް ބޮޑުވެފައި ހުރި މީހަކު، މިދީނުގެ ވެރިއަކު އަމާންކަމާއެކު އަރާމުގައި ނިދާފައި އޮތްވައި، ފެނިފައި ބުނި ބަސް ހަނދުމައަށް ގެންނަމާ ހިނގާށެވެ! އޭނާ ބުނެފައިވަނީ މިފަދައިންނެވެ. حَكَمْتَ وَعَدَلْتَ وَأَمِنْتَ فَنِمْتَ يَا عُمَرُ! މާނައީ: އޭ ޢުމަރެވެ! ކަލޭގެފާނު ވެރިކަން ކުރަށްވައިފީމުއެވެ. އަމަން އަމާންކަން ޤާއިމު ކުރަށްވައިފީމުއެވެ. ޢަދުލުވެރިކަން ހިންގަވައިފީމުއެވެ. އަރާމުގައި އަވަހާރަލައްޕަވައިފީމުއެވެ. މިއެވެ. ވިސްނާލަމާ ހިނގާށެވެ! މިއަދު ސެކިއުލަރ ވެރިންގެ ތެރޭގައި ނުވަތަ ސެކިއުލަރވިސްނުން ބޮއިގެންތިބި މީހުންގެ ތެރޭގައި މިބަސް ނިސްބަތް ކުރެވިދާނެ ހަމަ އެކަކު ވެސް ދުނިޔޭގައި އެބަ އުޅޭބާއެވެ! ނުވަތަ ދުނިޔޭގައިއުޅެ، ދުނިޔެ ދޫކޮށްފައިވެސްވާ މިފަދަ ލީޑަރަކު އުޅުނުބާއެވެ! ނަމަވެސް އިސްލާމީ ތާރީޚުގައި އެފަދަ ބޭފުޅުން މަދެއްނޫނެވެ.

(ސުންބުލީގެ 35 ވަނަ ޢަދަދު- އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދު) މުރާސިލް

No comments:

Post a Comment