Saturday, April 24, 2010

މުވައްޒަފުން ގުޅަބަޖިޔާ ވިއްކަން ދޮލަނގު ބޮލަށްލައިގެން މަގުމައްޗަށް ނިކުންނަންޖެހުމަކީ

ލިޔުނީ: މީމުސީނު
އޮފީހުގައި އުޅެ ވަރުބަލިވެގެން ކޮފީއެއް ބޯލަން ގޮސް ވަދެވުނީ ކައިރީގައި ހުރި ރެޑޭ ކަޑަޔަށެވެ! ހާބަރުގެ މަޝްހޫރު ކަޑައެކެވެ. މީހުން ގިނަ ވަގުތެކެވެ. އެކި މީހުން ތިބީ އެކި ވާހަކައިގަ އެވެ. އެ ކަކަށް އެންމެ ބޮޑުވެގެން އުޅެނީ، އޭނާގެ ދަރިފުޅު ކިޔަވަންދާ ސުކޫލަށް ވާނުވާ ގޮތެއް ނެނގޭތީ އެ މައްސަލަ އެވެ. އޭނާ ބުނާ ގޮތުގައި އޭނާގެ ދަރިފުޅު ޢަރަބިއްޔާ ސްކޫލަށް ވެއްދީ އަރަބި ތައުލީމަށް އިސްލާމީގައުމެއްގައި ފުރުޞަތު އޮންނާނެ ކަމުގެ ޔަޤީންކަމުގަ އެވެ.

އަނެކަކު ބުނަނީ ގައުމީ މަރުކަޒު އުވާލި ވާހަކަ އެވެ. އެ މަރުކަޒު ތިންފަޅިޔަށް ފަޅައިލައި ތަރިކަމުދާ ބަހާހެން ބަހައިލައިފި ޔޯލަ އެވެ! ތިންވަނަ މީހާ ކުރީ ސުވާލެކެވެ. ބަލަ ތިޔަ ބުނާ އަރަބިއްޔާ ސުކޫލު ކުދިން ތިބީ ނުކިޔަވައިހެއްޔެވެ؟ އެ ކުދިންނަށް އެވަނީ މަންދު ކޮލެޖުން ކިޔެވޭ ގޮތް ވެފައި ނޫންހެވެ؟ މި ސުވާލަށް ޖަވާބު ދިނީ ހަތަރުވަނަ މޭޒުގައި އިން ދުވަސްވީ ބޭބެ އެކެވެ. އޭނާ ބުނީ ބަލަގަ ސުނާމީގައި ހާލުގައި ޖެހުނު ކަލޭމެން ރަށު މީހުން ވެސް ޓެންޓު ތަކުގައި ނިދައި ކައިބޮއި އެބަ އުޅެ އެވެ. ދެން ގެދޮރު އަޅައި ނުދެޔޭ ކިޔައިގެން ތިޔަ ދައްކަނީ ކޮންވާހަކައެއް ހެއްޔެވެ؟ ޓެންޓެއްގައި ނިދިޔަސް، ގެއެއްގައި ނިދިޔަސް ދެލޯ މެރެންޏާ އެ ވަގުތު ޚަބަރު ހުސްވާ ކަމަށްވަންޏާ، އެ އޮތީ ހޭލައެއް ނޫނެއް ނޫންހެއްޔެވެ؟ އެކަމު އެ ގޮތެއް ތިޔަ ރަށު މީހުންނަކަށް ވެސް ކަމަކު ނުދިޔަ އެއް ނޫންހެވެ؟


ހިތަށް އެރި އެވެ. ތެދެ ކެވެ. މިހާ ދުވަސް ވަންދެން އަޅުގަނޑުމެން ދިވެހިން ހިތުދަސްކޮށްގެން އުޅުނު ޖުމުލައެއް އޮތެވެ. އެއީ ''އިސްލާމްދީނާއި، ދިވެހިބަސް، ދިވެހި ޤައުމިއްޔަތުގެ ބިންގާ'' މި ޝިޢާރެވެ. އެކަމަކު ފެންނަމުންދަނީ ދީނާއި ބަހާއި ސަގާފަތާ ގުޅުންހުރި ހިޔާވަހިތައް ރޫޅެމުން ބިމަށް ފައިބަމުން ދާތަނެވެ. އެހެން ނުވާނަމަ، ރޫޅާލަމުން ބައިބައި ކުރަމުންދާތަނެވެ.


މައްސަލަޔާމެދު ފިކުރު ކުރެވެން ފެށިވަރުން އިތުރު މަޢުލޫމާތު ހޯދައިލީމެވެ. މި ކަންކަމަށް އަންނަ ބަދަލުތަކާ ބެހޭ ފަހުގެ މަޢުލޫމާތު ހޯދައިލީމެވެ. ކޮންމެ އަހަރަކު ކީރިތި ޤުރުއާން ހިތުދަސް ކުރާމީހުންނަށް އިސްލާމީ މަރުކަޒުގައި ބޭއްވޭ މަތީފެންވަރުގެ ޖަލްސާއެއްގައި އެކަމުގެ ޝަރަފު ދެވެމުން އަ އެވެ. މި އަދު އެކަމެއް ނެތެވެ. ފާއިތުވި އަހަރު އެކަން ފާހަގަ އެއް ނުކުރެ އެވެ.


ކޮންމެ އަހަރަކު އަތޮޅުތަކުގައި މަދަރުސާ ކުދިންނަށް ވާހަކަ ދެއްކުމުގެ މުބާރާތްތައް އޮވެ އެވެ. މި އަހަރަކު އެކަމެއް ނެތެވެ. މި އަހަރު އެ މުބާރާތްވެސް އޮތީ ހަމަ އެކަނި މާލެ އަށެވެ. ހަމަ އެހެންމެ ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތާއި ދިގުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތާއި، ޅެންހެދުމުގެ ޤައުމީ މުބާރާތް ވެސް ވަނީ ނުބާއްވާ ގޮތަށް ހަމަޖެހިފަ އެވެ. ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގައި ވަޒީފާ އަދާ ކުރާ ނަންހާމަ ކުރަން ބޭނުން ނުވާ މުވައްޒަފަކު ބުނި ގޮތުގައި އަތޮޅުތަކުގެ ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތް ކެންސަލް ކުރެވިފައިވަނީ ލ. އަތޮޅުގެ ރައްޔިތުން އެކަމަށް ބޮޑެތި ތައްޔާރީތައް ވެސް ވީ ފަހުންނެވެ.


''ދެން އެ ބުނަނީނު، ވަލުކާށި ހޮވަން. ގުޅަބަޖިޔާ ތެލުލަށް ގެޔަށް ދާށޭ. ދިވެހިން އުޅޭ ގޮތަކީ އެޔޭ. މިއީ މުޅި ދިވެހި ތާރީޚަށް ކުރާ ފުރައްސާރަޔެއް''


އަނެއްކާވެސް ރެޑޭ ކަޑައިން އިވުނު ވާހަކަ އެކެވެ. އެ ބޭބެ އެ ބުނީ ޤައުމީ މަރުކަޒު ތިންބައި ކުރި ދުވަހު އެތާނުން ވަޒީފާއިން ވަކި ކުރެވޭ މުވައްޒަފުންނަށް، ސަރުކާރުގެ ކަމާބެހޭ ބޭފުޅަކުން ދެއްވި ނަސޭހަތެއްގެ ބައެއްގެ ޢިބާރާތެވެ. ޤައުމީ މަރުކަޒަކީ، ދިވެހިންގެ ދީނާއި ބަހާއި ތާރީޚުގެ ހުރިހާ ލިޔެކިޔުންތަކެއްގެ ޚަޒާނާ ކަމަށްވީއިރު، އެ މަރުކަޒު އުވިގެން ގޮސް، އެ ތަނުގެ މުވައްޒަފުން ގުޅަބަޖިޔާ ވިއްކަން ދޮލަނގު ބޮލަށްލައިގެން މަގުމައްޗަށް ނިކުންނަންޖެހުމަކީ ދިވެހި ޤައުމިއްޔަތު ތެޔޮ ތާހަށް ލުން ނޫންތޯ މި ބޭބެ ސުވާލު ކުރި އެވެ. minivanonline.blogspot.com

No comments:

Post a Comment