Friday, May 21, 2010

އަޅުގަނޑަކީ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން ގައި ކިޔަވަމުން އަންނަ 18 އަހަރުގެ "ކުޑަ"ކުއްޖަކީމެވެ


އަޅުގަނޑަކީ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން ގައި ކިޔަވަމުން އަންނަ 18 އަހަރުގެ "ކުޑަ"ކުއްޖަކީމެވެ. އަޅުގަނޑުގެ އުމުރުގެ ގިނަ ކުޑަކުދިންނާއި ޙިލާފަށް ސިޔާސީ ކަންކަމާއި ދީނީ ކަންކަމާއި ދީމިކްރާތީ އޭކިޔާ މިނިޒާމުގެ ކަންކަން ހިނގާ ނުހިނގާ ގޮތާމެދު ކޮންމެވެސ ވަރެއްގެ ޝައުގެއް ހުރެ އެވެ. މިއާޓިކަލް ކިޔުއްވަން ތިޔަ ފެއްޓެވީ އަޅުގަނޑަކީ ކާކުތޯ ބަލާކަން ނޫންކަން ގައިމެވެ. ވީމާ ތިޔަ ޢިއްޒަތްތެރި ރާއްޖެ އިސްލާމް ގެ މެންބަރު ފޫހިފުޅު ވުމުގެ ކުރިން މަޢުލޫ ފެށާނަމެވެ.
މިހާރަކަށް އައިސް ސިޔާސީ ކުޅިގަނޑުގެ ހަވާސާގައި (ވާނީ ވެސް މިހެން ތާއެވެ. ހަވާސާ ރޮނގު ދަންމަވަން ތިއްބެވި ބޭފުޅުން މިކަހަލަ ކަންކަން ހަވާސާ ގެ އެތެރެއަށް، ސަފުހާގެ މެދަކަށް ނުލައްވާނިއްޔައެވެ.) ދެކެވޭ އެންމެ ބޮޑު އެއް ވާހަކަ އަކީ އިސްލާމް ދިވެހި މި ދެ މާއްދާ އުވާލަން (ރީތި ބަހުން ނަމަ އިޙްތިޔާރީ ދެ މާއްދާގޮތުގައި ހަދަން) އެޑިއުކޭޝަން މިނިސްޓްރީގެ ޓިއަރިންގް، މާފްކުރައްވާ ސްޓިއަރިންގް ކޮމިޓީ އަކުން ނިންމި ވާހަކަ އެވެ. މިކަމުގައި އަޅުގަނޑު އެޑިއުކޭޝަން މިނިސްޓްރީ އަށް ތާޢީދު ކުރާނީތޯ ނުވަތަ ނޫންތޯ (ކޮންމެވެސް އެއްކޮޅަކަށް ބުރަވުން މި ޒަމާނު މަޖުބޫރެވެ.) ނިންމަން ކޮންމެވެސް ވަރަކަށް ދަތިވިއެވެ.
ވޭތުވެދިޔަ ދިހަ އަހަރު އަޅުގަނޑު މި އައީ އިސްލާމް ކިޔަވަމުން ނެވެ. ދިހަ އަހަރު ދުވަހު އިސްލާމް ކިޔަވާ ނިންމާފައި އައިސް މަތީ ޘާނަވީ އަށް ވަން މި ތުއްތު އަޅުގަނޑަށް ކިޔަވާ ދޭންފެށީ، ހަދީޘް އަކީ ރަސޫލުﷲ ސ.އ.ވ. ވިދާޅޫވާ ބަސްފުޅުތަކޭ ކުރެއްވިކަންކަމޭ ދެން ތިޔަ އިއްޒަތްތެރު މެންބަރަށް ވެސް އެނގި ލައްވައެއް ނޫންތޯއެވެ. ދަންނަވަން މިއުޅޭ ވާހަކަ އަކީ 18 އަހަރުގެ ކުޑަކުއްޖަކަށް އިސްލާމް މާއްދާގެ ނަމުގައި ކިޔަވައި މި ދެވެނީ ފަސް ވަނަ ކުލާހުގައި ކިޔަވާ ކުއްޖާއަށް އެނގެންޖެހޭ ފިލާވަޅުތަކެވެ. ކިޔަވާދޭ ގޮތުންނާއި ކިޔަވައި ދޭމުޤައްރަރުގެ ހުރި މޮޅުކަމުން އިސްލާމް މާއްދާ ކިޔަވައި ދިނުމެކޭ ނުދިނުމެކޭ ގާތްގަނޑަކަށް އެއްވަރެވެ. އަޅުގަޑަށް އެނގިފައި އޮތް ގޮތުގައި އިސްލާމް ދީނަކީ ދިރި އުޅެން ވީ ގޮތެވެ. ވޭއޮފް ލައިފް އެވެ. ނަމަވެސް އަޅުގަނޑުމެންނަށް ކިޔަވައިދޭ އެއްޗަކުން ދިރިއުޅެންވީ ގޮތް ކީތް ކުރަންތޯ ދިރި އުޅުމަކީ ކޮބައި ކަންވެސް ނޭންގެއެވެ. އެންމެ ކުޑަމިނުން ނަމާދު ނުކުރާ މިހާ އަށް ހުރި އަޒާބަކީ ކޮބައިކަން އެނގުނީ ވެސް ޝޭޙް އާދަމް ޝަމީމް ގެ ނަމާދު ދަރުހުންނެވެ.
ދެން އުފެދޭ ސުވާލަކީ މިހާ މަތީ ފެންވަރަކަށް ކިޔަވާދެމުން އަންނަ މާއްދާއެއް މިހާރު ކިޔަވާދޭގޮތަށް ކިޔަވައި ދިނުމުގެ ބޭނުމެއް އެބަ އޮތް ތޯއެވެ. ފާސްވާ ކުދިން އެހާ މަދުވެފައި ކިޔަވާ ހިތްވާ (މިހާރު ކިޔަވަންޖެހޭ ގޮތަށް) އެއްވެސް ކުއްޖެއް ނެތް މިމާއްދާ މަޖުބޫރު ކޮށް އޮތުން މުހިންމުތޯ އެވެ.
މިއީ ހަމަ ތަޢީދު ކުރާނީ ތޯ ނުކުރާނީ ތޯ ނިންމުމުގެ އިންތިގާލީ މަރުހަލާގައި އަޅުގަނޑުގެ ސިކުނޑީގައި ހިނގި ރިޔާސީ ބަހުސެވެ. ދެން ވާހަކަ ފުޅުދެއްކެވީ ދެންމެ މިދެންނެވި ހިޔާލާ އެތްގޮތް ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީގެ ޙިޔާލާ ދެގޮތް ބޭފުޅޭކެވެ.
ބަނގުރަލުގެ މައްސަލާއިގައި ސަރުކާރުގެ ކޮންމެވެސް ބޭފުޅަކު ވިދާޅުވި ގޮތުގައި މައްސަލަ ތަކެއް ހުރުމަކީ ކަމެއް ހުއްޓާލަން ވީ އުޒުރެއް ނޫނެވެ. މައްސަލަ ތަކާ ކުރިމަތިވީމާ އެއަށް ވުރެ ރަނގަޅުގޮތެއް ހޯދާނީ އެވެ. އެ ގޮތުން އަޅުގަނޑަށް ފެންނަ ފެނުމުގައި އިސްލާމް ގެ ސިލަބަސް އިސްލާހް ކޮށްގެން ވިޔަސް އިސްލާމް ކިޔަވައި ދިނުމަކީ ކުރަން ޖެހޭ ކަމެކެވެ. އިސްލާމް ކިޔަވައި ދިނުން ހުއްޓާލަން ވީ އެއް ނޫނެވެ. ސިލަބަސް އިސްލާހް ކުރަން ވީ އެވެ. ﷲ ތަޢާލާގެ ނަންފުޅުވެސް ގަނެނުލާ ހަފްތާގެ ސްކޫލަށް ދާ ފަސް ދުވަސް ދުއްވާލުމަކީ ހައްލެއްކަމުގައި އަޅުގަނޑެއް ނުދެކެމެވެ. މިހާރު ނަމަ އެންމެ ދެދުވަހު ވިޔަސް ލޮބުވެތި ހީވާގި މުދައްރިސުން ﷲ ތަޢާލާގެ މާތް ނަންފުޅު އަޅުގަނޑުމެންގެ ކުރި މަތީގައި ގަނެ އެވެ. އެނޫން އެހެން ތާކުން އެ ވަރުވެސް ނުވާ ކުދިންތަށް ވެހެމުން މިދާ ވާރޭގެ ކަނި ތަކަށް ވުރެ ގިނަ އިރު މިކަންވެސް ހުއްޓާލައިފިނަމަ ޣާފިލް ކަމުގެ މައްޗައް ޣާފިލު ކަން ފުނިޖެހޭނެއެވެ. ދެންއުފެދޭ ސުވާލަކީ މިކަންކަން ތަޢުލީމީ ދާއިރާގެ ބޭފުޅުން ނަށް އެނގި ނުލައްވާ ތޯއެވެ؟ ނުވަތަ މިއީ ގަސްދުގައި ރޭވުމެއްގެ ދަށުން ހިނގާ ކަމެއް ތީއެވެ؟ މި ސުވާލުގެ ޖަވާބު ތިޔަ ޢިތްޒަތްތެރި މެންބަރު ބޭނުންފުޅު ގޮތަކަށް އަމިއްލަ ނަފްސަށް ދެއްވާށެވެ. އަޅުގަނޑުވެސް ދީފީމެވެ. އަދި އެޑިއުކޭޝަން މިނިސްޓިރީ ގެ ނިންމުމާ ދެކޮޅުހަދަން ނިންމީ ވެސް އެ ޖަވާބުގެ މައްޗަށް ބިނާކޮށެވެ. Raajjeislam

1 comment: