Tuesday, May 18, 2010

ޒުވާނުންގެ މިނިސްޓަރުގެ އާދަޔާ ޚިލާފު ޖަވާބަކީ އަޅުގަނޑުމެން އެބޭފުޅާއަށް ކުރި ޤަދަރު އަމިއްލައަށް ވެއްޔާމޮޑެލި ޖަވާބެކެވެ

ޒުވާނުންނަށް ބޭނުންވަނީ، ފިޒިކްލް ފިޓްނެސްއެއް އެކްންޏެއް ނޫނެވެ. ރޫޙާނީ ނުވަތަ ސްޕިރިޗުއަލް ފިޓްނަސް ވެސް ބޭނުންވެއެވެ. ދަންނާށެވެ، އިސްލާމް ދީނަށް ބޯ ނުލަބައި ކާމިޔާބެއް ނުލިބޭނެއެވެ. މުޖުތަމަޢުގެ ހަމަޖެހުން އޮތީ އިސްލާމީ ޝަރީޢަތުގައެވެ. ވީމާ މި ޤައުމުގައި އިސްލާމްދީނުގެ ޝިޢާރު ފާޅުކުރުން އެއްވެސް ޢިލްމުވެރިއަކަށް މަނާނުކުރާށެވެ. ތިމާގެ އަބުރާ ޢިއްޒަތަށްޓަކައެވެ. ވޭތުވެ ދިޔަތަނުން ޢިބްރަތް ލިބި އެއިން ޢިބްރަތް ޙާޞިލުކުރާށެވެ. މާދަމާ ގެ ޒުވާނުންނަކީ ހަމައެކަނި ފުޓްބޯޅަ ކުޅޭ ބަޔަކަށް ވެއްޖެނަމަ ދެން މި ޤައުމު ހިންގާނީ ގަލޮޅު ދަނޑުގައި ކަމަށްވެސް ވެދާނެއެވެ. ނޫނީ ރިޔާސީ އިންތިޚާބް ބާއްވާނީ ޕްރެޒިޑެންޝަލް ޗެމްޕިއަންޝިޕްގެ ނަމުގައި ފުޓްބޯޅަމުބާރާތެއް ބާއްވައިގެން އެއިން ޗެންޕިއަންކަން ލިބޭ ޕާޓީއަކަށެވެ. ދެން އޭރަށް ހިންގޭނީ ޤައުމެއް ނޫނެވެ. ކޮންމެވެސް އެހެން އެއްޗެކެވެ....

ޒުވާނުން ހެއްޔެވެ؟
އެއީ އަނބުރާ އަންނަ އެއްޗެއް ނޫނެވެ. އިންސާނާގެ ޙަޔާތައް ޒިޔާރަތް ކުރާ ވަރަށް ހިތްގައިމު މެހްމާނެކެވެ. ވީމާ ތިބާގެ މެހްމާނާއަށް ކަމޭހިތާށެވެ.

"ޒުވާނުންނަކީ ޤައުމުގެ ކުރިއެރުމެވެ" "ޒުވާނުންނަކީ މާދަމާ ޤައުމުގެ ދިރުމެވެ" ޒުވާނުންގެ ދުވަހު މިފަދަ އެތައް ޝިޢާރެއް ފެންނާނެއެވެ. ނުވަތަ އަޑުއިވގެންދާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ފަދަ "ޢިއްޒަތްތެރިން"ގެ ދުލުން މިފަދަ ޒުވާނުން ގެ ޖަޒްބާތުތަކާއި ކުޅެލާ ފަދަ މޮޅެތި ފޮނި ބަސްތައް އިވިގެންދާނެއެވެ. އެއީ ހަމަތެދެކެވެ. ޒުވާނުންނަކީ ޤައުމުގެ ކުރިއެރުމެވެ. އަދި މާދަމާގެ މި ޤައުމުގެ ދިރުމެވެ. ދެން ހިތަށްއަރާ ސުވާލަކީ، ޒުވާނުން ޒުވާނުންނަށް ވަނީ ކިހިނެއްތޯއެވެ؟ އެއީ އިންސާނާ ޚަލްޤުކުރެއްވުމަށް ފަހު އެ އިންސާނާއަށް އަންނަ ޒަމާނެކެވެ. ޤުދުރަތުން މާތްﷲ ދެއްވާ ނިޢްމެތެކެވެ. ނުވަތަ އިންސާނާގެ ވިސްނުމާއި ބުއްދި ހަމަޔަށް އައިސް އެއިންސާނާ ޙަޔާތުގެ އެކި ކަންތައްތަކަށް ފިކުރު ކުރާ ދައުރެވެ. ގިނަ މުޖުތަމަޢު ތަކުގައި ޒުވާންކަމަކީ އިންސާނާގެ އުމުރުން 20 އަހަރާއި 40 އަހަރާއި ދެމެދެވެ. ޙަޔާތަކީ ވަރަށް އަވަހަށް ދައުރުވަމުން އަންނަ އެއްޗެކެވެ. އަޅުގަނޑުމެންނަކީ އިއްޔެގެ ތުއްތު ކުދިންނެވެ. މިއަދު ޒުވާނުންނެވެ. މާދަމާގެ މުސްކުޅިންނެވެ. އަދި އިއްޔެގެ ޒުވާނުންނަކީ މިއަދުގެ މުސްކުޅިންނެވެ.

ޒުވާން ކަމަކީ ތިމާގެ މަރު ތިމާއާއި އިތުރު ތަންފުކެއް ގާތްކުރުވަނިވި ބައިވެރިއެކެވެ. ނުވަތަ މަރުގެ އައުމުގެ ތަދްބީރުގައި ބައެއްމީހުންނަށް ޢިބްރަތެއްގެ ގޮތުގައި ލައްވާފައިވާ ޒަރީޢާއެކެވެ. ޒުވާންކަމަކީވެސް ނިމިދާނެ އެއްޗެކެވެ. އެއީ އިލާހީ ޤާނޫނުގެ ދަށުން ކޮންމެ އެއްޗަކީ އަޖަލެއްވާއެއްޗެއްގެ ގޮތުގައި ލައްވާފައިވާތީއެވެ. ޒުވާންކަމުގެ ފައިދާ ހެޔޮގޮތުގައި ބޭނުންކުރުން ލާޒިމެވެ. އެހެނީ، އެއީ އަނބުރާ އަންނަ އެއްޗެއް ނޫނެވެ. އިންސާނާގެ ޙަޔާތައް ޒިޔާރަތް ކުރާ ވަރަށް ހިތްގައިމު މެހްމާނެކެވެ. ވީމާ ތިބާގެ މެހްމާނާއަށް ކަމޭހިތާށެވެ.

ޒުވާނުން ތިބެނީ ކިހިނެއް ހެއްޔެވެ؟ މަގުމަތިން އާޗާރަބިޗާރައަށް ދާ މީހުން ހެއްޔެވެ؟ ނުވަތަ ކަޓަރު އަޅަމުން ފަތްބޮމުން ދާ މީހުން ހެއްޔެވެ؟ ނުވަތަ ކޮންމެވެސް އެހެން ޚާއްޞަ ސިފައެއް ނުވަތަ ކުލައެއް ޖެހިފަތިބޭބައެއްބާވައެވެ؟ ނޫނެކެވެ! ޒުވާން ޢުމުރަށް ފެތެންޏާމު ޒުވާނުން ވާނީ ޒުވާނުންނަށެވެ! ފަތް ބުޔަސް ނުވަތަ އެހެން ކިތަންމެ ޖަރީމާއެއްކުރިޔަސް އަދި ކިތަންމެ ރަނގަޅަށް އުޅުނަސް ޒުވާނުންނަކީ، ޒުވާން ދައުރަށް ފެތެންޏާމު ހަމަ ޒުވާނުންނެވެ.

ދިވެހިރާއްޖެ މީ ސައްތައިންސައްތަ އިސްލާމީ ޤައުމެއްކަމަށް ދަޢުވާ ކުރާ ޤައުމެކެވެ. ދިވެހިންނަކީ މުސްލިމުންނެވެ. އިސްލާމްދީންގެ ވާރިޘުންނެވެ. އެހެންކަމަށް ވީ ހިނދު މި ދިވެހި ފަސް ގަނޑުގައި ދިވެހިންގެ ދީނާ އެއްވެސް ކަމެއް ހިނގައިގެންނުވާނެއެވެ. އަދި ދިވެހިން މި ލޮބުވެތި ދީން އެދޭ ކޮންމެ ކަމެއް މި ފަސްގަނޑުމަތީ ކުރުމުގެ ހުއްދަ އޮންނަން ޖެހެއެވެ. ހިތާމަކުރުން ހުއްޓެވެ. އިންޑިއާގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. ޒާކިރް ނައިކްގެ ދަރުސްތަކެއް ބޭއްވުށް ހުއްދައަށް އެދި ދެންނެވުމުން، ޔޫތު މިނިސްޓަރ ނުވަތަ ޒުވާނުންގެ މިނިސްޓަރުގެ އާދަޔާ ޚިލާފު ޖަވާބަކީ އަޅުގަނޑުމެން އެބޭފުޅާއަށް ކުރި ޤަދަރު އަމިއްލައަށް ވެއްޔާމޮޑެލި ޖަވާބެކެވެ. ތިމާގެ ޢިއްޒަތުއްނަފްސް ނަގާ އެއްލާލާ ތިމާގެ ދީނަށް ނަޞްރުވެރި ވުމަށް ކުރެވެން އޮތް ކަމެއް ބޮލާލައި ޖަހާފައި "އެކަމެއް ނުވާނޭ"ބުނުން އެއީ ވަރަށްވެސް ހިތާމަކުރަނިވިކަމެކެވެ. އެންމެ ފަސް ދުވަހަށް ޒުވާނުންނަށް ނުކުޅެވޭނެތީ، އެކަމަކީ ތިމާ އެކަމަށް މާ ޚާއްޞަ އަހަންމިއްޔަތުކަމެއް ދޭކަމެއްކަމުގައި ދައްކަމުން މީޑިއާގައި ކެންޕެއިން ކުރުމުން، ތިމާގެ މަޤްބޫލުކަން އިތުރުވާނެކަމަށް ހީކުރެވުނަސް، ކަންތައް ވެގެން ދިޔައީ އިދިކީލައަށެވެ. ސުވާލަކީ ޒުވާނުންނަކީ ހަމައެކަނި ފުޓްބޯޅަ ކުޅެންދާ މީހުން ހެއްޔެވެ؟ ދެން ޒުވާނުން ޒުވާން ދައުރުގައި ކުރާނެ އިތުރު ކަމެއް ނޯންނަނީބާއެވެ؟ ދަރުސް ބަލަން ނުވަތަ އަޑު އަހަން ދަނީ ފުރާފުރިހަމަ ނުވާ ކުޑަ ކުދިންނާއި މުސްކުޅިންހެއްޔެވެ؟ ނޫނެކެވެ. އޮފީހުގެ ގޮނޑި ކޮޅުގައި އިއްތާލައިގެން އިނީމަ ވާނުވާއެއްނޭގޭނެއެވެ. އަބަދުވެސް އެނގޭނީ ގާތުގައި ތިބޭ ތިމާ ހިތްރުއްސާ ކުދިން ދައްކާވާހަކައެވެ. މިނިސްޓަރ އެވެ! ހޭ އަރާށެވެ. މިއަދުގެ ޒުވާނުން ފުޓްބޯޅަވެސް ކުޅެއެވެ. ދަރުސް އަޑުއަހައި އިންތިޒާމްވެސް ކުރެއެވެ. އަދި މަޖާނަގައި ސަކަރާތްވެސް ޖަހައެވެ. ހަމަ އެއާއިއެކު، ނަމާދުވެސް އަދާ ކުރެއެވެ. އެހެނީ އެއީ މުސްލިމް ކުދިންނެވެ. މުސްލިމުންގެ ފަރްޟަށް މުސްލިމުން ބުރޫ ނުއަރުވާނެއެވެ. ފަހަރެއްގައި، މިނިސްޓަރ ކިޔަވަން ހުރި ޤައުމުގެ ޒުވާންކުދިން އަބަދު ކުޅޭ އުޅޭތީ ފެނިދާނެއެވެ. އަދި އެއީ ޒުވާނުން ކަމުގައި މަނިކުފާނަށް ހީފުޅުވެދާނެއެވެ. އެކަމު ދަންނާށެވެ! އެއީ އެހެންބައެކެވެ. މިއީ އެހެންބައެކެވެ. މިތާގެ އުޞޫލާ ހަމަތަކަކީ މިތާ އަހުލުވެރިން ޤަބޫލުކުރާ އުޞޫލާ ހަމަތަކެކެވެ. އެހެން ބައެއްގެ ސުލޫކު ގެންނަން އުޅެފިނަމަ ދެން މި ދީބުގެ ކޯފާ ލިބިދާނެއެވެ. އެހެނީ، ކޮންމެ ބަޔަކުވެސް އެބަޔަކު ޤަބޫލުކުރާ ގޮތެއްގެ މަތީ ދެމި ތިބެތެވެ. އެއީ ހަރުދަނާ މީހުންނެވެ.

ޒުވާނުންނަށް ބޭނުންވަނީ، ފިޒިކްލް ފިޓްނެސްއެއް އެކްންޏެއް ނޫނެވެ. ރޫޙާނީ ނުވަތަ ސްޕިރިޗުއަލް ފިޓްނަސް ވެސް ބޭނުންވެއެވެ. ދަންނާށެވެ، އިސްލާމް ދީނަށް ބޯ ނުލަބައި ކާމިޔާބެއް ނުލިބޭނެއެވެ. މުޖުތަމަޢުގެ ހަމަޖެހުން އޮތީ އިސްލާމީ ޝަރީޢަތުގައެވެ. ވީމާ މި ޤައުމުގައި އިސްލާމްދީނުގެ ޝިޢާރު ފާޅުކުރުން އެއްވެސް ޢިލްމުވެރިއަކަށް މަނާނުކުރާށެވެ. ތިމާގެ އަބުރާ ޢިއްޒަތަށްޓަކައެވެ. ވޭތުވެ ދިޔަތަނުން ޢިބްރަތް ލިބި އެއިން ޢިބްރަތް ޙާޞިލުކުރާށެވެ. މާދަމާ ގެ ޒުވާނުންނަކީ ހަމައެކަނި ފުޓްބޯޅަ ކުޅޭ ބަޔަކަށް ވެއްޖެނަމަ ދެން މި ޤައުމު ހިންގާނީ ގަލޮޅު ދަނޑުގައި ކަމަށްވެސް ވެދާނެއެވެ. ނޫނީ ރިޔާސީ އިންތިޚާބް ބާއްވާނީ ޕްރެޒިޑެންޝަލް ޗެމްޕިއަންޝިޕްގެ ނަމުގައި ފުޓްބޯޅަމުބާރާތެއް ބާއްވައިގެން އެއިން ޗެންޕިއަންކަން ލިބޭ ޕާޓީއަކަށެވެ. ދެން އޭރަށް ހިންގޭނީ ޤައުމެއް ނޫނެވެ. ކޮންމެވެސް އެހެން އެއްޗެކެވެ.... murasil

No comments:

Post a Comment