Monday, May 10, 2010

އެމްޑީޕީގެ ޕޮލިސީއާއި ފުށުއަރަނީއެވެ

މުސްރިފު، މުރާސިލް
އިސްލާމްދީން ހިމާޔަތްކުރާ ޤަޥާޢިދެއް ބާއްވައިގެން ނުވާނެ !
އެހެންދީންތަކަށް ފުރުސަތު ނުދިނުމަކީ އަހަރެމެންގެ ޕޮލިސީއެއްނޫން

ޤާނޫން ނަމްބަރ 94/6 ، ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒުން ހެދި ޤަވާޢިދު ސަރުކާރުގެ ގެޒެޓްގައި ޝާޢިޢު ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިންކާރުކުރައްވައިފިއެވެ. އެއޮފީހުގެ ޕްރެސް ސެކްރެޓަރީ ވިދާޅުވެފައިވަނީ އެޤަވާޢިދުގައި ޤާނޫނީ މަސްއަލަތަކެއް ނެތްކަމަށެވެ. ނަމަވެސް ޕޮލިސީ މަސްއަލަތަކެއް އެބަހުރިކަމަށެވެ.

ޕޮލިސީ މަސްއަލަތަކެއް ހުރިކަމަށް ވިދާޅުވިނަމަވެސް އެއީ ކޮންޕޮލިސީއެއްގެ، ކޮންކަހަލަ މަސްއަލަތަކެއް ކަމަށްވިދާޅުވާކަށް އެބޭފުޅާއަކަށް ކެރިވަޑައެއްނުގަތެވެ. ސަބަބަކީ ދިވެހިރާއްޖޭގައި އިސްލާމްދީން ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް ވަރަށްބޮޑަށް ބާރުއަޅާފައިވާ ޤަވާއިދަކަށް އެޤަވާޢިދުވެފައި، ދިވެހިރާއްޖެއަށް ހުޅަގުން ގެންނަން ބޭނުންވާ ލާދީނީ އޮއިވަރުތަކަށް ހުރަސްއަޅާ ޤަޥާޢިދަކަށް އެޤަޥާޢިދު ވާތީއެވެ. އެމްޑީޕީއަކީ އިގިރޭސިވިލާތުގެ ކޮންޒަރވޭޓިވް ޕާޓީގެ ދިވެހިގޮފި ކަމަށްވެފައި އިގިރޭސިން ބޭނުންވާ ކޮންމެކަމެއް މިޤައުމުގައި ކޮށްދޭން އެމްޑީޕީ ބޭނުންވާނެއެވެ. އެއިގެ ތެރޭގައި އެހެންދީންތަކަށް ފުރުސަތު ހުޅުވާލުންވެސް ހިމެނެއެވެ. އެމްޑީޕީގެ ޕޮލިސީއަކީ އެއީއެވެ. އެފަދަ ލާދީނީ ޕޮލިސީތަކާއި ވަރަށް ފާޅުކަންބޮޑުގޮތެއްގައި މިޤަޥާޢިދު ދެކޮޅެވެ. އެހެންވީމައި މިޤަޥާޢިދުވާނީ އެމްޑީޕީގެ ޕޮލިސީއާއި ދެކޮޅުއެއްޗަކަށެވެ.

މީހުންދިރިއުޅޭ ރަށްރަށުގައި ބަނގުރާވިއްކުން ހުއްދަކުރަން އެމްޑީޕީ ސަރުކާރުން ހެދި ޤަޥާޢިދަކީ އެފަދަ ފުރިހަމަ ދެވަނައެއްނުވާ އެއްޗެއްކަމަށް އެމްޑީޕީގެ އައުވާނުން ޤަބޫލުކުރިއެވެ. އެއީ މިދެންނެވި ފަދަ އިސްލާމްދީނާއި ޚިލާފް ޤަޥާޢިދަކަށް ވީތީއެވެ. މިހާރު މިޤަޥާޢިދަކީ އިސްލާމްދީން ހިމާޔަތްކުރާ އެއްޗަކަށްވީތީވެ އެމްޑީޕީގެ ޕޮލިސީއާއި ފުށުއަރަނީއެވެ. ބަނގުރާ ހުއްދަކުރާ ޤަޥާޢިދު ހުއްޓުވަން މަގުމައްޗަށް ނިކުތް މުސްލިމު ދިވެހިރައްޔިތުން އަދިވެސް މިޤައުމުގައި އެބަތިއްބެވެ. މިޤަޥާޢިދު ޝާއިޢު ނުކޮށްފިނަމަ ނިކުންނަންވެސް އެމީހުން އަދި މިޤައުމުގައި އެބަތިއްބެވެ. murasil

No comments:

Post a Comment