Thursday, May 20, 2010

އިސްލާމް މާއްދާއާއި ދިވެހި މާއްދާގެ މުހިއްމުކަން



'އިސްލާމް މާއްދާއާއި ދިވެހި މާއްދާގެ މުހިއްމުކަން

ނަސާރާއިންނާއި ޔަހޫދީން ފަދައިން މިހާރަކަށް އައިސް ދިވެހިންވެސް އިސްލާމްދީނަށް ފުރައްސާރަކުރަމުންދާކަމީ ވަރަށް ހިތާމަހުރިކަމެކެވެ. ދީނަށް ފުރައްސާރަކުރަމުންދާ މީހުން ގަބޫލުކުރާގޮތުގައި އިގިރޭސީ މާއްދާއާއި ބޭރުގެ މާއްދާތައް ރަގަޅަށް ކިޔެވީމަ އެކުއްޖަކަށް ކިޔެވުނީއެވެ.އިސްލާމް މާއްދާއަކީ މަޖުބޫރު މާއްދާއެއްނޫނެވެ މުސްލިމަކަށްވީމަ އެއޮތީނިމިފައެވެ.އެކަމަކު އެމީހުން އެގަބޫލުކުރާގޮތަށް އިގިރޭސީ އެނގިގެން ދީންކިޔަވާމީހުންވާނީ ޑޮޓުންނަށެވެ. ދެން އިނގިރޭސީ އެނގުނީމަ ދީންދަސްވާނަމަ ކީއްވެގެންތޯ ޔޫރަޕްގެ މުސްލިމުން ސަޢުދިއަރަބިޔާއަށާއި މިސްރުފަދަ އަރަބި ޤައުމުތަކަށް ދީންކިޔަވަން އައިސްމިތިބެނީ؟ އެހެނީ އެމީހުންނަކީ އުފަން އިނގިރޭސީންނަށްވާއިރު އެމީހުންގެ އަތުގައި ދީނީ ފޮތްތަކާއި ހުރިހާ ވަސީލަތްތައް ހުރީމަ ދީން އެގެންޖެހޭނެ ނޫންތޯއެވެ.

އެކަމަކު ޔޫރަޕް މީހުން އެޤައުމުތަކަށް އަންނަން ޖެހެނީ ދީނުގެ އަސްލާއި އުސޫލު އޮންނަގޮތަށް ދީންކިޔެވުން މުހިއްމުކަމަކަށްވާތީއެވެ. އިނގިރޭސީ ބަހުން ދީންކިޔަވާމީހުން ޖިހާދުކުރުމުގެ ނަމުގައި ޔޫރަޕް ފަސާދަކުރުމުގެ ސަބަބުން ދުނިޔޭގައިތިބި ހުރިހާ މުސްލިމުންގެ ނަން ހަޑިވެ ކޮންމެ މުސްލިމަކީ ޓެރަރިސްޓެއްކަމަށް ޤަބޫލުކުރެވުމުގެ ސަބަބުން މުސްލިމުންނަށް ޔޫރަޕްގެ ގައުމުތަކުގައި މިހާރަކަށް އައިސް އުޅެންދަތިވެއްޖެއެވެ. ހަމަ މިގޮތަށް ދިވެހިރާއްޖޭގައި ޑޮޓުންގެ ޖަމާޢަތެއް އުފެދި އިޤްތިސާދަށް ބޮޑުހީނަރުކަމަށް ގެނެސް ދުނިޔޭގެ ނަޒަރުގައި ރާއްޖެ ސިފަކުރެވިގެންދިޔައީ ޓެރަރިސްޓް ގައުމެއްގެ ގޮތުގައެވެ. ޑޮޓް ޖަމާޢަތުގެ މީހުން އަމިއްލައަށް އިންޓަނެޓުން ދީންކިޔަވައިގެން ޕާކިސްތާނަށާއި ވަޒީރުސްތާނަށް ގޮސް މަރުވުމުގެ ސަބަބުން އެއާއިލާތަކުގެ ކިތައްމީހުން ޔަތީމުވެފައި އެބަތިބިތޯއެވެ. އެހެނީ ދީނުގައި ހަނގުރާމަ ނުކުރާމީހުންނާއި ޖިހާދު ކުރުމުގެ ނަމުގައި ހަނގުރާމަކުރުމެއް ނުއޮވެއެވެ. އިނގިރޭސީ ބަހަށް ކިތައްމެ މޮޅުކުއްޖަކަށް ވިޔަސް ސްކޫލުން ދީން ނުކިޔަވާ ސްކޫލް ނިންމުމަށްފަހު އަމިއްލައަށް ދީންކިޔަވަން އުޅުނަސް އެކުއްޖަކަށް ދީން ނުކިޔެވޭނެއެވެ. ސަބަބަކީ ދީނުގެ މުސްޠަލަހާތު އިނގިރޭސީބަހުން ލިޔެފަހުއްޓަކަސް ނޭގޭނެތީއެވެ. ދީނާއި ނުލައި އަމާން މުޖުތަމަޢުއެއް ބައްޓަންކޮށް ނުދެވޭނެއެވެ. އެހެނީ ޤާނޫނުގައި ކުއްތަކާއި ކުށުގެ ޙުކުމް ތަންފީޒުކުރަން ޖެހެނީ ހަމައެކަނި ދުނިޔޭގައެވެ އުޚުރަވީ ޖަޒާއެއްނެތެވެ. އެކަމަކު ދީނުގައި ދުނިޔެވީ ޖަޒާއަކާއި އުޚުރަވީ ޖަޒާއެއް އޮވެއެވެ. އަމާން މުޖުތަމައުއެއް ބިނާވާނީ ދީން ދަންނަ ﷲއަށް ބިރުވެތިވާ މީހުންގެ މުޖުތަމައުގައިއެވެ. ގްރޭޑް އެގާރަ ބާރައިގައި އިސްލާމް ދިވެހި އިޚްތިޔާރީ މާއްދާތަކަށް ހެދުމުން ގިނަ ކުދިން މާއްދާތައް މަދުކުރުމުގެ މަގުސަދުގަޔާއި ކުރިޔަށް ދާންބޭނުންވާ ދާއިރާއާއި ނުބެހޭ ދެމާއްދާއަކަށްވާތީ ނުކިޔަވާނެއެވެ އެހެންވުމުން އެދެ އަހަރު ނިންމާފަ މުޖުތަމައުއަށް ނުކުންނަ އިރު ދީނީ މައުލޫމާތު މަދުވެ ދީނާއި ދުރެވެ ކުރިން ކިޔެވި އެއްޗެހިމަތިންވެސް ހަނދާނެތިގެންދާނެއެވެ.
ދެންއޮތީ ދިވެހިބަސް އިޚްތިޔާރުކުރާވާހަކަ .ރާއްޖޭގެ ދުސްތޫރުގައި ކަނޑައެޅިފައިވާ ގައުމީ ބަހަކީ ދިވެހިބަހެވެ. އެގޮތުން ކޮންމެ ދިވެއްސަކުވެސް އަމިއްލަ މާދަރީބަހަށް އިޙްތިރާމްކުރަންޖެހޭނެއެވެ. ދިވެހިންނަކީ އަމިއްލަ ބަހުން ވާހަކަ ދައްކާ ބަޔަކަށްވާތީ ފަޚުރުވެރިވާންޖެހޭނެއެވެ. އެހެނީ ބައެއްގައުމުތަކުގައި އެމީހުންގެ އަމިއްލަ ބަސް އޮވެފަ އިނގިރޭސީ ނުވަތަ ފުރަންޗް ގައުމީބަހަކަށް ހަދާފައި އެބަހުއްޓެވެ. އެކަމަކު ދިވެހިންނަށް މުސްތަޤިއްލު ބަހެއްވަނީ ލިބިފައެވެ. އެއީ ދިވެހިނަން ލިބެންޖެހޭ އިޖްބާރީ ހައްގެއް' އިޚްތިޔާރީ ހައްގެއް ނޫން' ކުއްޖާ ކިޔަވައި ނިމިގެން ރައްޔިތުންގެ މަޖިލިސް ނުވަތަ ވަޒީރުންގެ މަޖިލިސް ފަދަ ތަނެއްގައި ވާހަކަ ދައްކަންޖެހޭ އިރު ދިވެހިބަހުން ވާހަކަ ދައްކަން ނޭގެންޏާ އެކުއްޖަކު ކިޔެވި ކިޔެވުމުގެ ވެސް ފައިދާއެއް މުޖުތަމައުއަށްވެސް ފައިދާއެއްނެތެވެ. ކުޑައިރުންފެށިގެން ކުދިންނަށް އިގިރޭސީ ބަސް ދަސްކުރުމުގެ ބޭނުމުގައި މައިން ބަފައިން ކުދިންނާއި އިގިރޭސީން ވާހަކަ ދެއްކުމަކީ މީހާރު ރާއްޖޭގައި އާންމުވަމުން އަންނަކަމެކެވެ. މީގެ ނަތީޖާއަކަށްވަނީ ކުއްޖާ ބޮޑުވާއިރުވެސް މަންމަ ބައްޕަ މުދައްރިސް މިފަދަ ނަންތަކަށް ދިވެހިންކިޔަނީ ކީކޭކަށް ނޭގުމެވެ. އެކަމަކު އެއްވެސް ގައުމެއްގައި އެބައެއްގެ އަމިއްލަބަހަށް ވުރެ އިސްކަން ދޭންޖެހޭ ބަހެއް ނޯންނާނެއެވެ. ރާއްޖެއަކީ އާބާދީ ބޮޑު މުއްސަދި ގައުމަކަށް ނުވާތީ ރާއްޖޭގެ ކުދިންނަށް ތަޢުލީމް ހާސިލްކުރުމަށް ބައިނަލްއަގުވާމީ ބަސް މުހިއްމުވުން އެއީ އަމިއްލަ ބަސްނައްތާލައި ދިވެހިކުދިންގެ ކުރިމަގުއޮތީ އިގިރޭސީ ބަހާއިއެކު ކަމުކައި އެއްވެސް ބަޔަކު ދެކިގެންނުވާނެއެވެ. ދުނިޔޭގެ ބޮޑެތި މަޝްހޫރުގައުމުތަކުގެ ރަސްގެފާނުންނާއި ރައީސުންގެ ތެރޭގައިވެސް އިގިރޭސީ ބަހުން ވާހަކަދައްކަން ނޭގޭމީހުން އެބަތިއްބެއެވެ. އަދި އިނގިރޭސީ ބަސްއެނގިހުރެ އދ ޖަލްސާފަދަ ބޮޑެތި ޖަލްސާތަކުގައި އެމީހުންގެ އަމިއްލަބަހުން ވާހަކަދައްކާ މީހުންއެބައުޅެއެވެ. ސަބަބަކީ މުޅި ދުނިޔެއަށްވެސް އެމީހުންގެ އަމިއްލަ ބަހުގެ ހުރި މުހިއްމުކަމާއި އެބަހަށް ކުރާއިޙްތިރާމް އަންގާލުމުގެ ބޭނުމެވެ.ޒަމާން ތަރައްގީވީމަ ޔޫރަޕްމީހުންގެ ފަހަތުން ދުވާކަށް ނުޖެހޭނެއެވެ ތަރައްގީވި ޒަމާނުގައި ކޮންމެ ބަހަކުން ވާހަކަދެއްކިޔަސް ނޭގޭ މީހާއަށް އެބަސް ތަރުޖަމާވެގެން އެގޭފަދަ ވަސީލަތްތައް އެބަހުއްޓެވެ.
ޔަޤީނުންވެސް އެނގޭކަމަކީ 1980 ގެ އަހަރުތަކާ ހަމައަށް ދިވެހިރާއްޖޭގެ ޤައުމީ މުޤައްރަރުގެ ވަކި މާއްދާތަކެއްގެ ގޮތުގައި ޤުރްއާނާއި ޢަރަބި ބަސް ވެސް ކިޔަވައިދެމުން އައިސްފައިވާ ކަމެވެ. ނަމަވެސް، ޤުރްއާނާއި ޢަރަބި ބަހަށް ދުވަހެއް ދުވަހަކަށް ކުދިން ދަށްވެ، އެކަން ޙައްލުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް ނޭޅިދިއުމުގެ ނަތީޖާއަކަށް ވެގެންދިޔައީ އެމާއްދާތަކަކީ ކުދިން ގަޔާނުވާ މާއްދާތަކަކަށް ވެގެން ދިއުމެވެ. ދެން ފެނުނީ މިއަދު އަޅުގަނޑުމެންނަށް އިވެމުންމިދާ ހަކަލަ ފަރިއްސެއް ކިޔަންފެށިތަނެވެ. ދަރިންނަށް "މޮޅު ގޮތްތަކެއް ހޯދައިދިނުމަށްޓަކައި" ޤުރްއާން މާއްދާ، އިސްލާމް މާއްދާއާ އެއްކުރި ޚަބަރެވެ. ޢަރަބި މާއްދާ އިޚްތިޔާރީ މާއްދާއެއްގެ ގޮތަށް "ދުވަސްކޮޅަކަށް" ހަމަޖެއްސިއަޑެވެ. އޭގެ ދުވަސްކޮޅެއްފަހުން ފެނިގެން ދިޔައީ ޢަރަބިމާއްދާ ކިޔަވައިދިނުން މުޅިން ހުއްޓާލެވުނުތަނެވެ.
އެދުވަހު "ކުދިންނަށް ހޯދައި ދިން މޮޅު ގޮތްތަކުގެ" ނަތީޖާ މިއަދު މިއޮތީ ފެންނާށެވެ. އޭލެވެލް ހަދައިގެން މުޖުތަމައަށް ކުއްޖާ ނުކުންނައިރު ޚަތިމް ބަލައިގެން ޤުރްއާނުގެ އާޔަތެއް ކިޔަވަން އެނގޭނީ ވެސް މަދުކުއްޖަކަށެވެ. ޢަރަބި ބަހުން މިވަރުގެ މިންވަރެއް ވެސް ނުވެއެވެ. ކުއްޖާގެ ޢަރަބިތާނަ ލިޔުމުގެފެންވަރުގެ ވާހަކަ ހެވީ ނުދެއްކިއްޔާއެވެ
އިޒުލޭލު މީހުންވެސް އެމީހުންގެ ދީނައްޓަކައި އެމީހުންގެ ނަސްލައްޓަކައި ހަނގުރާމަ ކުރަމުންދާ ކަން އެއީ މުޅިދުނިވެސް ދަންނާނެކަމެކެވެ. އަދި ދުނިޔޭގެ ތާރީޚަށް ބަލާލާއިރުވެސް އިޓަލީވިލާތު ވަޓިކަންސިޓީއަށް ބަލާލިޔަސް އެބައެއްގެ ދީނައްޓަކައި ގުރުބާންވާވަރު ރަގަޅަށް އެނގޭނެއެވެ.
'' ހަމަކަށަވަރުން ތެދުމަގުގައިވާ މީހުންނަށް ކާމިޔާބުލިބޭނެއެވެ.'
މިލިޔުން ވިދާޅުވާ ބޭފުޅުން ވީހާވެސް ގިނަބަޔަކަށް މިލިޔުންފޯރުކޮށްދޭށެވެ. މީހަކަށް ރަގަޅުގޮތް ބުނެދޭމީހާއަށް ވެސް ސަވާބުލިބޭނެއެވެ.
murasil

No comments:

Post a Comment