Friday, May 28, 2010

ޢަދާލަތު ޕާޓީ ނޫސް ބަޔާން

­­­بسم الله الرحمن الرحيم

ޢަދާލަތު ޕާޓީ

މާލެ، ދިވެހި ރާއްޖެ

ނޫސް ބަޔާން

އަވަސް ސަމާލުކަމަކަށް އެދެން:

މިއަދު، ހުކުރު ދުވަހުގެ ރޭ، މާފަންނު ސްޓޭޑިއަމުގައި އޮތް އިންޑިޔާގެ މަޝްހޫރު ޢިލްމުވެރިއެއް ކަމުގައިވާ ޑރ. ޒާކިރު ނައިކުގެ ދީނީ ދަރުސުގެ ތެރޭގައި ސުވާލު ކުރުމަށް ލިބުނު ފުރުޞަތުގައި ރާއްޖޭގެ ޒުވާނަކު ތިމަންނާއަކީ މުސްލިމް ބައްޕައަކާ މައްމައަކަށް ލިބިފައި ހުރި، ދިވެހި ދަރިއެއް ކަމަށާއި ތިމަންނަ އިސްލާމް ދީން ޤަބޫލު ނުކުރާ ކަމުގައި އިޢުލާންކޮށް އިސްލާމް ދީނަށް ގޮންޖަހައި، ރާއްޖޭގެ ޤާނޫނު އަސާސީ މުގުރާލައި، މިރާއްޖޭގައި ޒަމާނުއްސުރެން އޮތް އާދަކާދައާއި އިސްލާމީ އެއްބައިވަންތަކަން ފުނޑުފުނޑުކޮށްލައި، އެގެނައި ހުތުރު ޢަމަލަކީ ޢަދާލަތު ޕާޓީން އިންތިހާއަށް ޙައިރާންވެ ދެރަވާ ކަމެއް ކަމުގައި ދަންނަވަމެވެ.

މިއަދު ދިވެހި ޒުވާނުންގެ ޙާލަތަށް ވިސްނާއިރު ދެރަވާންޖެހެއެވެ. ބައެއް މީހުން ތިބީ ދީނާ ދުރަށް ދިޔަ ދިޔައިނުން ގޮސް ހައްދުފަހަނަޅާ ގޮސްފައެވެ. ދީނުން ބޭރުވާން ކައިރިވެފައެވެ. މިއީ މިޤައުމުގައި މަދުނޫން ޢަދަދެކެވެ. އަނެއްބަޔަކު ދީނަށް ވަނުމުގެ ނަމުގައި އަނެއް ފަޅިން ބޭރުވެ ޝައްކާއި ވަހުމުގެ މާސިންގާ ކަނޑަކަށް ގޮސް އޮބާލަނީއެވެ. މިއިން އެއްވެސް ކަމަކާ ވިސްނާލައި ފިކުރެއްކޮއްލާނެ ބަޔަކު ޤައުމުގައި ނެތް ކަހަލައެވެ. ޝައްކެއް ނެތް ގޮތުގައި، ދިވެހި ރައްޔިތުންނަށް ފުރިހަމަ އިސްލާމް ދީން އަންގައި ދިނުމަކީ، އަދި ރާއްޖޭގައި މިއޮތް އިސްލާމީ ވަޙުދަތުގައި ރެނދެއް އެޅިޔަނުދީ ހިފެހެއްޓުމަކީ ދިވެހި ދައުލަތަށް ވާޖިބުވެފައިވާ ކަމެއް ކަމުގައިވާތީ، ވަރަށް ބޮޑަށް ހަލާކުވެ، އިސްލާމީ ރިވެތި އަޚްލާޤާއި ޢަޤީދާއާ ދުރަށްޖެހިފައި އޮތް މިޤައުމުގެ ބައެއް ލޮބުވެތި ޒުވާނުންނަށް ހެއުމަގު އަންގައި ދިނުމާއި އެކުދިންގެ އިސްލާމީ ވެށި އިޞްލާޙު ކުރުމަކީ ޤާނޫނީގޮތުން ދިވެހި ސަރުކާރުގެ ބޮލުގައި އެޅިފައިވާ ޒިއްމާއަކަށްވީތީ، މިޤައުމުގެ އަމަންއަމާންކަމާއި ޤާނޫނީ، އިސްލާމީ، ވެށި ވިއްސިވިހާލިވެގެން ދިއުމުގެ ކުރިން އެކަންކަން ހަމައަކަށް އެޅުވުމާއި، ނުފުށަށް އެނބުރެމުންދާ ޤައުމުގެ ސޯބުގެ ފާލު ހެއުކޮޅަށް އެޅުވުމަށް ވީހާވެސް ބޮޑަށް މަސައްކަތްކުރެއްވުމަށް މިފުރުޞަތުގައި އިލްތިމާސްކޮށް ދަންނަވަމެވެ. މާތް ﷲ މިޤައުމުގެ ވަޙުދަތު ޤާއިމު ކުރަށްވުމެވެ. އަދި އިސްލާމީ ކިޔާނު ހިފެހެއްޓެވުމެވެ. އަޅުގަނޑުމެންގެ ދަރިންނަކީ އިސްލާމް ދީން ދެކެ ލޯބިވާ، ދީން ދެކެ ފަޚުރުވެރިވާ ބައެއްގެ ގޮތުގައި ލެއްވުމެވެ. އާމީން! 28 މެއި 2010 ޢަދާލަތު ޕާޓީ

1 comment:

  1. yes. but what is islam dheen? peace tv?

    ReplyDelete