Friday, May 14, 2010

ދިވެހީންނޭ! މިއީ ބާތިލު ގޮތުގަ ތިބި، ދިވެހި ދީބު ފަސާދަކުރަންއުޅޭ ޚާއިނުންނެވެ!


ހުސްނުހީނާނު

އެއްވެސް ޝައްކެތްނެތް ގޮތުގައި، މިއަދު ދިވެހި ރާއްޖެއާއި ކުރިމަތިވެފައިމިވާ "ސުނާމީ" އަކީ ވަރަށް ނުރައްކާތެރިކަން ބޮޑު ސުނާމީއެކެވެ. މީގެ 6 ވަރަކަށް އަހަރު ކުރިން، 26ޑިސެމްބަރ 2004 ގައި މުޅި ދުނިޔެ ސިއްސުވާލި ސުނާމީން ދިވެހިންނަށް ކުރި އަސަރަށްވުރެ ނުރައްކާތެރި އެހާމެ ބިރު ބޮޑު އަސަރުތައް މި ސުނާމީގައި ދިވެހިންނަށް ކުރިމަތިވެދާނެ ކަމުގެ ބިރު ހީވާންފަށައިފިއެވެ. 2004 ގެ ސުނާމީގައި ހާލުގައި ޖެހުނު ލޮބުވެތި ދިވެހިން ވަޤުތީ ޖިފްޑިތަކުން ބަދަލުނުކުރެވި އުޅެނިކޮށް ދިވެހިންނާ ކުރިމަތިވެދާނެކަމަށް ބިރުހީވެފައިވާ މި ސުނާމީގައި ދިވެހި ޘަޤާފަތް ފުޑުފުޑުކޮށްލާނެ ކަމުގެ ބިރުހީވެއްޖެއެވެ.
އާއެކެވެ! އެ ސުނާމީ އަކީ ހަމަ ތި ހީކުރިކަންތަކެވެ. އެހެނީ ދެވެހި ކާބަފައިން ދައްކުވާދީފައިވާ ޙަޤީޤަތަކީ، އެބައިމީހުންނަކީ ޖާނާއި މާލުން އިސްލާމް ދީނަށްޓަކައި ޤުރުބާންވާން ތައްޔާރަށް ތިބި ބައެއްކަމެވެ. މަލާބާރީންނާއި، ފޯޗްޤީޒުން ރާއްޖެއަށް އަތް ގަދަ ކުރި ދުވަސްވަރުވެސް ދިވެހި އަބްޠާލުންވަނީ މިކަން ހާމަކޮށްދީފައެވެ.

ލޮބުވެތި އެންމެހާ ދިވެހިންނޭ! އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނަށް ދޫކޮށްފަ ދިޔަ "ރަންމުތް" ތަކުގައި، ދިވެހިންނަށް ޚިޔާނާތްތެރިވާ މީހުން ކޮޅުފައިން ޖެހުމުގެ ފުރުޞަތު ނުދޭށެވެ. އެހެނީ އިސްލާމް ދީނާއި ދިވެހިންގެ ޘަޤާފަތް ފުޑުފުކޮށް މުލުން ލުހެލުމަށްޓަކައި ދިވެހިންގެ ތެރެއިން ބައެއް ޤައްދާރު ޚިޔާނާތްތެރީން ކާފަރު ފަރަންޖީންނާއި ގުޅިގެން މަސައްކަތްކުރަމުން އެބަގެންދެއެވެ. އިސްލާމީ ތަރުބިއްޔަތާއި، ދިވެހި ބަސް އިޚްތިޔާރީ މާއްދާއަކަށް ހަދަން ނިންމުން މިއީ މީގެ އެތައްލައްކަ ބޮޅުތަކުގެ ތެރެއިން ވަރަށް ހާމަކަން ބޮޑު ބޮޅެކެވެ. މި ޚިޔާނާތްތެރީންގެ ބޭނުމަކީ މި ލޮބުވެތި ދިވެހި ދީބުން އިސްލާމް ދީން ފޮހެލުމެވެ. ތިޔަ އެންމެހާ ލޮބޮވެތި ދިވެހީންނަށް މި ފަހަކަށް އައިސް ކަންތައް ވަމުން މި ދާ ގޮތުން އެކަންތައް އެނގޭނެކަން ކަށަވަރެވެ.
ދިވެހިންނޭ! އަޅުގަނޑުމެންގެ ކާބަފައިން ދޫކޮށްފައިވާ އަގުބޮޑު ތަރިކާގައި ކޮޅުފައިން ޖެހުމުގެ ފުރުޞަތު މި ޚިޔާނާތް ތެރިންނަށް ދޭނަމުތޯއެވެ. އެއްވެސް ޝައްކެތް ވަހުމެއްނެތް ގޮތުގައި އެންމެހާ ދިވެހީން އެއްއަޑުން ދޭނެ ޖަވާބަކީ "ނޫން! ދުވަހަކުވެސް ނުދޭނަން." ކަން ޔަޤީނެވެ. ސަބަބަކީ ދިވެހިންނަކީ ފެށުނީއްސުރެ މާތްވެގެންވާ އިސްލާމްދީނަށް އުޅެމުން އަންން ބަޔެކެވެ. އެހެންކަމުން ދިވެހި ދީބުން މި ދީން ނައްތާލުމަށްޓަކައި، އެއްވެސް ޚާއިނަކަށް ޖާގައެއްނެތެވެ. އެހެންކަމުން އެފަދަ ޚާއިނުން ހެޔޮމަގަށް ރުޖޫއަވެ އެންމެހާ ދިވެހިންނާއެކު އިސްލާމް ދީން ހިމާޔަތް ކުރުމަށް އަންނާށެވެ.
ދިވެހިންނޭ! އަޅުގަނޑުމެންގެ ލޮބުވެތި ވަތަނުން އިސްލާމްދީންނައްތާލުމަށްޓަކައި މިއަދު ޚާއިނުންކުރަމުންދާ މަސައްކަތްތައް ބަލަން ތިބެވޭކަށް ނެތެވެ. އެ މީހުންނަށް ފުރުޞަތު ދީފިނަމަ އެބައިމީހުން މިކަން ކުރަން ލަހެއް ފަހެއް ނުޖެހޭނެއެވެ. ސަބަބަކީ އެއީ އިސްލާމް ދީނާއި، ދިވެހި ލޮބުވެތި ވަތަނުގެ ޚާއިނުން ކަމަށްވާތީއެވެ.
ހެޔޮވިސްނޭ އެންމެހާ ދިވެހިންނޭ! އެންމެހާ ބެލެނެވެރިންނޭ! އެންމެހާ ފިރިހެނުންނޭ! އެންމެހާ އަންހެނުންނޭ! އަޅުގަނޑުމެންގެ ދީބުން އިސްލާމް ދީނުގެ އަސާސްތައް ނައްތާލިޔަނުދިނުމަށްޓަކައި އަޅުގަނޑުމެން މަސައްކަތްކުރަނީ އަޅުގަނޑުމެންގެ ކާބަފައިންގެ ތަރިކަ ހިމާޔަތް ކުރުމަށްޓަކައެވެ. އަޅުގަނޑުމެންގެ ޅަދަރީންގެ މުސްތަޤުބަލަށްޓަކައެވެ. އެހެނީ މިއަދު އަޅުގަޑުމެން ޚިޔާނާތްތެރީންނަށް ޖާގަދީފިނަމަ، އަޅުގަނޑުމެންގެ ޅަދަރީންގެ މުސްތަޤުބަލު ހަލާކުކޮށްލާނެތެވެ. އިސްލާމް ދީނަށް ފުރައްސާރަކުރާ، ދީން ޤަބޫލޫނުކުރާ ޚިޔާނާތްތެރީންނަށް އެކުދިން ބަދަލުވެދާނެއެވެ. ވުމާއެކު ވިސްނާ ހޭ އަރާށައެވެ. ދިވެހި ދީބުގައި ޚާއިންނުން ހިންގަން އުޅޭ މި "ޖަރީމާ" ހިންގިޔަނުދޭށެވެ. ވެވެނުވަރަކުން އެކަމާ ނުރުހުން ފާޅުކޮށް ދެކޮޅު ހަދާށެވެ. އިސްލާމް ދީނަށްޓަކައެވެ. ދިވެހި ބަހަށްޓަކައެވެ.
މިފަދަ އެތައް ސަބަބުތަކަށްޓަކައި، އިސްލާމީ ތަރުބިއްޔަތު އަދި ދިވެހި ބަސް އިޚްތިޔާރީ މާއްދާއެއްގެ ގޮތުގައި އޮތުމަށް ނިންމި ނިންމުން ބަދުލުކޮށް ކުރިންވެސް އޮތްގޮތަށް އެ މާއްދާތައް ބާއްވާންޖެހެއެވެ.
ދިވެހިންނޭ! ޚާއިނުންދައްކާވާތައް ދެކޮޅު ނުޖެހޭކަމާއި، އެބައިމީހުންގެ މަކަރުވެރި ރޭވުން ތިޔަ އެންމެހާ ލޮބުވެތި ދިވެހިންނަށް އެނގޭނެކަންކަށަވަރެވެ. އިސްލާމީ ތަރުބިއްޔަތު އިޚްތިޔާރީ މާއްދާއަކަށް ހެދީ އެކަންޏެއްނޫނެވެ. އަދި ހަމައެއާއެކު "ކޮމްޕެއަރިޓިވް ރިލިޖަން" ނުވަތަ ދީންތައް އަޅައިކިޔުމުގެ މާއްދާވެސް މުޤައްރަރުކޮށްފިއެވެ. މިއީ ދީނާއި މެދު ދިވެހި ދަރީންގެ ހިތުގައި ޝައްކު އުފެއްދުމުގެ ނިޔަތް ނޫން އިތުރު އެހެން އެއްވެސް މަޤްސަދަކަށް ކުރާ ކަމެއް ނޫންކަން އަޅުގަނޑު ހާމަ ނުކުރިޔަސް ތިޔަ ލޮބުވެތި ދިވެހީންނަށް އެނގޭނެކަންކަށަވަރެވެ. އެހެންކަމުން އެބައިމީހންގެ ރޭވުންތައް ހާމަވަ ފަޟީޙަތްވެއްޖެއެވެ.
ދިވެހިންނޭ! ހޭ އަރާށެވެ. މި ޚާއިނުންގެ ދުލުން ތިމަންމެން އިސްލާމްދީނާއި ދެކޮޅޭ، މިހެން ނުބުނާނެއެވެ. އަދި ފާޅުގަ އެފަދަ ކަމެއް ނުވެސްކުރާނެއެވެ. އެހެނަސް އެބައިމީހުންގެ ރޭވުމަކީ އިސްލާމްދީނުގެ އަސާސްތައް މަޑުމަޑުން ނައްތައި، ދީންމުގުރާލުމުވެ. ރާ ވިއްކުމުގެ ކަންތަކުގައި އެބައިމީހުން އުޅުނު ގޮތް އަދިވެސް ދިވެހީން ހަނދާން އެބަހުއްޓެވެ.
ދިވެހީންނޭ! މިއީ ބާތިލު ގޮތުގަ ތިބި، ދިވެހި ދީބު ފަސާދަކުރަންއުޅޭ ޚާއިނުންނެވެ! ނަމަވެސް އެބައިމީހުންގެ ލަނޑުދަޑިތައް ޙާޞިލުކުރުމަށް އެހެރަ މަސައްކަތްކުރަނީއެވެ. ޙައްގުގޮތުގައި ތިބި ދިވެހީން، އިސްލާމްދީން ޙިމާޔަތްކުރުމަށް ދެ ގުނައަށް މަސައްކަތްކުރާށެވެ. ތަފާތު އެކިގޮތްގޮތަށް މިކަމާ ނުރުހުންފާޅުކުރާށެވެ.
އަޅުގަނޑުގެ މި ލިޔުން ނިއްމާލާނީ ކީރިތި ޤުރުއާނުގައި ﷲވަޙީ ކުރައްވާފައިވާ މޫރިތި އާޔަތަކުންނެވެ. (يُرِيدُونَ أَنْ يُطْفِئُوا نُورَ اللَّهِ بِأَفْوَاهِهِمْ وَيَأْبَى اللَّهُ إِلا أَنْ يُتِمَّ نُورَهُ وَلَوْ كَرِهَ الْكَافِرُونَ) (އައް ތައުބާ-32) މާނައީ: "އެއުރެން އެދެނީ، ﷲގެ ނޫރުފުޅު (އެބަހީ އިސްލާމްދީން) އެއުރެންގެ އަނގަތަކުން ފުމެ ނިއްވާލުމަށެވެ. ނަމަވެސް، ކާފިރުން ކަތައްމެ ނުރުހުނަސް، ﷲ، އެ އިލާހުގެ ނޫރުފުޅު ފުރިހަމަކުރެއްވުމަށްމެނުވީ، އެ އިލާހު އިރާދައެއްނުކުރައްވަތެވެ" މާތްﷲ ދިވެހި ދީބު ސަލާމާތްކުރައްވާށި. އާމީން! Ihavandhoolive

1 comment: