Wednesday, May 12, 2010

އިޚްތިޔާރީ އެއްޗަކަށް ހަދައިގެންނުވާނެއެވެ



ރައްޔިތުންގެ ކިބައިން މަޝްވަރާއެއް ހޯއްދެވުމެއްނެތި އިސްލާމް، ދިވެހި، ދެމާއްދާ އިޚްތިޔާރީ މާއްދާތަކަށް ބަދަލުވަނީ
މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވަނީ މިބަދަލު މިގޮތަށް ގެންދެވުމަށް ނިންމަވާފައެވެ. އަދި ކަމާބެހޭ ކެންޕޭން އީޑީސީގެ ފަރާތުން ކުރަށްވަމުން އެބަގެންދަވައެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ރާއްޖޭގައި ތަޢުލީމާބެހޭގޮތުން ބޭއްވުނު މަހާސިންތާގެ ވިސްނުމާ ޚިލާފަށް މަތީ ސާނަވީ ތަޢުލީމުގެ ކަރިކިއުލަމަށް ބަދަލުތަކެއް ގެންނަވަން ޤަޞްދު ކުރަށްވައި އެކަމުގެ މަގު ކޮށްޓަވަމުން މިނިސްޓްރީން އެބަގެންދަވައެވެ. އިސްލާމް މާއްދާއާއި ދިވެހި މާއްދާއަކީ މަތީ ސާނަވީގައި އިޚްތިޔާރީ އެއްޗަކަށް ހެދުމުގެ ކެންޕޭނެއް އީޑީސީގެ ފަރާތުން ޖައްސަވަމުން އެބަގެންދަވައެވެ. ހުރިހާ މާއްދާއެއް އިޚްތިޔާރީ ކުރުމަށޭ ކިޔައިގެންނެވެ. މިކަމަކީ އަޅުގަނޑުމެންގެ ޅަދަރިންގެ މުސްތަޤްބަލް ބަނަވެގެން ދާނެ ކަމެއްކަން ކަށަވަރެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވަނީ މިބަދަލު މިގޮތަށް ގެންދެވުމަށް ނިންމަވާފައެވެ. އަދި ކަމާބެހޭ ކެންޕޭން އީޑީސީގެ ފަރާތުން ކުރަށްވަމުން އެބަގެންދަވައެވެ. އެހެންނަމަވެސް މިކެންޕޭން ކިހާ މިންވަރަކަށް ކާމިޔާބު ވާނެތޯ، އެއީ އުފެދޭ ސުވާލެކެވެ. ކެންޕޭން ކާމިޔާބުވުމާއި ނުވުމުގެ ބާރު އޮތީ އަދި މައިންބަފައިންނާއި ބެލެވެރިންގެ އަތްޕުޅު މަތީގައެވެ. މިކަމާމެދު ބެލެނިވެރިންގެ ތެރޭން ގިނަ މީހުން އަދި ދަނީ ނުރުހުމުގެ ޝުޢޫރު ފާޅު ކުރަމުންނެވެ. އެހެން ނުވާންވީ ވެސް ކީއްވެގެންތޯއެވެ؟ މައިންބަފައިންނާއި ބެލެނިވެރިންގެ ދަރިންތައް ދީނާއި ދުރަށް ދިޔަ މިންވަރު ބޮޑަށް އެނގޭނީ އެމީހުންނަށް ވިއްޔާއެވެ. އަނެއްކޮޅުން ތިމަތިމާމެން އަމިއްލައަމިއްލައަށް ނެޓުތަކުންނާއި މަގުމަތިން ބައެއް ޒުވާންކުދިން ދީން އުނގެނެމުން ދިއުމުގެ ސަބަބުން ދީނުގެ އަޞްލާއި ހަމަ ނޭގި، ދީނުގެ ނަމުގައި ނުރަނގަޅު ގޮތްތައް ޚިޔާރުކޮށްގެން ތިބި ޒުވާންކުދިން މިހާރު ރާއްޖޭގައި މަދު ނޫން ޢަދަދަކަށް ތިބި ކަމީ ދެބަސް ނުވެވޭން އޮތް ޙަޤީޤަތެކެވެ. އެއާއެކު ދީން ޤަބޫލުނުކުރާ ހިސާބަށް ތިމާމެންގެ ފިކުރާއި ޝުޢޫރު ގެންދެވި، ދީނު އެތަކެއް ކަންކަމާ މެދު ޝައްކުގެ ނަޒަރަކުން ދެކެމުންދާ ކުދިންވެސް އަޅުގަނޑުމެންގެ ތެރޭގައި މަދެއްނޫނެވެ. މިހުރިހާ ކަމެއްގެ ކެކުޅުމާއި ވޭސް އަޅާނީ މައިންބަފައިންގެ ހިތުގައެވެ.

މިބުނެވުނު ދެގްރޫޕުގެ ކުދިންވެސް އުފެދޭން ދިމާވެފައިވަނީ މުހިއްމު އެއް ސަބަބަކާ ހުރެއެވެ. އެގޮތުން ބުނެވޭނީ އެއީ އިސްލާމް ދީނުގެ ފުރިހަ ޢަޤީދާ އެކުދިންނަށް ސާފުކޮށް ދެވިފައި ނެތުމެވެ. ދީނީ ފިކުރު އެކުދިންގެ ހިތްތަކުގައި އަށަގެނެވެންޖެހޭ މިންވަރަށް އަށަގެންނެވިފައި ނެތުމެވެ.

އަޅުގަނޑުމެންނަށް ޚަބަރު ލިބިފައިވާ ގޮތުގައި މިމައްސަލައާ ބެހޭގޮތުން މަޝްވަރާކޮށް، މަޢުލޫމާތު ސާފުކުރުމަށްޓަކައި ޢަދާލަތު ޕާޓީގެ އިސް ވަފުދެއް މިނިސްޓްރީ އޮފް އެޑިއުޝަންގެ އިސް ބޭފުޅުންނާ ވަނީ ބައްދަލުކޮށް، އެކަން ޔަޤީން ކޮށްފައެވެ. މިނިސްޓްރީން އެކަން ކަށަވަރުކޮށް ދެއްވުމާއެކު އަންގަވާފައިވަނީ މިހާރު މައްސަލައޮތީ ވަޒީރުންގެ މަޖިލީހަށް ގެންދިއުމުގެ މަރުޙަލާއާ ހަމައަށް ގޮސްފައި ކަމަށެވެ.

ޤައުމީ މަންހަޖު ބަދަލު ކުރުމަކީ ނުވަތަ އިސްލާމީ ޤައުމެއްގެ ތަޢުލީމީ ފަލްސަފާ އެފުށްމިފުށަށް ޖެހުމަކީ ވަޒީރުންގެ މަޖިލީހުން ނިންމާލައިގެން ފަރުޖެހޭ ވަރުގެ ކަމެއް ނޫނެވެ. މިމައްސަލާގައި ޚިޔާލު ހޯދުމުގެ ގޮތުން އަޅުގަނޑުމެން ޢަދާލަތު ޕާޓީގެ އިސްބޭފުޅަކާާ ގުޅާލުމުން ވިދާޅުވީ މިއީ، ހަމައެކަނި ވަޒީރުންގެ މަޖިލީހުން ޚިޔާލެއް ހޯދައިގެން ފުއްދާލެވޭނެ ކަމެއްނޫންކަމަށެވެ. މުޅި ޤައުމުގެ ކޮންމެ ފަރުދަކާ ސީދާ ގުޅިފައި އޮތް މައްސަލައެއްގެ މަޝްވަރާ ކޮންމެ ކޮންމެ ފަރުދަކާ ކުރަންޖެހޭނެ ކަމަށެވެ. އަޅުގަނޑުމެން މިދައްކަނީ ސަރުކާރުން ކޮންނަންއުޅޭ ފަޅެއްގެ ވާހަކައެއް ނޫނެވެ. މިއީ ޤައުމުގެ މުސްތަޤްބަލުގެ ވާހަކައެކެވެ. ޤައުމުގެ އަދާއި މާދަމާގެ ބާއްޖަވެރިކަމާއި އަބާއްޖަވެރިކަމާ ގުޅިފައިއޮތް ވާހަަކައެކެވެ. ޤައުމުގެ ޅަދަރީން ބިނާކުރުމުގެ ވާހަކައެވެ. ޤައުމުގެ ޢަޤީދާ ހަރުދަނާ ކުރުމާއި ފުނޑުފުނޑުވެގެން ދިއުމުގެ ވާހަަކައެކެވެ. މިފަދަކަމެއް ބަދަލު ކުރެވޭއިރު، އެކަމާމެދު ޚިޔާލާއި މަޝްވަރާ ދިނުމުގައި ޤައުމުގެ ކޮންމެ ފަރުދެއްގެ ޙިއްޞާ ނެތި، އެކަން ނިމިގެންނުވާނެއެވެ. އަޅުގަނޑުމެން މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ފަރާތުން އެދެނީ ތަޢުލީމުގެ ހުރިހާ މަރުޙަލާއެއްގައިވެސް އިސްލާމް މާއްދާ މަޖްބޫރު މާއްދާއެއްގެ ގޮތުގައި ބޭއްވުމަށެވެ.

އަދިވެސް އޭނާ ވިދާޅުވިއެވެ. މިއީ އަޅުގަނޑުމެންގެ ޢަޤީދާ ވަޅުޖެހުމާއި ގެއްލިގެންދިއުމުގެ މައްސަލައެކެވެ. މިމައްސަލަ މިގޮތަށް ދާން ރައްޔިތުން ދޫކޮށްލައްވައިގެން ނުވާނެއެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ދީނަށް މާބޮޑު ސަމާލުކަމެއް ނުދެވި، ދީނީ މާއްދާ މަޖްބޫރޭ ކިޔައިގެން އުޅުނު އިރު، ދަރިވަރުން ހަލާކުވެދިޔަވަރު މިއަދު މިއޮތީ ހިތި ތަޖްރިބާއިން އެނގޭށެވެ! އެހެންކަމަށް ވާނަމަ އިސްލާމް މާއްދާއާއި އަޅުގަނޑުމެންގެ ސަޤާފަތް ދައްކުވައިދޭ ހަމައެކަނި ވަސީލަތް ކަމުގައިވާ ދިވެހި އިޚްތިޔާރީ އެއްޗަކަށް ހަދައިގެންނުވާނެއެވެ. ރާއްޖޭގައި ދިރިއުޅޭ ޣައިރު މުސްލިމު ކުދިން އިސްލާމް މާއްދާގެ ގަޑި ޖެހުމުން ކްލާހުން ނިކުމެގެންދާ ފަދައިން، އިސްލާމް މާއްދާއާއި ދިވެހި މާއްދާއާ ޖެހުމުން މުސްލިމު ދިވެހި ކުދިން ކްލާހުން ނިކުމެގެން ދާން ދޫކޮށްފިނަމަ، އެކުދިން ނިކުމެގެންދާނީ އެކުލާހަކުން އެކަންޏެއް ނޫންކަން ކަށަވަރެވެ. އެކުދިންނަށް ނޭގުމެއްގެ ތެރޭގައި، އޭރު ނިކުމެގެން ދެވޭނީ އެކުދިންގެ ދީނުނުގެ ތެރޭންނެވެ. އެކުދިންގެ ސަގާފަތުގެ ތެރޭންނެވެ. މިއީ ދިވެހި ކޮންމެ ރައްޔިތަކު ވިސްނާ ވަޑައިގަންނަވަން ޖެހޭ ކަމެކެވެ. އެގޮތަށް އިސްލާމް ގަޑީގައްޔާއި ދިވެހި ގަޑީގައި ކްލާސް ދޫކޮށްފައި ބޭރަށް ދާނީ އަޅުގަނޑުމެންގެ މައް ދިވެހި ދަރިންނެވެ. އަޅުގަނޑުމެން އެކުދިންގެ އަޚްލާޤު ރަނގަޅު ނުވެގެން އުޅޭ އަޅުގަނޑުމެންގެ ލޮބުވެތި ދަރިންނެވެ. އެކުދިން ތަރުބިޔަތު ކުރުމުގެ ފުރިހަމަ ޒިއްމާ އަޅުގަނޑުމެންގެ ބޮލުގައި އެޅިފައިވާ އަޅުގަނޑުމެންގެ ލޯބިވާ ކުދިންނެވެ. މިއީ ކޮންމެ ދިވެހި ދަރިއަކު ވިސްނާލަންޖެހޭ ކަމެކެވެ. ކޮންމެ މުރައްބީއަކު ފިކުރުކުރައްވަންޖެހޭނޭ މައްސަލައެއްކަން ކަށަވަރެވެ. މުރާސިލް

No comments:

Post a Comment