Friday, May 28, 2010

މިރަނގަބީލު ބުޅަލުގެ ކަރުގައި އަޅަންކެރޭނީ ކޮން މީދަލަކަށްބާއެވެ


ލިޔުއްވީ: އަލީ ނަސ

ގާތްގަނޑަކަށް މީގެ 900 ވަރަކަށް އަހަރުގެ ކުރިން ރާއްޖޭގައި ތިބޭ ސައްތައިން ސައްތަ ޣައިރު މުސްލިމުންނެވެ. އޭގެފަހުން، ރާއްޖޭގައި ހިނގި ޚުރާފީ ޙާދިޘާއަކާ ގުޅިގެން ރަސްގެފާނާއި ދިވެހި އެންމެން އިސްލާމް ދީން ޤަބޫލުކުރީއެވެ. މުސްލިމުންނަށް ދިވެހި ބުޑިސްޓުން ބަދަލުވެގެން ދިޔައީއެވެ. ދީން ބަދަލުކުރީ ވަރަށް ފަސޭހަ ގޮތަކަށެވެ. އެދީނަށް އިންކާރު ނުކޮށް މިދީނަށް ވަން ކަހަލައެވެ. ބާގަޑި ބާއްވާފައި އަލަށް ލިބުނު ގަޑިއެއް އަތުކުރީގައި އަޅާލާ ބީދައިންނެވެ.

ޑރ. ޒާކިރު ނައިކުގެ ނަޞީޙަތް އަޑުއަހަން މާފަންނު ސްޓޭޑިއަމަށް ދިޔަ ގިނަ ގުނަ ދިވެހިންގެ ތެރޭން، ސުވާލު ޖަވާބު ސެޝަނުގައި ތިމާއަކީ މުސްލިމެއް ނޫންކަމުގައި އިޢުލާންކުރަމުން ދިޔަ ޒުވާނާ، ތިމާގެ ނަމަކީ ނާޒިމޭ ބުނެ ތަޢާރުފު ވުމަށްފަހު އޭނާ އިސްލާމް ދީން ދޫކޮށްފައިވާތީ އޭނާގެ ޙުކުމަކީ ކޮބައިތޯ ޑރ.ގެ އަރިހުން އެދުނެވެ.
މިއަކީ ދިވެހި މުސްލިމް މުޖްތަމަޢަށް މިހާރަކު އައު ކަމެއްނޫނެވެ. އަދި އައު އިޢުލާނެއްވެސް ނޫނެވެ. 1988 ވަނަ އަހަރު މާލޭގައި ގިނަ ޢަދަދެއްގެ ޒުވާނުން ތިމަންމެންނީ މުސްލިމުން ނޫންކަމަށާއި ތިމަންމެން މިތިބީ ނަޞާރާ ދީން ޤަބޫލުކޮށްގެން ކަމަށް އިޢުލާންކުރަން ފެށިއެވެ. މިކަންތައް ހައްދުން ބޭރުވާ ހިސާބަށް ގޮސް ކުޑަކުޑަ ކުއްޖަކު އޭނާގެ މަންމަ ކާފިރުވެއްޖެ ކަމާއި އޭނާއަށްވެސް ކާފިރުވުމަށް މަންމަ މަޖްބޫރު ކުރަމުންދާވާހަކަ ކަމާބެހޭ ފަރާތަށް ގޮސް ތަކުރާރުކޮށް ބުނުމުން، އޭރުގެ ސަރުކާރުން މިޖަމާޢަތުގެ ތެރޭން ކޮންމެވެސް ބަޔަކު ބަންދުކުރިއެވެ. ދުވަސްކޮޅެއް ނުވަނީސް ސަރުކާރުން އެމީހުންނަށް، ކުޑަ ހިނދުކޮޅެއްގެ ތެރޭން އިސްލާމް ދީން އުނގަންނައިދިނުމަށް ފަހު ދޫކޮށްލީއެވެ. ދިގު މުއްދަތެއްގައި އުނގެނިފައި އޮތް ކްރިސްޓިއަން ދީން ކުޑަ ހިނދުކޮޅެއްގެ ތެރޭން ބަދަލު ކުރެވޭނީ ހާދަ ކުޅަދާނަ ބަޔަކަށްތާއެވެ.
މިހާރު ރާއްޖޭގައި ޢަމަލުކުރެވެމުން މިދާ ޤާނޫނު އަސާސީ އުފައްދަމުން ދިޔަ ދިއުމުގެ ތެރޭގައި އެޤާނޫނުގެ ދަށުން ދިވެއްސަކަށް ވެވޭނީ މުސްލިމަކަށޭ، ބުނެ ހުށަހެޅުނު އިޞްލާޙާ މެދު ހިތްހަމަ ނުޖެހިގެން ފާޑުވިދާޅުވި ޚާއްޞަ މަޖިލީހުގެ ބައެއް ބޭފުޅުން އިޢުލާންކުރަމުން ދިޔަކަމީ ސިއްރުކުރެވިފައި އޮތް ކަމެއްނޫނެވެ. ދިވެހި ދަރިން، ދިވެހި އައިޑެންޓިޓީއާއި ޕާސްޕޯޓު ލިބިގެން، ޣައިރުމުސްލިމުގެ ގޮތުގައި އުޅެމުންދާ ކަމަށާއި، މިގޮތަށް ދިވެއްސަކަށް ވުމަށްޓަކައި މުސްލިމަކަށް ވުން ޝަރުޠު ކުރެވޭނަމަ އެމީހުންގެ ޙައްޤު ގެއްލިގެންދާނޭ ކަމަށް ބަޔަކުމީހުން ދަޢުވާ ކުރަމުން ދިޔައެވެ. މިގޮތަށް ދަޢުވާ ކޮށް ދިވެހި ވަޒަންވެރިކަމާއި، ދީން ދޫކޮށްފައި ތިބި ޣައިރު މުސްލިމުންތަކެއް ދީނަށް ވެއްދުމަޓަކައި ދިނުމަށް މަސައްކަތް ކުރަމުން ދިޔައީ ވެސް ހަމަ ދިވެހިންނެވެ.
މިބުނެވުނު މާއްދާގެ މިބުނެވުނު އަކުރު ޤާނޫނު އަސާސީގައި ބޭއްވުމަށް ފެންނަ ނުފެންނަ ވޯޓަކަށް މަޖްލީހުގެ ރިޔާސަތުން އެދިވަޑަައިގަތުމުން ވޯޓު ނުދެއްވާ ދެބޭފުޅަކު އެމަޖިލީހުގައި ތިބިކަމީވެސް މިތާގައި ފާހަގަ ކޮށްލަން ޖެހޭ ކަމެކެވެ.
މިއަދު ރާއްޖޭގައި އިންޓަރނެޓު ސައިޓުތައް ހަދައިގެން ސީދާ އިސްލާމް ދީނާ ޚިލާފަށް، އިސްލާމީ ޝަރީޢަތާ ޚިލާފަށް، ދީނުގެ ބޮޑެތި މައްސަލަތަކާ ޚިލާފަށް ގޮންޖަހަމުން މުރުތައްދުގެ އިޢުލާންކުރަމުންދާ ދިވެހިން އެބަތިބިކަން އަޅުގަނޑުމެން ދަންނަންޖެހެއެވެ.
ރާއްޖޭގެ ބައެއް ނޫސްތަކުގައި މަދުން ނަމަވެސް ދޭތެރެ ދޭތެރެއިން ދީނުގެ ކޮންމެވެސް ބޮޑު މައްސަލައަކާ އިދިކޮޅަށް ކޮންމެވެސް ކަހަލަ ނޭދެވޭ އެއްޗެއް ބުނެ ހަދަމުންދާތަން ވެސް އެބަ ފެންނަމުންދެއެވެ.
ތަންކޮޅެއް ކުރިން ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން އެބޭފުޅުން އިސްލާމް ދީނުގައި އެބޭފުޅުންނަށް ދީފައިނުވާ ޙައްޤުތައް ހޯދަން މަސައްކަތް ކުރަމުންދާ ވާހަކަ، މީޑިޔާއަށް އަރާ އިޢުލާން ކުރަމުންގޮސްފައިވާ ކަމީވެސް އަޅުގަނޑުމެންގެ ހަނދާނުން ފުހިގެންދާނެ ވަރަކަށް ދުރުގައި ހިނގާފައިވާ ކަމެއްނޫނެވެ.
ނަޞާރާ ދީން ފެތުރުމަށް މަސައްކަތް ކުރިކަމުގެ ތުހުމަތުގައި 1998 ވަނަ އަހަރު، ރާއްޖެ ނާދެވޭގޮތަށް ބޭރުކުރި ކިތަންމެ ބަޔަކު މިހާރު ރާއްޖެ އައިސްގޮސް އުޅޭ ކަމީ ތޯތޯ ވާހަކައެއްނޫނެވެ.
2005 ވަނަ އަހަރު އައްޑޫއަތޮޅު ހިތަދޫ މުޙިއްބުއްދީނު ސްކޫލުގައި ކީރިތި ރަސޫލާއަށް ވަރަށް ހަޑިހުތުރުކޮށް ބަސްބުނެ އެއްޗެހި ގޮވި އިންޑިޔާ ޓީޗަރަކު ޑީޕޯޓު ކުރުމަށްފަހު މިއަހަރު ހދ. ކުޅުދުއްފުށީ ޖަލާލުއްދީން އިސްކޫލުގައި ކިޔަވާން އައިސްފައި ހުރިކަމީވެސް ގިނަބަޔަކު ދެނެތިބި ސިއްރެކެވެ.
1998 ވަނަ އަހަރު މިދެންނެވި ގޮތަށް މާލޭގައި ތިމާމެންނީ މުސްލިމުން ނޫންކަމުގައި ނުވަތަ ތިމާމެންނީ ނަޞާރާއިން ކަމުގައި އިޢުލާންކުރި މީހުންވެސް ހަމަ މިރާއްޖޭގައި އުޅެމުންދާކަމީ އެންމެން ދެނެތިބި ސިއްރެކެވެ.
އަނދިރި އަނދިރިންގެ އަތްދަށުގައި ވެގެން ބިރުންނާއި ފައިސާއަށާއި ލޯބީން ދީން ކޮށް ޣައިރު މުސްލިމުކަމުގެ ޝަރަފު ހޯދި މީހުންވެސް ތާރީޚުގައި ވަނީ ވެއަތުވެ ގޮސްފައެވެ.
ކަޅު މުޙައްމަދު ރަސްގެފާނާއި އެނޫންވެސް ރަސްރަސްކަލުންގެ ކަޅު ޞަފުޙާތަކުން ދިވެހި ތާރީޚު ކަޅުވެފައިވާލެއްވެސް ކުޑައެއް ނޫންކަމުގައި، ތެދުތެދަށް ބުނާނަމަ ބުނަންޖެހެއެވެ. ހަމައެއާއެކު އިސްލާމް ދީނުގައި ކަނޑައެޅިފައި ހުރި ބައެއް މައްސަލަތަކާ އިންކާރުކޮށް އިޢުލާންކޮށް ބައެއް ވެރިން ވެސް ތާރީޚު ފަވާލާފައި ގޮސްފައިވާކަން އަޅުގަނޑުމެން ހަނދާނުގައި ބަހައްޓަން ޖެހެއެވެ.
މިހުރިހާ ޞަފުޙާތަކެއް އުކާލި ކަމުގައިވިއަސް މިޙާދިޘާތަކަށް ވުރެން ބޮޑު ތެދު ޙަޤީޤަތެއް އެބަ އޮވެއެވެ. އެއީ ރަނގަޅަށް އިސްލާމް ދީން އެނގިފައި ހުރި މީހަކު އިސްލާމް ދީން ދޫކޮށް، އެހެން ދީނެއް އިޚްތިޔާރު ނުކުރާނެއެވެ. ނުވަތަ އިސްލާމް ދީނާ އިންކާރެއްވެސް ނުކުރާނެއެވެ.
ސުވާލަކީ މިކަންކަމުގެ ޒިއްމާ އުފުލަންޖެހެނީ ކޮންބައެއް ބާއެވެ! ދީން ދޫކޮށްލާފައި ދާމީހާބާއެވެ! ނުވަތަ އެމީހުން ކުދިންގެ ސިފައިގައި ތިއްބާ ތަރުބިޔަތުކޮށް ބޮޑުކުރި މީހުން ބާއެވެ! އެމީހުންނަށް މަގުދައްކައި ހޭނުވި ސަރުކާރާއި މަދްރަސާތައް ބާއެވެ! އެމީހުންނާއި ކަންކަން ޙަވާލުކޮށްގެންތިބި މައިންބަފައިންނާއި ބެލެނިވެރިންބާއެވެ! ތިމާމެންނާއި ދީނުގެ ކަންކަން މަތިކުރައްވައި، މާތް ﷲ ފޮނުއްވި ދީނުގެ ޢިލްމުވެރިން ބާއެވެ.
ހަމަ ގައިމު މާދަމާ ކޮންމެވެސް އެއްބަޔަކާ މިކަމާ ސުވާލުކުރެވޭނެކަން ކަށަވަރެވެ. އެބަޔަކު ޖަވާބުދޭން ޖެހޭނެކަމީ ޝައްކެއް އޮތް ކަމެއްނޫނެވެ.
މިޤައުމުގައި އެކަހަލަ ނާޒިމުން މަދެއް ނޫނެވެ. އަމިއްލައަށް ތިމާގެ ނަމަކީ ނާޒިމޭ ކިޔާމީހުންނެވެ. 1998ވަނަ އަހަރު އިޢުލާން ކުރި މީހުންވެސް މެއެވެ. މިޤައުމުގެ ޕާސްޕޯޓުތައް ހިފައިގެން ބޭރުގެ ފައްޅިތަކުގައި ހިނގާލަ ހިނގާލާ އެތިބަ ބޭރުމީހުންނެވެ. މިއީ ބޭރުމީހުންނެވެ. ދިވެހިންނެއް ނޫނެވެ. އެއީ ޤާނޫނު އަސާސީ ބުނާގޮތުން އެމީހުން ދިވެހިންނަށް ނުވާތީއެވެ. އެހެންކަމުން މިމީސްމީހުންގެ އަތުން ދިވެހި ޕާސްޕޯޓު އަތުލަން ޖެހެއެވެ. އެމީހުންނަށް ޙައްޤު އެއްޗަކަށް ނުވާތީއެވެ. ދިވެހި ސަރުކާރުގެ މިލްކަކަށް ވާތީއެވެ. ޤާނޫނު އަސާސީން އެޙައްޤު ނިގުޅައިގަންނާތީއެވެ. މިކަން ކުރުމުގެ ޒިއްމާ އޮތީ ސަރުކާރު ބޮލުގައެވެ. ނޫންނަމަ އެމީހުން އިސްލާޙުކޮށް އަލުން ތައުބާގެ މަގު އެމީހުންނަށް ދައްކަން ޖެހެއެވެ. މިއީވެސް ހަމަ ސަރުކާރުގެ ވާޖިބެކެވެ.
އަޅުގެ ހިތަށް އަރައެވެ. މިއީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އިސްލާމް މާއްދާގެ މަޖްބޫރުކަން ކަޑާލުމަށް ގަދައަޅައި ކުރަމުންދާ މަސައްކަތަށް ކުރިމަތިވި އިމުތިޙާނަކަށް ނުވޭބާއެވެ! ނުވަތަ އެޑިއުކޭޝަނުން ބޭރުގެ އެހީ ލިބިގެން ހިންގަމުންދާ އިސްލާޙީ ޕްރޮގްރާމުގެ ކާމިބީގެ ހެއްކަކަށް މިކަން މިމިސާލުތައް ނުވޭބާއެވެ!
ކޮންމެއަކަސް މި ސައްތައިންސައްތަ މުސްލިމު ޤައުމުގެ ސައްތަކަން ޤާނޫނީ ގޮތުން ކެނޑިގެން ނުދިޔަ ކަމުގައި ވިއަސް ޢަމަލީގޮތުން ކެނޑިގެން މިއޮތްދަނީއެވެ. ޤާނޫނު ނަގަހައްޓައި ދަމަހުމީ ދައުލަތުގެ ތިން ބާރުގެ މައްޗަށް ލާޒިމުކުރާ ކަމެކެވެ. ސަރުކާރުގެ މައްޗަށެވެ. ޢަދުލުއިންޞާފު ހިންގަން ތިބިމީހުންގެ މައްޗަށެވެ. ރައްޔިތުންގެ މަޖިލީހުގެ މައްޗަށެވެ. އެކަމަކު މިރަނގަބީލު ބުޅަލުގެ ކަރުގައި އަޅަންކެރޭނީ ކޮން މީދަލަކަށްބާއެވެ! ADHALATH

No comments:

Post a Comment