Wednesday, May 12, 2010

އާދެ ޒުހޭރު ހުރާލި ބަށްޅިގަނޑުން ވަނީ ޒުހޭރުގެ މޫނުމަތީގައި ޖަހައިފައެވެ.


ހަސަންދީ

ރައީސް ނަޝީދާއި ޕްރެސް ސެކެއްޓްރީ ޒުހޭރުގެ ސޯޓު ފައިދަށަށް!!!
މިއަދު އަޅުގަނޑުމެންގެ ރާއްޖޭ ވެފައި މިވަނީ އެހެން ދީންތަށް ފަތުރާ މީހުންގެ އެންމެ މުހިންމު އެއް އަމާޒު ފަތްގަނޑަކަށެވެ. އެއްޒަމާނެއްގައި މިފަދަ މީހުން އިސްލާމް ދީނާ ދެކޮޅަށް ތަފާތު ވަސްވާސްތަށް އުފެއްދުމަށްޓަކައި އެކި ގޮތް ގޮތުން މަސައްކަތް ކުރަމުން ގޮސްފައިވަނީ ބޮޑު ފޮށީގެ އެތެރޭގައި ބޮނދާ ތިބެގެންނެވެ. ނަމަވެސް ރައީސް ނަޝީދުވެސް ވިދާޅުވާ ފަދައިން ކޮންމެ ކަމެއްގައިވެސް ހިނދުކޮޅުތަކެއް އަންނާނެއެވެ. މިއަދު އަޅުގަނޑުމެންނަށްވެސް މިވަނީ އެފަދަ ހިނދުކޮޅެއް އައިސްފައެވެ. ރާއްޖޭގައި އޮތް ދީނީ އެއްބައިވަންތްކަނސް ނިގުޅައިގަތުމަށްޓަކައި ރޭ ދުވާ ކެނޑި ނޭޅި މަސައްކަތް ކުރަމުން ދާ ފަރާތްތައް މިއަދު ވަނީ ބޮޑު ފޮށިން ބޭރުވެ ސީދާ މައިދާނަށް ނިކުމެފައެވެ. ނަތީޖާއެއްގެ ގޮތުން ދިވެހިންގެ ތެރޭގައި ތިބި ހިތުގައި އެއްވެސް އީމާންކަމެއް ނެތް މަދު ކުދިންކޮޅެއް މިއަދު މިވަނީ އެފަދަ މީހުންގެ ދަންތުރަތަކުގައި ވަރަށް ރަނގަޅަށްވެސް ޖެހި ބެދިފައެވެ.


ދިވެހި ރާއްޖޭގައި އޮތް އިސްލާމް ދީން ހިމާޔަތްކޮށް ކުރި އެރުވުމަކީ ޤައުމުގެ ހާކިމާގެ މަސްއޫލިއްޔަތެކެވެ. ނުވަތަ ހާކިމާ ޒިންމާ ހަވާލުކުރާ ފަރާތެއްގެ މަސްއޫލިއްޔަތެކެވެ. އަދި އެބަޔަކަށް ވާޖިބެކެވެ. މިއަދު ދިވެހި ރާއްޖޭގައި މިދެންނެވި މަސްއޫލިއްޔަތަ ބޮލުގައި އަޅުއްވައިގެން ތިއްބެވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ބޭފުޅުންނެވެ. މިބޭފުޅުން ދީނަށްޓަކައި މިއަދާ ހަމައަށް ކުރަށްވަމުން އައި ގިނަ ގުނަ މަސައްކަތަށް އަޅުގަނޑުމެން ހިތުގެ އަޑިން ޝުކުރު އަދާކުރަމެވެ. މިބޭފުޅުންގެ އެންމެ މުހިންމު ޒިންމާއަކީ ރާއްޖޭގައި އިސްލާމްދީން ކުރި އަރުވާ އެދީން ހިމާޔަތް ކުރުން ކަމަށް ވުމާއެކު އެ ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރުމުގެ ގޮތުން މިބޭފުޅުން ވަރަށް ގިނަ ދުވަހުގެ ބުރަ މަސައްކަތާއެކު މިއަދު އެވަނީ ވަރަށް މުހިންމު ގަވައިދެއް އެކުލަވާލައިފައެވެ.

ގަވައިދު އެކުލަވާލައިފައިވަނީ ރާއްޖޭގެ ބަންޑާރަ ނައިބު ހުސްނުއް ޞުޢޫދުގެ އެހީތެރިކަމާ ލަފަޔާ އެކު ކަމަށް އިސްލާމިކް އެފެއާޒުން ހަބަރުދެއެވެ. އަދި މި ގަވައިދު އެކުލަވާލުމަށްފަހު ދިވެހި ފުލުނުހްނަށާއި، ރައީސް އޮފީހުގެ ހާއްޞަ ކޮމެޓީއަކަށްވެސް ހުށައަޅުއްވައި އެބޭފުޅުންގެ ފަރާތްޕުޅުންވެސް ފެހި ސިގްނަލް ލިބިވަޑައިގެންފައި ވާކަމަށް އިސްލާމިކް އެފެއާޒުގެ ސްޓޭޓު މިނިސްޓަރުވެސް ވަނީ ވިދާޅުވެފައެވެ. ގަވައިދުގެ އަމަލީ ހުރިހާ މަސައްކަތެއް ނިމި ގެޒެޓުގައި ޝާއިޢުކޮށްދިނުމަށް އެދި މި ގަވައިދު ރައީސް އޮފީހަށް ހުށައެޅުއްވުމުން ދެން ފެނިގެން މިދިޔައީ ވަރަށް ތަފާތު މަންޒަރެކެވެ. އެބޭފުޅުން ވިދާޅުވަމުން ގެންދެވީ މީގައި ޕޮލިސީ މައްސަލަތަކެއް އެބަހުރި ކަމަށެވެ. އަދި އެކަމާ ގުޅިގެން ބައެއްފަރާތް ތަކުން ޝަކުވާ ހުށައަޅުއްވަމުން ގެންދަވާ ކަމަށެވެ. ވަކިން ހާއްޞަކޮށް އެމް.އެން.ބީ.ސީ އާއި، ހިއުމަން ރައިޓްސް ކޮމިޝަންގެ ނަން މިތާނގައި އަޅުގަނޑު ފާހަގަ ކޮށްލާނަމެވެ. މި ދެ މުއައްސަސާއިން މި ގަވައިދާ ގުޅިގެން ބައެއް ޝަކުވާ ހުށައަޅުއްވާފައިވާކަމަށް ބުނިތާ ސައްވިސް ގަޑި އިރު ނުވަނީސް އެމް.އެން.ބީ.ސީގެ ހަލީލާއި، އެޗް.އާރު.ސީ.އެމްގެ ރައީސް ސަލީމު ވަނީ ޒުހޭރުގެ ވާހަކަ ދޮގު ކުރަށްވާފައެވެ. އާދެ ޒުހޭރު ހުރާލި ބަށްޅިގަނޑުން ވަނީ ޒުހޭރުގެ މޫނުމަތީގައި ޖަހައިފައެވެ.

ކޮންމެއަކަސް މިފަހަރު ޒުހޭރުގެ މޫނު މަތީގައި މި ޖެހުނު ބަށްލިގަނޑުން ފިސާރި ތަދު އެކަލޭގެއަށް އިހްސާސް ކުރެވޭނެއެވެ. އެހެނީ ޒުހޭރު ދަށްކާ ވާހަކަތަކުގެ ފެންވަރު މިހާރު މިވަނީ ދިވެހިންނަށް އެނގި ބޭޒާރުވެފައެވެ. އަދި ވަކިން ހާއްޞަކޮށް ދީނީ ކަންކަން ހުއްޓުވުމަށްޓަކައި ރައީސް އޮފީހުން ކުރަމުންދާ މަސައްކަތްވެސް މިއަދު މިވަނީ ވަރަށް ފުރިހަމައަށް ހާމަވެ އެންމެނަށް އެނގިފައެވެ. އަދި ރައީސް އޮފީހުގައި ލާދީނީ ފިކުރު އޮތް ހިސާބު މިކަމުން ވަރަށް ފުރިހަމަށް ސާބިތުކޮށްދެއެވެ. އަދި އަދުގެ ސަރުކާރަކީ އަލްމާނީ ސަރުކާރެއް ކަމަށްވެސް މިކަންތައްތަކުން ހެކިދެއެވެ.

މިގަވައިދުން މައްސަލަތަކެއް ފާހަގަ ކުރެވިގެން ތިމާމެން ކުރަން އުޅޭ ކަންތައްތަކަށް ހުރަސް އެޅިދާނެތެނީ ނުވަތަ އެތަށް ޒަމާނެއް ކުރިން ކުރަމުން އައި މަސައްކަތް ހުއްޓާލަން ޖެހިދާނެތީ ބިރުން އުޅެނީ ރާއްޖޭގައި ތަފާތު ދީންތަށް ފެތުރުމަށްޓަކައި މަސައްކަތް ކުރަމުން ދާ ފަރާތްތައް ކަމާމެދަކު ޝައްކެއްނެތެވެ. މިދަންނަވާ ވާހަކައިގެ ހަގީގަތް ރާއްޖޭގައި ހިންގައި ބައެއް ލާދީނީ ސައިޓުތަކާއި ބްލޮގުތަކަށް އާންމުކޮށް ވަދެ އުޅޭ ބޭފުޅުންނަށް ވަރަށް ރަނގަޅަށް ޤަބޫލުކުރެވޭނެއެވެ. އަޅުގަނދު ކޮންމެހެން ހިއްލަތާއި، ރައީސް އޮފީހުގައި އުޅޭ ހާޑިން ހަމްގެ ވާހަކޮ ކޮންމެހެން މިތާ ދަށްކާކަށް ނެތީމެވެ.
ކޮންމެއަކަސް ނިންމާލުމުގެ ކުރިން އަޅުގަނޑު ތިޔަ އެންމެ ބޭފުޅުންނަށް ދޭން އޮތް ނަސޭހަތަކީ ރައީސް ނަޝީދާއި އޭނަގެ ޕްރެސް ސެކެއްޓްރީ ޒުހޭރުގެ ވާހަކައަށް ދެން އެއްވެސް އިތުބާރެއް ނުކުރަށްވާށެވެ. އަދި ރާއްޖޭގައި ލާދީނީ ޙިޔާލުތަކާއި ފިކުރުތަށް ފަތުރަމުންދާ ފަރާތްތަކަށް ސަމާލުވުމަށްވެސް ތި އެންމެ ބޭފުޅުންނަށް ވަސިއްޔަތް ކުރަމެވެ.

އިސްލާމިކް އެފެއާޒުން ކުރަށްވަމުން ގެންދަވާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލަށްވާށިއެވެ! އާމީން. މުރާސިލް

No comments:

Post a Comment