Wednesday, May 19, 2010

ދިވެހިންގެ ދީނާއި، ބަހާއި ސަޤާފަތް ގާދޫކޮލުން ނުކުމެގެން ދަނީބާ؟

ޢަބްދުއްރައްޒާޤް ޢަލީ
ކުޅުދުއްފުށީ މީހެއްގެ ގާތު "ހާލުފޮޅި" އެވެ މީހަކު ބުނެފިނަމަ، އޭގެ ތުނިކަމާއި، ބައްޓަމާއި، ލާ ރަހައާބެހޭ ގޮތުން އިތުރު މަޢުލޫމާތެއް އޭނާއަށް ދޭކަށް ނުޖެހޭނެއެވެ. އެހުރިހާ ތަފްސީލުތަކެއް ހަމަވަގުތުން އޭނާގެ ހިތަށް އަންނާނެއެވެ. އެއީ އެސިފަތަކަކީ އެފޮޅި "ހާލުފޮޅި" އަށް ވުމުގެ އަސާސީ ސިފަތަކަށް ވާތީއެވެ. އޭގެތެރެއިން ބައެއް ސިފަތައް އުނިވެއްޖެނަމަ ޙަޤީޤީ މާނާގައި އޭގެ ޙައްޤު މަޤާމު އެއަކަށް ނުދެވޭނެއެވެ. އެހެން ނޫންނަމަ ބަނބުކެޔޮ ސައްކޭލަށް ވީހެވެ. ދަންނަވަން މިއުޅެނީ ހާލުފޮށީގެ މޮޅު ދެރަ ވާހަކައެއް ނޫނެވެ. އަދި ބަނބުކޭލާ ސައްކޭލުގެ ތަފާތުގެ ވާހަކައެއް ވެސް ނޫނެވެ. ދަންނަވަން މިއުޅެނީ އެއްޗެއްގެ އަމިއްލަވަންތަކަމާއި، ސިފައާނުލައި، އެ އެއެއްޗެއް "އެ އެއްޗަކަށް" ނުވާނެ ވާހަކައެވެ.
މިބީދައިން ބަލާއިރު، ދިވެއްސެކޭ ބުނެފިނަމަ، އޭނާގެ ބަހަކީ ދިވެހި ބަސްކަމާއި، އޭނާގެ ދީނަކީ އިސްލާމް ދީންކަން އެއްވެސް ދިވެއްސަކަށް އޮޅިގެން ނުވާނެއެވެ. ސުވާލަކީ މިއަދު މިކަން އޮތީ މިހެންބާވައެވެ؟ ދިވެއްސެކޭ ބުނުމުން އަޑުއަހާމީހާގެ ހިތަށް މިއަދު މި "އަމިއްލަވަންތަކަން" ސިފަކުރެވޭ ބާވައެވެ؟

ކޮންމެ ޖަވާބެއް ދެއްވިނަމަވެސް ޙަޤީޤަތަކީ ބައެއްގެ މާދަރީބަހާއި، ދީނަކީ އެބައެއްގެ ނަސްލާއި ސަޤާފަތުގެ އެންމެ އަސާސީ ދެރުކުނަށްވާއިރު، އެބައެއްގެ މުޅިތަޢުލީމީ ނިޒާމު ބައްޓަންވެގެން ދާންޖެހޭނީ މިދެރުކުނަށް ޚާއްސަ ސަމާލުކަމެއް ދެވިގެން ކަމުގައެވެ. ނަމަވެސް މިއަދު އަޅުގަނޑުމެންނަށް އަޑުއިވެމުން މިދަނީ ދިވެހިރާއްޖޭގެ މަތީ ސާނަވީގެ ދަރިވަރުންނަށް ދިވެއްސާއި އިސްލާމަކީ އިޚްތިޔާރީ ދެ މާއްދާގެ ގޮތުގައި (ކިޔަވަން ކޮންމެހެން ލާޒިމު މާއްދާތަކެއް ނޫންކަމަށް) ކަނޑައެޅުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ވާހަކަ އެވެ. މިކަން މިގޮތަށް ކުރުމަށް ސަރުކާރުން ދައްކާ އެއް ބަހަނާއަކީ ދުވަހެއް ދުވަހަކަށް ދިވެއްސާއި އިސްލާމުން ފާސްވާކުދިންގެ ޢަދަދު މަދުވުމެވެ. ވިސްނާލަން މުހިންމު އެއް ނުކުތާއަކީ ޢިލްމެއް ލިބިގަތުމުގައި، އެކަށީގެންވާ މިންވަރެއްގެ ކުރިއެރުން ނުލިބުމަކީ އޭގެ ހަޤީޤީ ސަބަބަށް ބެލުމެއްނެތި ކުއްލިއަކަށް އެޢިލްމެއް އުވާލަންޖެހޭ ސަބަބެއް ކަމުގައި ވަނީނަމަ، ދުނިޔޭގައި އުވާލަންޖެހޭ ޢިލްމުތައް ވަރަށް ގިނަވާނެކަމެވެ.

އެސް. އެސް.ސީ ގައި ދިވެއްސާއި، އިސްލާމުން ފާސް ނުވާކުދިންގެ ޢަދަދު މިހާބޮޑަށް އިތުރުވީ ހަމަކުއްލިއަކަށް ނޫނެވެ. 2003 ވަނަ އަހަރުން ފެށިގެން އެއް އަހަރުން އަނެއް އަހަރަށް މިނިސްބަތް ދިޔައީ އިތުރުވެ، ފެއިލްވާ ކުދިންގެ ޢަދަދު ގިނަވަމުންނެވެ. ނަމަވެސް މިކަމުގެ ޙަޤީޤީ ސަބަބަކީ ކޮބައިތޯ ބެލުމަށް ޤައުމީފެންވަރުގައި ކުރެވުނީ ކޮން ކަމެއްބާވައެވެ؟ އެޅީ ކޮންފިޔަވަޅެއް ބާވައެވެ؟

ފޮތުގައި ހުންނަ އެއްޗެއް ހަމަ އެޢިބާރާތުން ކިޔަވައިދިނުމަށް މަސައްކަތްކުރަމުން ގެންދާތީ، ފިލާވަޅު ފަހުމްކޮށް ދެނެގަތުމަށް ވަރަށްބޮޑަށް ދަތިވާކަމުގެ ޝަކުވާއާއި، މަޢުޟޫއާ ގުޅޭގޮތުން ޓީޗަރުންނަށް އެކަށީގެންވާ މިންވަރަށް މަޢުލޫމާތު ލިބިފައި ނުހުންނަ ކަމުގެ ޝަކުވާ އަކީ ދިވެއްސާއި އިސްލާމަށް ދަށްކުދިންގެ އިތުރުން އެންމެ ރަނގަޅު ނަތީޖާތައް ޙާސިލްކުރަމުންދާ ދަރިވަރުން ވެސް އަބަދު ކުރަމުންދާ ޝަކުވާއެކެވެ.

މިމައްސަލައާމެދު ރާއްޖޭގެ ދުވަހުނޫހަކުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ގްރޭޑް 10 ގެ ދިވެހިމާއްދާގެ ޓެކްސްފޮތް ހެއްދެވި އީޑީސީގެ އެޑިޔުކޭޝަން ޕްލޭނަރަކު ވެސް މީގެ އަހަރެއްހާ ދުވަސް ކުރިން މިމައްސަލައާމެދު ޚިޔާލުފާޅުކުރައްވާފައި ވެއެވެ. މިކަން މިހެން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި އޭނާ ވިދާޅުވާގޮތުގައި ޓީޗަރުންގެ ބަހުގެ ފެންވަރު ދަށްވުމާއި، ކިޔަވައިދެވޭ ގޮތް ރަނގަޅުނުވުމާއި، ތަޢުލީމީ އަހަރުގެ ތެރޭގައި މުޤައްރަރު ފުރިހަމަކުރަން އެކަށީގެންވާ ވަގުތު ޓީޗަރުންނަށާއި، ދަރިވަރުންނަށް ނުލިބުމުގެ ސަބަބުން މުޤައްރަރު ފުރިހަމަ ނުކުރެވޭގޮތް ވުމާއި، ފޮތްތަކާއި އިމްތިހާނު ރޭވިފައި އޮންނަ ގޮތް ވެސް ހިމެނެއެވެ.

މީގެއިތުރުން، ރާއްޖޭގެ ތަޢުލީމީ މަންހަޖުގައި ހުރި މައްސަލަތަކެއްގެ ސަބަބުން ވެސް ކުދިންގެ އަޚްލާޤު ގޯސްވުމާއި، ބައެއް މާއްދާތަކަށް ކުދިން ދަށްވުމުގެ މައްސަލަ ކުރިމަތިވެފައިވާކަމަށް ރާއްޖޭގެ ތަޢުލީމީ މަންހަޖް އެކުލަވާލުމަށް 2009 ވަނަ އަހަރު ސެޕްޓެމްބަރުމަހު 27 ވަނަ ދުވަހު ރާއްޖޭގައި ބޭއްވުނު މަހާސިންތާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ތަޖުރިބާކާރުން ވެސް ފާހަގަކުރައްވާފައި ވެއެވެ. ޕްރައިމަރީ ފެށުމުގެ މަރުޙަލާގައި ބަހާއި ސަޤާފަތާއި ދީނަށް ކުއްޖާގެ ހިތުގައި ލޯބިއުފެއްދުމަށް އެކަށީގެންވާ މިންވަރަކަށް މަސައްކަތް ނުކުރެވޭކަން އެބޭފުޅުން ފާހަގަ ކުރެއްވިއެވެ.

ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުގައި މިކަން ޙާސިލްކުރުމަށް މަގުފަހިކުރުމުގެ ގޮތުން ގްރޭޑް 1 ން 3 ށް އެޤައުމުގެ މާދަރީބަހުން ކިޔަވައިދީ، އެބައެއްގެ ސަޤާފަތަށް ކުދިން ހާނުވަން ޚާއްސަ ފިޔަވަޅުތަކެއް އެންމެ ފުރަތަމަ މަރުޙަލާއިން ފެށިގެން އަޅަމުން ގެންދެވެއެވެ. ނަމަވެސް އިނގިރޭސި ބަހަށް ފަޤީރުވެދާނެ ކަމުގެ ބިރު ހީވެގެން މިކަމަކަށް ރާއްޖެއަކުން ސަމާލުކަމެއް ނުދެއެވެ. ތަޢުލީމީ ދާއިރާގެ ގިނަ ތަޖުރިބާކާރުން ވެސް މިކަން ފާހަގަކުރައްވައެވެ. އަދި 2009 ވަނަ އަހަރު ބޭއްވުނު މަހާ ސިންތާގައި ވެސް މިކަމަށް (ގްރޭޑް 1 ން 3 ށް މާދަރީބަހުން ކިޔަވައިދިނުމުގެ މުހިންމު ކަމާމެދު) ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިފައި ވެއެވެ. ތަޢުލީމު ފެށުމުގެ މަރުޙަލާގައި އެބައެއްގެ މާދަރީބަހުން ކިޔަވައިދިނުމަކީ ކުދިން އިނގިރޭސި ބަހަށް ދަށްވާ ސަބަބެއް ކަމުގައި ވަނީނަމަ، އިނގިރޭސި ބަސް ފިޔަވައި އެބައެއްގެ މާދަރީބަހުން ގްރޭޑް 1 ން 3 ށް ކިޔަވައިދޭ ޤައުމުތަކުގެ ދަރިވަރުންގެ ތަޢުލީމީ ޙަޔާތް ނިންމާލާއިރު އިނގިރޭސިބަހަށް އެކުދިން އެހާބޮޑަށް ފަރިތައީ ކީއްވެތޯ އެއީ އުފެދޭ ސުވާލެކެވެ.

ބަހާއި ސަޤާފަތަކީ އެބައެއްގެ އަމިއްލަވަންތަކަން ދައްކުވައިދޭ، އެބައެއްގެ އަމިއްލަ ވަންތަކަމުގެ "ބަހާ" އަށް ވުމާއެކުވެސް 2006 ވަނަ އަހަރުގެ ބައިނަލް އަޤްވާމީ މާދަރީބަހާބެހޭ ދުވަހުގެ މުނާސަބަތުގައި ޔުނެސްކޯ އިން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ދުނިޔޭގައި ބޭނުންކުރަމުންދާ 6700 ބަހުގެ ތެރެއިން %45 ބަސް މިޤަރުނުގެ ތެރޭގައި އުވިގެންދާނެކަމަށެވެ.

ބައެއްގެ ދީނާއި ބަހާއި ސަޤާފަތަކީ އެބައެއްގެ މިނިވަންކަމާއި، އަމިއްލަވަންތަކަން ރަމްޒުކޮށްދޭ މިފަދަ މުހިންމު އަސާސްތަކަކަށް ވިއަސް، މިލޮބުވެތި ޤައުމުން މިއަދު އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ހިފެހެއްޓިފައި ހުރި ރަނގަޅު، ރިވެތި ކަންތައްތައް ނެތިގޮސް، ދިވެހި ޤައުމިއްޔަތުގެ ރުކުންތައް، މެދުއުޑުން ނެއްޓި، އޮއްސުމާ ދިމާއަށް މަޑުމަޑުން ދަތުރުކުރަމުންދާ މަންޒަރެވެ. ވިލާތުގެ ދީންތަކާއި، ބަހާއި، ސަޤާފަތް ދިވެހިންގެ ދީނާއި ބަހާއި ސަޤާފަތް އިސްތިޢުމާރު ކުރަމުންދާ މަންޒަރެވެ.

މިސާލަކަށް ދިވެހިންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ އެކަކު އަނެކަމަށް އެހީތެރިވުމާއި، އިޙްތިރާމުކުރުމާއި، ކިޔަމަންވުން މުޅިންހެން ދިވެހިންނާ ވަކިވެގެން ދިޔައީ ނޫންތޯއެވެ؟ ދީނަކީ މިނިވަންކަމާއި އިންސާނީ ޙައްޤު ޤަތުލުކުރާ ޤާތިލެއް ކަމުގައި ދެކޭ މީހުން ދުވަހެއް ދުވަހަކަށް މުޖުތަމަޢުގައި މިދަނީ އިތުރުވަމުން ނޫންތޯއެވެ؟ މަތީ ސާނަވީ މަރުހަލާގައި އަމިއްލަ ބަހާއި ދީން ކިޔެވުމަކީ ލާޒިމް ކަމެއް ނޫން ކަމަށް ބުނެ، އޭގެ ބަދަލުގައި ބިދޭސީ އިތުރު 3 ބަހެއް ކިޔަވައިދިނުމަށް ސަރުކާރުން ތައްޔާރުވަމުން ދަނީ ނޫންތޯއެވެ؟ ވީދި ހަލާކުވަމުންދިޔަ ރާއްޖޭގެ ދީނީ އަދި އަޚްލާޤީ ފޭރާން ހެޔޮކޮށް ރަނގަޅުކުރުމަށް މަސައްކަތް ކުރަމުންދިޔަ އެންމެ މުހިންމު އެއް މުއައްސަސާ އަދި ދިވެހިރާއްޖޭގެ ޢަރަބި އިސްލާމީ ތަޢުލީމުގެ ކުރިބޯށިކަމުގައިވާ ކުއްލިޔަތުއްދިރާސާތިލް އިސްލާމިއްޔާ އުވާލެވި ދިޔައީ ނޫންތޯއެވެ؟ ދިވެހިޤައުމިއްޔަތުގެ އަނެއް މަސްދަރު ކަމުގައިވާ ދިވެހިބަހާއި ސަޤާފަތް ދިރުވުމުގެ މަސްޢޫލިއްޔަތު އަދާކުރަމުންދިޔަ މުއައްސަސާ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު ވެސް އުވާލެވި ދިޔައީ ނޫންތޯއެވެ؟ ޤައުމުގެ ސްކޫލް މަދަރުސާތަކާއި އެއަރޕޯޓުތައް ފަދަ މުހިންމު ތަންތަން ޕްރައިވެޓައިސް ކުރެވި އެތަންތަން ދޭސީންގެ އަތްމަތިން ބީވެ، ބިދޭސީންގެ އަތްމައްޗަށް މިހިރަގެން އަރަނީ ނޫންތޯއެވެ؟ މަސްތުވާތަކެއްޗާއި، ވައްކަމާއި، ކަޓަރުއެޅުމާއި، މަގުފޭރުން ޢާންމުވެ، އަނބިދަރިންނާއެކު އަމާން ވެށްޓެއްގައި އަމިއްލަ ޤައުމުގައި، އަމިއްލަ ގޭގައި އުޅެވެން ނެތުމުން، ދަރިންގެ މުސްތަޤުބަލާމެދު ބިރުހީވެ، ތަނަވަސްކަމުގެ އަހުލުވެރިން އަމިއްލަ ޤައުމު ދޫކޮށް، ފުރަފުރައިގެން އެހެން ޤައުމުތަކަށް ޙިޖުރަކޮށް މިހިރަގެން ނިމެނީނޫންތޯއެވެ؟

ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ހާލުފޮޅީގައި ހިމެނޭ އަމިއްލަވަންތަކަން ނެތިގޮސް، ވިލާތުފޮޅީގެ ރަހައާއި ބައްޓަން އެއަށް އަތުވެއްޖެނަމަ، އެއަށް ކިޔުން ޙައްޤުކަން ބޮޑީ ހާލުފޮޅި ނޫންކަމެވެ. ވިލާތުފޮޅި ކަމެވެ. Adhalath

No comments:

Post a Comment